ޗައިނާ އެގްޒިމް ބޭންކުގެ އޮފިޝަލުންނާ ސަފީރު ފައިސަލް ބައްދަލުކުރައްވައިފި

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފައިސަލް، ޗައިނާގެ އެގްޒިމް ބޭންކުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ޗައިނާގައި ހުންނަ ދިވެހި އެމްބަސީ

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. މުހައްމަދު ފައިސަލް، އެގައުމުގެ އެގްޒިމް ބޭންކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ޗައިނާގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވައިފިއެވެ.

ޗައިނާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާގެ އެހީގައި ކުރިޔަށް ގެންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާކަން ސަފީރު ފައިސަލް ހާމަކުރެއްވި ކަމަށެވެ.

ސަފީރު ވަނީ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހިނގި ކަންކަމާ ގުޅިގެން ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައްވެސް ހިއްސާ ކުރައްވައިފައެވެ.

"މިއީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ކުރިއަރުވައި، ކާމިޔާބުކޮށް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށް، ރާއްޖޭގެ އިގްތިސާދަށް ވަރަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނަމުން ދިޔަ ދަނޑިވަޅެއްގައި ދިމާވި ހޮންޖެހުމެއްކަން ފާހަގަކުރެއްވިއެވެ،" އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔަކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިިދޔަ އަހަރަކީ ގިނަ އަދަދެއްގެ ފޮރިން އިންވެސްޓްމެންޓް ރެޖިސްޓްރީކުރެވުނު އަހަރެއް ކަމަށާއި، ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ހާލަތު އެއްވެސް އިރެއްގައި، ބައެއް މީޑިއާތަކުން ބަޔާން ކުރާހާ ގޯސް ނޫން ކަމަށާއި، ނަމަވެސް ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ބައެއް ނޭދެވޭ އަސަރު ކުރިކަން [ސަފީރު] ފަހަގަކުރެއްވިއެވެ،" ބަޔާނުގައި ވެއެވެ.

ދިވެހި އެމްބަސީން ބުނީ އެ ބައްދަލުވުމުގައި ޗައިނާ އެގްޒިމް ބޭންކުގެ ޑެޕިއުޓީ ހޖެނެރަލް މެނޭޖަރު ލީ ޑަން ވަނީ، ދިވެހި ސަފީރު ދެއްވި މައުލޫމާތުތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ރާއްޖޭގެ އިގްތިސާދީ ދުވެހި ހުއްޓުމެއްނެތި ކުރިއަށް ދާނެކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށާއި، ރާއްޖެއާއި ދިވެހި ސަރުކާރުގެ އިގްތިސާދީ އެޖެންޑާއަށް އެ ބޭންކުގެ ފުރިހަމަ އެއްބާރުލުން އޮތްކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް