ޓެކްނިކަލް މައްސަލައެއް ދިމާވެ، އިންޑިއާ އެމްބަސީން ވިސާ ދޫކުރުމަށް ބުރޫ އަރައިފި

މާލޭގައި ހުންނަ އިންޑިއާ އެމްބަސީ (ކ) -- ފޮޓޯ/ އޭއެފްޕީ

ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ދިވެހީންނަށް ވިސާ ދޫކުރުމުގެ ޚިދުމަތަށް ބުރޫ އަރައިފިއެވެ.

އެނގިފައިވާ ގޮތުގައި، ވިސާ ދޫކުރުމުގެ ސިސްޓަމަށް މައްސަލައެއް ކުރިމަތިވީ މިއަދުގެ ވަގުތެއްގައެވެ. އަދި އެއާ އެކު ވިސާ ދޫކުރުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެފައިވާކަން، އިންޑިއާ އެމްބަސީގެ އޮފިޝަލަކު "ސަން"އަށް ކަށަވަރު ކޮށްދެއްވިއެވެ.

އެކަމާ ގުޅިގެން ބުރޫ އަރާފައިވަނީ އާންމު އުސޫލުގެ ދަށުން ވިސާ ދޫކުރުމަށްކަން އިންޑިއާ އެމްބަސީގެ އޮފިޝަލަކު ވިދާޅުވިއެވެ. ނަމަވެސް ވިސާ ދޫކުރުމުގެ ޚިދުމަތް މުޅިން ހުއްޓާލާފައި ނުވާކަމަށް އެމްބަސީން ބުނެއެވެ.

އިންޑިއާ އެމްބަސީގެ ފޯނަށް ގުޅުމުން ވިސާ ސެކްޝަނުން ބުނީ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ، މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ.

އެގޮތުން، "ބައެއް ފަހަރުު ސިސްޓަމް ރަނގަޅުވެ، އަނެއްކާވެސް ސަކަރާތް ވަނީ"ކަމަށް ފޯނަށް ޖަވާބުދިން ފަރާތުން ބުންޏެވެ.

ނަމަވެސް ވިސާއަށް އެދި ހުށަހަޅަނީ އާޖަންޓް ކޭސްއެއް ނަމަ، އެ އެމްބަސީއާ ގުޅައިގެން އެ ކޭސް އަވަހަށް ނިންމައިދޭނެކަމަށް އެމްބަސީން ބުންޏެވެ.

މިކަމާ ގުޅިގެން އިންޑިއާ އެމްބަސީގެ ރަސްމީ ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ.

އާންމުކޮށް އެމްބަސީ މެދުވެރިކޮށް އިންޑިއާ ވިސާ، ދޭއް ނުވަތަ ތިން ދުވަސް ތެރޭގައި ލިބެއެވެ.

comment ކޮމެންޓް