އައިއެސް އިން ރަހީނު ކުރި އިންޑިއާގެ 39 މީހަކު ވަނީ މަރާލާފައި: އިންޑިއާ

ދެހާސްސާދަ ވަނަ އަހަރު އައިއެސް އިން ވަނީ އިންޑިއާގެ 39 މީހަކު ރަހީނުކޮށްފައި -- ފޮޓޯ: ގެޓީ

ދިއްލީ (މާޗް 20): ދެހާސްސާދަ ވަނަ އަހަރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރަހީނު ކުރި އިންޑިއާގެ 39 މީހަކު މަރާލާފައިވާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުޝްމާ ސުވަރާޖް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސުޝްމާ ވަނީ އެ 39 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެއީ ކޮންބައެއްކަން ޔަގީން ކުރުމަށް ޓަކައި ޑީއެންއޭ ޓެސްޓު ހަދާފައިވާ ކަމަށް ވިދާޅުވެފައި އެވެ.

އައިއެސް އިން ރަހީނު ކުރި މީހުންގެ ތެރޭގައި ޕަންޖާބާއި ހިމާޗަލް ޕްރަދޭޝް އާއި ބިހާރާއި ވެސްޓް ބެންގާލްއަށް ނިސްބަތްވާ މީހުން ހިމެނެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ހިނގި އެހާދިސާއަށް ފަހު އިންޑިއާ އިން ވަނީ ރަހީނު ކުރި މީހުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި މިދިޔަ އަހަރު ވެސް އިންޑިއާ އިން ވަނީ އެމީހުން މަރާލި ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް