ސާކް އިން ގައުމުތަކުގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ފަންޑުކުރަން ފަށައިފި

ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ބޯޑު ބައްދަލުވުން ކުރިއަށް ދަނީ --

ސާކް ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އިން މެމްބަރު ގައުމުތަކުގައި ހިންގާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް މަޝްރޫއުތަކަށް ފަންޑިންގް ފޯރުކޮށްދޭން ފަށައިފި އެވެ.

އެ ފަންޑު ގާއިމުކުރީ ސާކްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހަލުއިކޮށް، ފަގީރުކަން ނައްތާލުމުގެ މަގްސަދުގައި، 2010 ވަނަ އަހަރު އެވެ.

ސާކް ޑިވެލޮޕްމެންޓް ފަންޑުގައި ތިން ވިންޑޯއެއް ހުރެ އެވެ. އެއީ ސޯޝަލް ވިންޑޯ، އިކޮނޮމިކް ވިންޑޯ އަދި އިންފްރާސްޓްރަކްޗާ ވިންޑޯ އެވެ.

އޭގެ ތެރެއިން މި ހަފްތާގައި ސާކް ޑިވެލޮޕްމެންޓުން ފަންޑުން ވަނީ ދެ ގައުމެއްގައި ހިންގާ ދެ އިންފްރާސްޓްރަކްޗާ މަޝްރޫއެއް އެޕްރޫވްކޮށް، އިންފްރާސްޓްރަކްޗާ ވިންޑޯގެ މަސައްކަތްތައް ފަށައިގެންފަ އެވެ.

ބޫޓާންގެ ވެރިރަށް ތިމްޕޫގައި ހުންނަ އެ ފަންޑުގެ އިދާރާގައި ބޭއްވި ބޯޑު ބައްދަލުވުމެއްގައި އެ މަޝްރޫއުތައް އެޕްރޫވްކޮށްފައިވާ އިރު، އެ ފަންޑުގެ ސީއީއޯ ޑރ. ސުނިލް މޮޓިވާލް ހާމަކުރެއްވި ގޮތުގައި އެ ދެ މަޝްރޫއަކީ ހަކަތައިގެ ދެ މަޝްރޫއު ކަމަށެވެ.

ފުރަތަމަ މަޝްރޫއަކީ ސްރީލަންކާގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން ކުނިން ހަކަތަ އުފައްދައި، އެގައުމުގެ ކަރަންޓު ގްރިޑަށް ކަރަންޓު ސަޕްލައިކުރާނެ އެވެ. އެ މަސައްކަތް ކުރާ ޕްލާންޓުން 13.2 މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ އެވެ.

ޖުމްލަ 64.55 މިލިޔަން ޑޮލަރުގެ މި މަޝްރޫއަށް ސާކް ޑިވެލޮޕްމެންޓް ފަންޑުން ސްރީލަންކާއަށް 15 މިލިޔަން ޑޮލަރުގެ ކްރެޑިޓް ދޭނެ އެވެ. މަޝްރޫއު ހިންގަނީ އިންޑިއާގެ އިންޖިނިއަރިންގް ކުންފުންޏަކުންނެވެ.

"މި މަޝްރޫއުގެ ސަބަބުން ސްރީލަންކާގެ ތަރައްގީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ. އެގޮތުން ސްރީލަންކާގައި ކުނި މެނޭޖްކުރުމުގެ މައްސަލައާއި ފޮސިލް ފިއުލް އެންދުމުގެ މައްސަލަ ހައްލުކުރަން އެހީތެރިވާނެ،" ސާކް ޑިވެލޮޕްމެންޓް ފަންޑުން ބުންޏެވެ.

އެ ފަންޑުން އެހީވެދޭ ދެވަނަ މަޝްރޫއަކީ ނޭޕާލްގައި ކޯރެއްގައި ގާއިމުކުރާ، 900 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ހައިޑްރޯ އިލެކްޓްރިކް ޕަވަރ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގައިގެން އުފައްދާ ކަރަންޓު ނޭޕާލްގެ އިތުރުން ބަންގްލަދޭޝާއި އިންޑިއާއަށް ވެސް ސަޕްލައިކުރަން ވަނީ ހަމަޖެހިފަ އެވެ.

ހޫނު މޫސުމުގައި ކަރަންޓަށް އޮންނަ ޑިމާންޑަށް އިޖާބަ ދިނުމުގެ މަގްސަދުގައި ހިންގާ މި މަޝްރޫއުގެ އަގަކީ ލަފާކުރެވޭ ގޮތުގައި 1.4 ބިލިޔަން ޑޮލަރެވެ. ސާކް ޑިވެލޮޕްމެންޓް ފަންޑުން 15 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފޯރުކޮށްދޭނެ އެވެ. މި މަޝްރޫއު ވެސް ހިންގަނީ އިންޑިއާގެ ކުންފުންޏަކުންނެވެ. އަދި މަޝްރޫއުގެ ސަބަބުން ނޭޕާލްގެ އިތުރުން އިންޑިއާ އާއި ބަންގްލަދޭޝްގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދީ، ނޭޕާލްގައި ވަޒީފާގެ ފުރުސަތުތައް އުފެދި، އިގްތިސާދަށް ކުރިއެރުން ލިބޭނެކަމަށް ސާކް ފަންޑުން ބުނެ އެވެ.

comment ކޮމެންޓް