ސައޫދީގެ މުއްސަނދިކަމުގެ ބައެއް އަހަރެމެންނަށް ވެސް ދޭނެ: ޓްރަމްޕް

ޓްރަމްޕް ވައިޓް ހައުސްގައި ބިން ސަލްމާން އާ ބައްދަލުކުރައްވަނީ

ވައިޓް ހައުސް (މާޗް 21) : ސައޫދީ އަރަބިޔާއަކީ ވަރަށް މުއްސަނދި ގައުމެއް ކަމަށާއި ސައޫދީއަށް ލިބޭ ފައިސާގެ ބޮޑުބައެއް އެމެރިކާއަށް ލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާއަށް ވަޑައިގެން އުޅުއްވާ ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މުހައްމަދު ބިން ސަލްމާނުގެ ޝަރަފުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސައޫދީ އަކީ ދީލަތި ގައުމެއްކަމަށާއި މީގެ ކުރިން ވެސް ސައޫދީން އެގައުމުގެ މުއްސަނދިކަން ދެގައުމަށް ވެސް ފައިދާ ހުރިގޮތެއްގައި އެމެރިކާއާ ހިއްސާކޮށްފައިވާ ކަމުގަ އެވެ. ސައޫދީގެ ފައިސާ އެމެރިކާއަށް ލިބެނީ އެމެރިކާގެ ހަތިޔާރު ސައޫދީން ގަތުމުންނާއި ސައޫދީން އެމެރިކާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެންކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ބިން ސަލްމާންގެ މި ދަތުރުފުޅުގައި ސައޫދީއާއި އެމެރިކާއާ ދެމެދު އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ގިނައީ އެމެރިކާގެ އަގުބޮޑު ބަރު ހަތިޔާރުތައް ސައޫދީ އަށް ވިއްކުމުގެ އެއްބަސްވުންތަކެވެ. އެމެރިކާ އިން ސައޫދީއަށް ވިއްކާ ހަތިޔާރުން ލިބޭފައިސާ އިން އެމެރިކާގެ އެތައް މިލިޔަން ބަޔަކަށް ވަޒީފާގެ ފުރްސަތު ތަނަވަސްވާ ކަމަށާއި މިއީ އެމެރިކާއަށް ވަރަށް މުހިއްމު ކަމެއްކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ ގެ ސިނާއަތާއި އުފެއްދުންތަކުގެ 70 ޕަސެންޓް ހިއްސާ ކުރަނީ ހަތިޔާރާއި ހަތިޔާރާ ގުޅޭ ތަފާތު އުފެއްދުންތަކުގެ މައްޗަށެވެ. އެހެންކަމުން ހަތިޔާރު ނުވިއްކޭ ނަމަ އެމެރިކާގެ އިގްތިސާދު ހީނަރުވާނެ އެވެ. މެދުއިރުމަތީގައި އެމެރިކާ ހަނގުރާމަތައް އުފައްދަނީ އަދި އެކިއެކި ޖަމާއަތްތައް އުފައްދައި އެޖަމާއަތްތަކަށް އެހެން ގައުމުތަށް މެދުވެރިކޮށްގެންނާއި ކަޅުބާޒާރުން ނުސީދާ ގޮތުގައި ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާގެ އިގްތިސާދު ނެގެހެއްޓުމަށެވެ.

ދިފާއީ ރިޕޯޓްތައް ބުނާ ގޮތުން މިދިޔައަހަރު އެމެރިކާ އިން އެންމެ ގިނަ ހަތިޔާރު ގަނެފައިވާ ގައުމަކީ ސައޫދީ އެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ ގިނައިން ހަތިޔާރު ގަތް ދެވަނަ ގައުމަކީ ސައޫދީ އެވެ. ޓްރަމްޕަށް ވެރިކަން ލިބިވަޑައިގަތުމާ އެކު ސައޫދީ އަށް ކުރެއްވި ޒިޔާރަތުގައި ވެސް ހަތަރު ސަތޭކަ ފަސްދޮޅަސް ބިލިޔަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސައޫދީ ސަރުކާރުން އެމެރިކާއާ އެކު ސޮއިކުރި އެވެ. މީގެތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓަކީ ސައޫދީ އަށް އެމެރިކާގެ ބަރުހަތިޔާރު ވިއްކުމާބެހޭ އެއްބަސްވުންތަކެވެ.

ބިން ސަލްމާން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ސައޫދީއާއި އެމެރިކާއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކަކީ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އެއްބަސްވުންތަކެއް ކަމަށް ވިޔަސް ޓްރަމްޕް ވަނީ އެއެއްބަސްވުންތަށް ކުޑަކަމަށް ވިދާޅުވެ ޝަކުވާކުރައްވައިފަ އެވެ. އަދި އިތުރު އެތައް ބިލިޔަން ޑޮލަރެއް ހިމެނޭގޮތަށް އެއްބަސްވުންތަށް އިތުރުކުރުމަށް ނޫނީ އެއްބަސްވުންތައް ބޮޑުކުރުމަށް މުހައްމަދު ބިން ސަލްމާންގެ ކިބައިން ޓްރަމްޕް އެދިވަޑައިގެންނެވި އެވެ.

ސައޫދީ އަކީ ޔަމަނާދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރާގައުމަކަށް ވެފައި ސައޫދީން ޔަމަނަށްދޭ ހަމަލާތަކުގައި އެ ގައުމުގެ އާންމުން ގިނަ އަދަދަކަށް މަރުވަމުންދާތީ ސައޫދީ އަށް ހަތިޔާރު ނުވިއްކުމަށް ގޮވާލައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވޮޝިންޓަންގައި ކުރި މުޒާހަރާތަކަށް ޓްރަމްޕް ދެއްވީ ބީރު ކަންފަތެކެވެ. ސައޫދީއާއި ޔޫއޭއީން ޔަމަނަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކުގައި 20،000 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނާއިރު އެޙަމަލާތަކުގައި ޔަމަންގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެއާޕޯޓްތަކާއި ބަނދަރުތައް ފަދަ އިންފްރާސްޓްރަކްޗަގެ ބޮޑުބައެއްވަނީ ހަލާކުވެ ސުންނާފަތިވެފަ އެވެ.

އދ. އިން ވަނީ ހަނގުރާމައިގެ ސަބަބުން ޔަމަންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ގައުމެއްގެ ރައްޔިތުންނަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ގިލަންވެރިކަންކަމަށް ސިފަކޮށްފަ އެވެ. ޔަމަންގެ ހާލަތު ސޫރިޔާގެ ހާލަތާ ދާދި އެއްގޮތް ކަމަށާއި ނަމަވެސް ހައިހޫނުކަމާއި ކޮލެރާ ފަދަ ބަލިމަޑުކަމުގެ މައްސަލަތަކާއި އާންމުންގެ އިންސާނީ ވޭންތައް ސޫރިޔާއަށް ވުރެ ވެސް ޔަމަންގައި ބޮޑުކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓްރަމްޕާ އެކު ބޭއްވި މެންދުރުގެ ފަރިއްކޮޅުގައި މުހައްމަދު ބިން ސަލްމާން ވެސް ވާހަކަ ދެއްކެވި އެވެ. ބިން ސަލްމާން ވިދާޅުވީ ސައޫދީން އެމެރިކާގައި އެންމެ އަހަރެއްގެ ތެރޭގައި 400 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކޮށްދީފައިވާނެ ކަމަށާއި މިކަމުގެ ސަބަބުން އެމެރިކާގައި ހަތަރު މިލިޔަން މީހުންނަށް ވަޒީފާގެ ފުރްސަތު ތަނަވަސްވެފައިވާތީ އުފާކުރައްވާ ކަމުގަ އެވެ.

ބިންސަލްމާން އާއި ޓްރަމްޕްގެ މަޝްވަރާތަކުގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާއާއި ސައޫދީ ގުޅިގެން އީރާން މައިތިރިކޮށް އީރާން ސައިޒް ކުރުމާއި ސޫރިޔާގެ ހަނގުރާމައާއި ޔަމަންގެ ހަނގުރާމައިގެ މައްސަލައާއި ގަތަރުގެ މައްސަލައެވެ. މިގޮތުން އީރާނުގެ ނިއުކްލިޔަރ އެއްބަސްއުވާލުމަށާއި އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބިން ސަލްމާން، ޓްރަމްޕަށް ބާރު އަޅުއްވާނެ ކަމަށް ޚަަބަރުތައް ބުނެ އެވެ. ފަލަސްތީނުގެ މައްސަލައާއި ގުދްސުގެ މައްސަލައަށް ދެބޭފުޅުން ވެސް އިޝާރާތް ކުރައްވާފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް