ސަމިއުލްއަށް އަނިޔާވެ ނަޒީހުއަށް މާޔޫސްކަން، ބޭބެއަށް އަނެއްކާވެސް މަރުހަބާ!

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ނަޒީހު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެސްޓީއޯ މާލޭ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ން، ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތްއިރު ޔޫވީ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުގައެވެ. ގްރީންއަށް އޮތީ ލީގުގައި މޮޅެއް ނުލިބިއެވެ.

މެޗުގެ ކުރިން ޔޫވީން ލީގުގައި ކުޅުނު ދެ މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ފޯވަޑް ސަމިއުލް ކޯޑެލް ޑެވޯނޭވަނީ މިހާތަނަށް ލީގުގައި ދެ ގޯލް ޖަހައިފައެވެ. އޭނާ ފާހަގަ ކުރެވެނީ ޔޫވީއަށް އެންމެ މުހިއްމު ކުޅުންތެރިޔާގެ ގޮތުގައެވެ.

ރޭގެ މެޗުގެ 23 ވަނަ މިނެޓުގައި ސަމިއުލްއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހިފައިވާއިރު،މެޗަށްފަހު ކޯޗު ނަޒީހު ބުނީ އެންމެފަހުން ދެ މެޗުގައިވެސް ޓީމަށް އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔާ މެޗުގެ ކުރީ ކޮޅުގައި ބާލަން ޖެހުމުން ލިބުނު މާޔޫސްކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓްރައިކަރަށް އަނިޔާވެގެން ބާލަން ޖެހުނު ހިސާބުން ކުރީގައި ބޯޅައެއްވެސް ނުހިފެހެއްޓޭ.ކުރިއަށް ދާ ބޯޅަ ހަމަ ފަހަތަށް އަންނަނީ. މި ދައްކަނީ ލީގުގައި މިހާތަނަށް ކުޅުނު ކޮންމެ މެޗަކު، ކްރޮސްތައް ނަގައި، ބޯޅަ ހިފަހައްޓައިގެން ކުޅުނު ކުޅުންތެރިއެއްގެ ވާހަކަ. އެހެންވީމަ އޭގެ ސަބަބުން މޯރަލީވެސް ކަންތައްތަކެއް އަންނާނެ ޓީމަށް. ކުރިން ބޯޅަތައް ނުހިފެހެއްޓިގެން މައްސަލަތައް މި ނުކުތީ. ފިޓްނަސްވެސް ރަނގަޅު. އެކަމަކު ވަކި ވަރަކަށް ޑިފެންޑަރުންނަށްވެސް ހިފެހެއްޓޭނީ،" ނަޒީހް ބުންޏެވެ.

މާލޭ ލީގުގައި ގްރީންއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 5-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނަޒީހު ބުނީ ޔޫވީ ކުޅުންތެރިންގެ ފަރާތުން މެޗުގައި ފެނުނީ ވަރަށް އާދައިގެ ކުޅުމެއް ކަމަށާއި، އެ ކުޅުމާއެކު ބަހަނާއެއް ދައްކާ ފަރުޖައްސާލެވެން ނެތް ކަމަށެވެ.

"ވަރަށް އާދައިގެ ކުޅުމެއް ފެނުނީ. ފުޓުބޯޅައިގައި މިކަހަލަ ކަންކަން ވާނޭ ބުނެފައި ދޫކޮށްލާ ވަރަށްވުރެ މާ ބޮޑަށްވެސް އާދައިގެ ދުވަހެއް. "ސްކޫލް ބޯއީސް" ހަދާ ކަހަލަ ގޯސްތަކެއް ހެދިގެން ބަލިވީ. ޓީމުގެ ކުޅުންތެރިން މޮޅަށް ކުޅޭ ދުވަހު މޮޅޭވެސް ބުނެވޭހެން ދަށް ދުވަހުވެސް ބުނަން ޖެހޭ،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ މެޗުން ފެނުނު ރަނގަޅު ކަމަކީ އަލަށް ގައުމީ ދަނޑަށް ނެރުނު ޒުވާން ދެ ކުޅުންތެރިންގެ ކުޅުން ކަމަށާއި، ގްރީންއާއެކު އިދިކޮޅަށް ނުކުތް އޭނާގެ ބޭބެ އަލީ ސުޒޭނަށް މަރުހަބާ ކަމަށެވެ.

"މެޗުގައި ޕޮސިޓިވް އެއްޗަކަށް ލިބުނު ހަމައެކަނި އެއްޗަކީ އަލަށް ގަލޮޅު ދަނޑަށް ނެރުނު ދެ ކުޅުންތެރިން ކުޅުން. ދެން އަނެއްކާވެސް ބޭބެއަށް ހަމަ މަރުހަބާ،" ނަޒީހު ބުންޏެވެ.

ނަޒީހުއާއި ސުޒޭން ކޯޗުންގެ ގޮތުގައި އެތައް ފަހަރަކު ކުރިމަތިލާފައިވާއިރު، މިހާތަނަށް ހުރިހާ ފަހަރެއްގައިވެސް މޮޅުވީ ބޭބެ ސުޒޭނެވެ.

ރޭގެ މެޗަށްފަހުވެސް ނަޒީހު ބުނީ ސުޒޭންގެ ޓެކްޓިކްސް ވަރަށް ރަނގަޅަށް އެނގުނު ކަމަށާއި، ނަޒީހުއަށްވެސް މެޗުގައި ގޯހެއް ހެދުނު ކަމަށެވެ.

"ގްރީންއިން ކުޅުނީ ދެ ފަޅިން ހަލުވި ކުޅުންތެރިންތަކެއް ލައިގެން. ދެ އަރި މައްޗަށް ދިގު ބޯޅަތަކެއް ލައިގެން. އެ ޓެކްޓިކްސް ކާމިޔާބުވެސްވި. އަޅުގަނޑަށްވެސް ގޯސް ބަދަލެއް ކުރެވުނު. އެ ގޯސް އަޅުގަނޑުވެސް ގަބޫލު ކުރަން ޖެހޭނެ. ޕައުލޯ މެޗަށް އަރުވަން ބޭލުނީ ނާވީ. ރަނގަޅުވީސް ނާވީ ފަހަތަށްލާ އަލަށް މެޗަށް ނެރުނު ކުއްޖާ ބަދަލުކޮށްލެވުނު ނަމަ،" ނަޒީހު ބުންޏެވެ.

މާލޭ ލީގުގެ ކުޅުން ދެން ފެށޭނީ ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ބައިނަލްއަގުވާމީ ދެ މެޗަށްފަހު، އަންނަ މަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ އިރު، އެ ދުވަހުގެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް