"ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" އުފައްދައިފި

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް --- ފައިލް ފޮޓޯ

ސަރުކާރުގެ ދެ ކުންފުނި ކަމުގައިވާ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑް އެއްކޮށްލައި، "ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް"ގެ ނަމުގައި އާ ކުންފުންޏެއް މިއަދު އުފައްދައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސޮއިކުރައްވައި ގެޒެޓް ކޮށްފައިވާ ގަރާރެއްގައި ބުނެފައި ވަނީ، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ދެ ކުންފުނި ކަމުގައިވާ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑްގެ މަސައްކަތް އެއް ކުންފުންޏެއްގެ ދަށުން ހިންގެވުމަށް "ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ.

މާލެއަތޮޅު ގުޅީފަޅާއި މާލެ އަތޮޅު ތިލަފުށީގެ ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމުގެ ފަޅު ހިއްކައިގެން، އުފެއްދޭ ބިން ސިނާއި ނުވަތަ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށާއި އަދި އިގްތިސާދީ ގޮތުން ފައިދާ އެންމެ އިތުރުވާނޭ ގޮތަށް އެ ސަރަހައްދުގައި ހިންގާ ސިނާއީ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ބަލަހައްޓާނީ އަލަށް އުފައްދާފައިވާ "ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑު"ން ކަމަށް އެ ގަރާރުގައިވެ އެވެ.

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑްގެ ގާނޫނީ ހައްގުތަކާއި އުފުލަން ޖެހޭ އިލްތިޒާމްތަކާއި ޒިންމާތަކާއި ދެ ކުންފުނީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި އަދި ދަރަނި ވެސް "ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" އަށް ބަދަލުވީ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.

ރައީސްގެ އެ ގަރާރުގައި ބުނެފައި ވަނީ، އެ ކުންފުނި އުފެއްދެވީ ވަޒީރުންގެ މަޖިލީހުގެ، އިކޮނަމިން އެންޑް ޔޫތު ކައުންސިލްގެ ލަފަޔާއެކުގައި ކަމަށެވެ. އަދި އެ ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 200 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ދެ ބިލިއަން ރުފިޔާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

"ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" އުފެއްދައި އަނެއް ދެ ކުންފުނި އުފެއްދި ގަރާރު ރައީސުލް ޖުމްހޫރިއްޔާ ވަނީ ބާތިލު ކުރައްވައިފަ އެވެ.

comment ކޮމެންޓް