ޔަމަނު ހަނގުރާމާގައި އެމެރިކާއިން ސައުދީއަށް ފޯރުކޮށްދޭ އެހީ ހުއްޓާލަން ސެނެޓުން ދެކޮޅު

ޔަމަނު ހަނގުރާމާގައި އެމެރިކާއިން ސައުދީއަށް ފޯރުކޮށްދޭ އެހީ ހުއްޓާލަން އެމެރިކާގެ ސެނެޓުން ވަނީ ދެކޮޅުހަދާފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 21): ޔަމަނު ހަނގުރާމާގައި އެމެރިކާއިން ސައުދީ އަރަބިއާއަށް ފޯރުކޮށްދޭ ޖާސޫސީ އެހީ ފަދަ އެހީތައް ހުއްޓާލުމާ ދެކޮޅަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވޯޓު ދީފި އެވެ.

ނުވަދިހަ ނުވަ މެމްބަރުން ބައިވެރިވި އެވޯޓު ނަގާފައި ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ވަޑައިގެން، ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވި ދުވަހު އެވެ.

އެވޯޓުގައި ޔަމަނު ހަނގުރާމާގައި އެމެރިކާއިން ބައިވެރިވުމާ ދެކޮޅަށް 44 މެމްބަރުން ވޯޓު ދެއްވި ނަމަވެސް 55 މެމްބަރުން ވަނީ އެމެރިކާ އިން ސައުދީ ކޯލިޝަނަށް އެހީ ފޯރުކޮށްދެމުން ދިޔުމަށް ވޯޓު ދީފަ އެވެ.

ސެނެޓުގެ މިނިވަން މެމްބަރު ބާނީ ސޭންޑާސް އާއި ރިޕަބްލިކަން މެމްބަރު މައިކް ލީ އާއި ޑިމޮކްރެޓިކް މެމްބަރު ކްރިސް މާފީ ހުށަހެޅުއްވި އެގަރާރު ފާސް ކުރި ނަމަ، ޔަމަނު ހަނގުރާމައިގައި ބައިވެރިވާ ހުރިހާ އެމެރިކާ ސިފައިން 30 ދުވަސް ތެރޭ އެނބުރި ގައުމަށް ގެންނަން ޖެހޭނެ އެވެ.

ނަމަވެސް ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ވަނީ އެމެރިކާ އިން ސައުދީއަށް ފޯރުކޮށްދޭ ޖާސޫސީ އެހީގެ ސަބަބުން ޔަމަނުގައި އިދިކޮޅު ފަރާތްތައް ތިބި ތަންތަން އެނގި، އެތަންތަނަށް އަމާޒުކޮށް ސައުދީއަށް ހަމަލާ ދެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން ޔަމަނުގެ ހަނގުރާމައިގައި މަރުވާ އާއްމުންގެ އަދަދު މަދު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސްސާދަ ވަނަ އަހަރު ޔަމަނު ހަނގުރާމަ ފެށުނީ ހޫޘީ ހަނގުރާމަވެރިން ވެރިރަށް ސަންއާ ހިފައި ރައީސް އަބްދުއް ރައްބު މަންސޫރު ހާދީ ގައުމުން ފިއްލަވަން މަޖުބޫރު ކުރުމުންނެވެ. އަދި ހާދީގެ ސަރުކާރު އަނެއްކާ ވެސް ވެރިކަމަށް ގެނައުމަށް ޓަކައި 2015 ވަނަ އަހަރު ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ވަނީ ޔަމަނުގެ އިދިކޮޅު ފަރާތްތަކަށް ހަމަލާތައް ދޭން ފަށައިފަ އެވެ.

އެމެރިކާއިން ސައުދީ ކޯލިޝަނުގައި ރަސްމީ ގޮތެއްގައި ބައިވެރި ނުވި ނަމަވެސް އެގައުމުން ސައުދީ އަށް ޖާސޫސީ އެހީ ފޯރުކޮށްދީ، ކޯލިޝަނުގެ އަސްކަރީ ބޯޓުތަކަށް ތެޔޮ އަޅައި ދިނުމުގައި އެހީވެ އެވެ. (ގާޑިއަން)

comment ކޮމެންޓް