މޯހަންގެ ތުހުމަތު: ރެފްރީން ޖެހިލުންވަނީ!

ކްލަބު އީގަލްސްގެ ކޯޗު، މުހައްމަދު ޝިޔާޒު (މޯހަން) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ މާލޭ ލީގުގައި ކްލަބު އީގަލްސްއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އިއްޔެ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި އީގަލްސްއިން ދެ ގޯލް ޖަހައި ލީޑު ނެގި ނަމަވެސް ދެވަނަ ހާފްގައި ނިއުއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗަށްފަހު ދެޓީމުގެ ފަރާތުންވެސް ޝަކުވާތައް އަމާޒުކުރީ ރެފްރީންނާ ދިމާއަށެވެ. ހާއްސަކޮށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ރެފްރީއާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

"ހަގީގަތުގައި އެންމެ ބޮޑަށް ދެރަވާންޖެހޭ ކަމަކީ ރެފްރީން ބިރު ގަންނާތީ. ޓީމެއްގެ ކުޅުންތެރިން ހަމަ ކިތައްމެ ބޮޑަށް ހަޅޭ ލެވިޔަސް ރެފްރީ ނުޖެހޭ ޖެހިލުންވާކަށް. މިއަދު ހަމަ ބޭރަށްވެސް އަޑުއިވޭނެ ކުޅުންތެރިން އައުގުރާނަ ގޮވި އަޑު. އެކަމަކު ހަމަ އޯކޭ. ފުރަތަމަ ހާފް 2-0. ފަހު ހާފަށް އަރައި ހަމަ ބިރު ދައްކައިގެން ހަޅޭލަވައިގެން ފަހު ހާފް އަރައި ސީދާ ދިމާ އިދިކޮޅަށް މިދިޔައީ،" މެޗަށްފަހު މޯހަން ބުންޏެވެ.

މާލޭ ލީގުގައި ނިއުއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މޯހަން ބުނީ ނިއުގައި ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިން ތިބުމަކީ ރެފްރީން ބިރު ގަންނަން ޖެހޭނެ ސަބަބެއް ނޫން ކަމަށާއި ފަހު ހާފްގައި މެޗުގެ ނަތީޖާ އެނބުރުނީ ރެފްރީގެ ސަބަބުން ކަމަށެވެ.

"ބިރުން ކަހަލަ ގޮތަކަށް މިދިޔައީ. ގައުމީ ޓީމުގެ ކުޅުންތެރިންވީމަ، ސީނިއާ ޓީމުގެ ކުޅުންތެރިންވީމަ ކޮންމެހެން އެހިސާބަށް ދާކަށް ނުޖެހޭނެ ކަންނޭނގެ. އެއީ މިއަދު ދިމާވި އެންމެ ބޮޑު މައްސަލައަކީ. ފުރަތަމަ ހާފްގައި ހަޅޭލެވުމުން ފަހު ހާފްގައި އަރާ ހަމަ ދިމާ އިދިކޮޅަށް، ފަހު ހާފްގައި (އީގަލްސް) އަށް ފައުލެއްވެސް ނުލިބެނީ، ހިލޭ ޖެހުމެއްވެސް ނުލިބެނީ. ހަމަ ހުސް އެމީހުނަށް، އެމީހުނަށް،" މޯހަން ބުންޏެވެ.

އިއްޔެ މެޗުގެ ފުރަތަަމަ ހާފްގައި އީގަލްސްގެ ދެ ގޯލް ފެނިގެން ގޮސްފައިވާއިރު، ދެ ގޯލްވެސް ކާމިޔާބުކުރީ ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯއެވެ.

އީގަލްސްގެ ދެވަނަ ގޯލް ތަނަވަސްކޮށްދިން ބޯޅައަށް ނާއިމް ދުވިއިރު އޭނާ އޮތީ އޮފްސައިޑް މަގާމެއްގައި ކަމަށްބުނެ ނިއުގެ ކުޅުންތެރިންނާއި ބެންޗުންވެސް ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. އެގޮތުން ރެފްރީއާ ޝަކުވާ ކުރުމުގެ ސަބަބުން ނިއުގެ ބެންޗުގައި އިން ކީޕަރު މުހައްމަދު އިމްރާން (އިންމަ)އަށް ރެފްރީ ރީނދޫ ކާޑުވެސް ދައްކާފައިވެއެވެ. އަދި ފުރަތަމަ ހާފް ނިމެންދަނިކޮށް ރެފްރީ ވަނީ ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބެންޗުންވެސް ފޮނުވާލައިފައެވެ.

"މައްސަލަ ޖައްސައިގެން ގޮސް ކޮންމެވެސް ވަރެއް ހުންނަން ޖެހޭނެ. ކޮންޓްރޯލް ކުރަން ޖެހޭ ވަރެއް ހުންނަން ޖެހޭނެ. ރެފްރީއާ ދިމާލަށް ކިޔާނެ އެއްޗެއް ކިޔަންދެން ހުރެވިގެން ނުވާނެ ކަންނޭނގެ. އެއަށް ގޮތް ނިންމަން އަރާ މީހެއް ރެފްރީއަކީ،" ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީއަށް ޝަކުވާކުރުމާ ގުޅިގެން މޯހަން ބުންޏެވެ.

މާލޭ ލީގުގައި ނިއުއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މެޗަށްފަހު ނިއުގެ އެސިސްޓެންޓް ކޯޗު، އަޝްރަފު ލުތުފީ (ސަމްޕަތު)ވެސް ބުނީ މެޗު ނިއުއަށް ގެއްލުނީ ރެފްރީގެ ސަބަބުން ކަމަށެވެ. ހާއްސަކޮށް އީގަލްސް ޖެހި ދެވަނަ ގޯލް، އޮފްސައިޑް ވާން ޖެހޭނެ ކަމަށްވެސް ސަމްޕަތު ފާހަގަކުރިއެވެ.

comment ކޮމެންޓް