ޒޯން ބުރު ހޯސްޓުކުރުމުގައި ފ. ނިލަންދޫން ދައްކާ ނަމޫނާ، މިސާލަކަށް ބަލަން މުހިއްމު!

ފ. ނިލަންދޫއަށް މިއަދު ދިޔަ ޓީމުތަކަށް މަރުހަބާ ކިޔުމުގެ ތެރެއިން ---

މިނިވަން ޗެމްޕިއަންޝިޕަކީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އަތޮޅު ތެރޭގެ ރަށްރަށަށް އަމާޒުކޮށް ބާއްވާ މުބާރާތެކެވެ. އަހަރެއް އަހަރަކަށް މުބާރާތް ފޯރި ގަދަވަމުން ގޮސް، މިއަދު އެ މުބާރާތަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފޯރި ގަދަ މުބާރާތެވެ.

މިދިޔަ އަހަރު އެފްއޭއެމްގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިނިވަން ޗެމްޕިއަންޝިޕްގެ ހަތަރު ޓީމު، ރާއްޖޭގެ އެންމެ ޝަރަފުވެރި ލީގު، ދިވެހި ޕްރިމިއާ ލީގުގައި ކުޅެލުމަކީ ފުޓުބޯޅައަށް ގެނުވި އިންގިލާބެކެވެ. ޒަމާނުއްސުރެ އަތޮޅު ތެރޭގައި އޮތް ފުޓުބޯޅައިގެން ހުނަރަށް ހުޅުވާލި ބޮޑު ދޮރެކެވެ.

ފ. ނިލަންދޫއަށް މިއަދު ދިޔަ ޓީމުތަކަށް މަރުހަބާ ކިޔުމުގެ ތެރެއިން ---

ހުނަރު ދައްކާލުމުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުން ދިވެހިވަންތަ އެހެން ކަންތައްތަކެއްވެސް ދައްކައިދެއެވެ. ރަށް ރަށުގެ ސަގާފަތާއި، ކުޅިވަރުގެ ވައްޓަފާޅިވެސް އެތައް ބަޔަކަށް އިޝްތިހާރުވެގެން ދެއެވެ.

ސިޔާސީ ފިކުރުތަކާއި، ޒާތީ ހަމަނުޖެހުންތަކުން ކުދިކުދި ބައިބައިވުން އުފެދިފައިވާ ރަށް ރަށް، އެކީ އެކައްޗެއް ގޮތުގައި ރަށުގެ ފުޓުބޯޅަ ޓީމަށް ތަރުހީބު ދޭކަމީ ފުޓުބޯޅަ ގެނުވާ އެކުވެރިކަމެވެ. ފުޓުބޯޅައިގެ ރޫހު ދިވެހިންގެ ތެރޭގައި އޮތް މިންވަރެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުތައް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ނިމިފައިވާއިރު، ޒޯން ބުރުތައް ފެށުމަށް މިދަނީ ތައްޔާރުވަމުންނެވެ. ފ. އަތޮޅު ހިމެނޭ ޒޯން ފަހެއްގެ، ޒޯން ބުރުގެ ކުޅުން މިއަދު ފަށާނެއެވެ.

ޒޯން ބުރު ހޯސްޓް ކުރަނީ ފ. އަތޮޅުގެ ޗެމްޕިއަނުން، ނިލަންދުއެވެ. ނިލަންދުއަށް ޒޯން ބުރަށްދަނީ ވ. ފުލިދުއާއި ދ. މީދޫގެ އިތުރުން މ. މުއްޔެވެ. މީދޫ ފިޔަވާ ދެން ހުރި ޓީމުތައް މިއަދުގެ ވަގުތެއްގައި ނިލަންދުއަށް ގޮސްފައިވާއިރު، ފުރަތަމަ ވަގުތުން ފެށިގެންވެސް ފެނިގެންގޮސްފައިވަނީ މެހެމާންދާރީ އަދާކުރުމުގެ ނަމޫނާއެކެވެ.

ފ. ނިލަންދޫއަށް މިއަދު ދިޔަ ޓީމުތަކަށް މަރުހަބާ ކިޔުމުގެ ތެރެއިން ---

ޓީމުތަކަށް މުޅި ނިލަންދު މަރުބަހާ ކިޔީ މާ ބޮނޑިތަކާއި ތާޒާ ކުރުނބާގެ މަރުހަބާއަކުންވެ. ދިވެހިވަންތަ ދިވެހީންގެ މެހެމާންދާރީ ދައްކުވައިދޭ މަރުހަބާއެކެވެ. ޓީމުތަކުގެ ދަތުރު ހަމަޖެހިފައި އޮތީ ކާރުތަކުގައެވެ.

"މުޅި ރަށުގެ ކުދި ބޮޑު އެންމެގެވެސް އަޒުމަކީ މި މުބާރާތް އެންމެ ފުރިހަމަކޮށް ރަށުގައި ބޭއްވުން. ސިޔާސީ ބައިބައިވުމެއް ނެތި، މުޅި ރަށް މިކަމުގައި ބައިވެރިވޭ. މިއަދުވެސް ހޫނު މަރުހަބާއެއް ކިޔާފައިވާނީ ރަށަށް އައި ޓީމުތަކަށް. މިއީ އިސްލާމް ދީނުގެ ރިވެތި އުސޫލުގައިވެސް އޮންނަ ގޮތް. ދިވެހިންގެ ވައްޓަފާޅީގައިވެސް މިކަން އޮންނަ ގޮތް. އެކުވެރިކަމާ އެއްބައެއް ވަންތަކަން މި ދައްކުވައިދެނީ" ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު "ސަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ފ. ނިލަންދޫއަށް މިއަދު ދިޔަ ޓީމުތަކަށް މަރުހަބާ ކިޔުމުގެ ތެރެއިން ---

ކޮންމެ ޓީމަކަށްވެސް ޓްރެވެލް ސަބްސިޑަރީއެއް ދޭނެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޒޯން މުބާރާތް ބޭއްވުމަށް ނިލަންދޫން ޕްރޮޕޯސަލް ކާމިޔާބުކުރީ ގިނަ ކަންކަމެއް އޭގައި ހިމަނައިގެންނެވެ. އޭގެ ތެރޭގައި ރަށަށް އަންނަ ކޮންމެ ޓީމަކަށް ދޭ ޓްރެވެލް ސަބްސިޑަރީގެ އެލަވަންސަކީ ފާހަގަ ކޮށްލެވުނު ކަމެކެވެ. އެގޮތުން ކައުންސިލްގެ ފަރާތުން ކޮންމެ ޓީމަކަށް ފަސް ހާސް ރުފިޔާގެ އެލަވަންސެއް ދިނުމުގެ އިތުރުން މެޗު ކުޅުމަށް ޓީމު ދަނޑަށް ދިއުމާއި ދަނޑުން އަނބުރާ ގެއަށް ދިއުމުގެ ހުރިހާ ކަމެއްވެސް ހަމަޖައްސަނީ ހަމަ ކައުންސިލުންނެވެ.

ކޮންމެ ޓީމަކަށް ކައްކާ ކެވޭ، ދޮވެ އިސްތިރި ކުރެވޭނެ ވަސީލަތްތަކާއެކު ވަކި ގެއެއް މުބާރާތް ނިމެންދެން ހަމަޖައްސައިދީފައިވާއިރު، ރަށުގެ ރައްޔިތުންގެ ފަރާތުން ކޮންމެ ޓީމަކަށް ޖާފަތެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ފައިނަލް މެޗަށްފަހު ކުޅޭ ދެޓީމާއި، ދެ ޓީމުގެ ސަޕޯޓަރުންނަށްވެސް ނިލަންދޫގެ ރައްޔިތުން ހަވީރު ސަޔާއި މެންދުރު ކެޔުންވެސް ހަމަ ޖައްސާނެއެވެ.

ފ. ނިލަންދޫއަށް މިއަދު ދިޔަ ޓީމުތަކަށް މަރުހަބާ ކިޔުމުގެ ތެރެއިން ---

ކައުސިލްގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ މި ހުރިހާ ކަމަކީވެސް މުބާރާތް ފެންވަރުގައި ބޭއްވުމަށް ރަށުން ކުރާ ކަންކަން ކަމަށާއި، ހަރަދު ދިޔަނަމަވެސް މުޅި ރަށާއި ކައުސިލްވެސް އޮތީ ރަށު ޓީމާއެކުގައި ކަމަށެވެ. ރަށު ޓީމުން ތަށި ނަގަން ބޭނުންވާއިރު، އަންނަ ހުރިހާ ޓީމުތަކަށްވެސް ދޭން ޖެހޭ އިހުތިރާމްދީ، އެކުވެރިކަމުގެ ނަމޫނާ ދެއްކުމަކީވެސް މުހިއްމު ކަމެއް ކަަމަށް އަލީ މުހައްމަދު ވިދާޅުވިއެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ދައްކުވާ ފުޓުބޯޅައިގެ ވާދަވެރިކަމާއެކު، އެ މުބާރާތުން ގެނުވާ ރީތި އުސޫލުތަކަކީ ދިވެހިންގެ ތެރެއަށް ފުޓުބޯޅައިން ނޫނީ ނުގެނެވޭނެ ކަންކަމެވެ. ހިޔާލުގެ ގޮތުން ތަފާތު ނަމަވެސް ފުޓުބޯޅައިގައި އަބަދުވެސް ދިވެހިން އެކުވެރިވާނެ ކަން ދައްކުވައިދޭ ނަމޫނާއެކެވެ. ރަށް ރަށުގެ ކައުސިލްތަކުގައި ތިބީ ކޮން ފިކުރެއްގެ ކޮން ބައެއްތޯ ނުބަލާ، ރަށުގެ، އަތޮޅުގެ ރޫހު އަދިވެސް ފެންނަނީ ހަމަ ފުޓުބޯޅައިންނެވެ.

comment ކޮމެންޓް