ދުނިޔޭގެ އެންމެ ރަނގަޅު ޓީޗަރުގެ އެވޯޑު އިނގިރޭސިއަކަށް، އިނާމު މިލިއަން ޑޮލަރު

ދުނިޔޭގެ އެންމެ ރަނގަޅު ޓީޗަރުގެ އެވޯޑު ލިބުނު އިނގިރޭސި ޓީޗަރު އެންޑްރިއާ ޒަފިރާކް -- ފޮޓޯ: އޭޕީ

ދުބާއީ (މާޗް 20): ދުނިޔޭގެ އެންމެ ރަނގަޅު ޓީޗަރުގެ އެވޯޑު އިނގިރޭސިވިލާތުގެ ޓީޗަރެއް ކަމަށްވާ އެންޑްރިއާ ޒަފިރާކްއަށް ދީފި އެވެ.

ފަގީރު ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ވާކީ ފައުންޑޭޝަނުންދޭ އެ އެވޯޑާ އެކު ޒަފިރާކްއަށް އެއް މިލިއަން ޑޮލަރު ލިބޭނެ އެވެ.

ލަންޑަނުގެ އެންމެ ފަގީރު އެއް ސަރަހައްދުގައި ހުންނަ އަލްޕާޓަން ކޮމިއުނިޓީ ސްކޫލުގައި އާޓް އެންޑް ޓެކްސްޓައިލްސް ކިޔަވައިދޭ ޒަފިރާކްއަށް އެވޯޑު ދެއްވީ ޔޫއޭއީގެ ބޮޑު ވަޒީރު، ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަހްތޫމް އެވެ.

އެއެވޯޑާ ހަވާލުވަމުން ޒަފިރާކް ވަނީ ސްކޫލުތައް ވާން ޖެހޭނީ ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ތަނަކަށް ކަމަށާއި އާޓް ފަދަ މާއްދާތަކުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

"އާޓްގެ ސަބަބުން ދަރިވަރުންނަށް މުއާމަލާތް ކުރަން ފަސޭހަވާކަން އަޅުގަނޑަށް ވަނީ ފާހަގަވެފައި. އޭގެ ސަބަބުން އެ ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރު ކުރެވި، މޮޅު ޒުވާނުން އުފެދޭ،" ޒަފިރާކް ބުންޏެވެ.

އަލްޕާޓަން ކޮމިއުނިޓީ ސްކޫލަކީ ހުރިހާ ދަރިވަރުންނަށް ވެސް ރައްކާތެރި އަދި އެކުވެރި މާހައުލަކަށް ހެދުމަށް ޓަކައި ޒަފިރާކް ކުރަމުން އަންނަ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައި އެވެ.

އޭނާ ވަނީ އެސްކޫލުގައި ތިބޭ ތަފާތު ގައުމުތަކުގެ ދަރިވަރުންނާ ގާތް ގުޅުމެއް ބޭއްވުމުގެ ގޮތުން ހިންދީ، ޓަމިލް އަދި ގުޖުރާތީ ފަދަ ބަސްތައް ކޮންމެ ވެސް ވަރަކަށް ދަސްކޮށް، ގިނަ ދަރިވަރުންގެ ގެޔަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

އަދި ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅެނީ ތޮއްޖެހިފައިވާ ގެތަކުގައި ކަމުން، އެކުދިންނަށް ކިޔަވާނެ ހަމަހިމޭން މާހައުލެއް ހޯދައިދިނުމަށް ޓަކައި ހަފްތާ ތެރޭގަ އާއި ހަފްތާ ބަންދުތަކުގައި ވެސް އިތުރު ކްލާސްތައް ބާއްވާފައިވެ އެވެ.

ގްލޯބަލް ޓީޗާ އެވޯޑަށް މިއަހަރު 173 ގައުމަކުން 30،000 ޓީޗަރުން ނޮމިނޭޓުވި އެވެ. (ބީބީސީ)

comment ކޮމެންޓް