ޖަޒުބާތާއި ރުޅި އެއްފަރާތްކޮށް، އުންމީދާ އެކު ސުލްހައަށް މަސައްކަތްކުރޭ: ދުންޔާ

ދުންޔާ މައުމޫން -- ސަން ފައިލް ފޮޓޯ/ފަޔާޒް މޫސާ

ސިޔާސީ ބޭފުޅުން ޖަޒުބާތާއި ރުޅިވެރިކަން އެއްފަރާތްކޮށް، އުންމީދާ އެކު މަސައްކަތް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މިއަދު ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން އެއްފަރާތްކުރެވޭނީ ރުޅިވެރިކަން އެއްފަރާތްކޮށްގެން، އުންމީދުގެ ރޫހުގައި ކަމަށެވެ.

އަދި މި ހާލަތުން އަރައިގަނެވެން އޮތީ ސިޔާސީ އިސްވެރިން މަޝްވަރާއަށް ވަޑައިގެން ކަމަށާއި އެ މަޝްވަރާތަކަށް މަގުފަހިކުރުމުގައި ސަރުކާރަށް އޮތް ޒިންމާ އެހެން ފަރާތްތަކަށް ވުރެ މާ ބޮޑުކަމަށް ދުންޔާ ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން ރައީސް ޔާމީނަށާއި އެހެނިހެން ސިޔާސީ ބޭފުޅުންނަށް މިކަމަށް މަގުފަހިކުރަން ލީޑަޝިޕް ދެއްކެވުމަށް،" ދުންޔާ ވިދާޅުވި އެވެ.

މަޝްވަރާތައް ފެށުމަށް ދުންޔާ ބާރުއެޅުއްވި އިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ގެންދަނީ ސަރުކާރާ އެކު މަޝްވަރާއަށް ދާނީ ޖަލުގައި ނުވަތަ ހައްޔަރުގައި ތިއްބެވި ސިޔާސީ އެކިއެކި ބޭފުޅުން ދޫކޮށްލުމުން ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނަމުން ދަނީ މަޝްވަރާއަށް އިދިކޮޅުން އަންނަން ޖެހޭނީ އެއްވެސް ޝަރުތެއް ކުރިމަތިނުކޮށް، ސާފު ހިތަކާ އެކުގައި ކަމަށެވެ.

comment ކޮމެންޓް