ކޮލޮމްބޯގެ މޭޔަރުކަމާ ރޯސީ ހަވާލުވެވަޑައިގެންފި

ކޮލޮމްބޯގެ މޭޔަރުކަމުގެ ހުވާ، ރޯސީ ސޭނާނަޔަކަ ކުރައްވަނީ ---

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ރޯސީ ސޭނާނަޔަކަ، އެމަގާމާ ހޯމަ ދުވަހު ހަވާލުވެވަޑައިގެންފި އެވެ.

ރޯސީއަކީ ކޮލޮމްބޯގެ ފުރަތަމަ އަންހެން މޭޔަރެވެ.

ރޯސީ މަގާމާ ހަވާލުވެވަޑައިގަތީ އިއްޔެ ލަންކާގެ ބޮޑުވަޒީރުގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

ކޮލޮމްބޯގެ ޑެޕިއުޓީ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ މުހައްމަދު އިގްބާލެވެ.

އެ ރަސްމިއްޔާތުގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ކޮލޮމްބޯގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ކޮލޮމްބޯގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން ޑެންގޫ ހުން ފެތުރުމާއި ކުނި ނައްތާލުމުގެ ނިޒާމުގެ މައްސަލަތައް ފަދަ ކަންކަން ހައްލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ވެސް ބޮޑު ޒިންމާއެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ސްރީލަންކާގައި ކުރިޔަށް ދިޔަ ލޯކަލް ގަވަމެންޓް އިންތިޚާބުގައި ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްކޮށް ހުންނަވައި އުފެއްދެވި އިދިކޮޅު ކޯލިޝަން، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އެވެ.

ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އަށް މެޖޯރިޓީ ލިބުނީ ނިސްބަތުން މަދު ކައުންސިލްތަކެއްގެ އެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކައުންސިލް، ވެރިރަށް ކޮލޮމްބޯގެ މުނިސިޕަލް ކައުންސިލް ހިމެނެ އެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ރޯސީ ސޭނާނަކަޔައަކީ މީގެ ކުރިން ލަންކާ ސަރުކާރުގެ ސްޓޭޓު މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭކަނބަލެކެވެ.

ރޯސީއަކީ އެކި ދައިރާތަކުގައި ހުރި މައްސަލަތަކާ ދެކޮޅަށް ވަކާލާތުކުރަމުން ގެންދެވި އެކްޓިވިސްޓެކެވެ. އދ.ގެ އަބާދީއާ ބެހޭ ޖަމިއްޔާ ޔޫއެންއެފްޕީއޭގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ރޯސީ ވަނީ 2004 އިން 2002 އަށް، މެލޭޝިއާގައި ހުންނަވާ ލަންކާ ސަފީރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

comment ކޮމެންޓް