"އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ޔޫރަޕް އަޑީގައި އޮވެގެން ހިންގާ ސިޔާސީ ކޯޓެއް"

ރައީސް ރޮޑްރިގޯ ޑުޓާޓެ

ފިލިޕީންސުން މިދިޔަ ހަފްތާގައި ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަކިވުމަށް ނިންމައިފަ އެވެ.

އައިސީސީ އިން ވަކިވުމަށް ފިލިޕީންސުން ނިންމީ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ޒައާމަތުގައި އެގައުމުން ކުރިޔަށްގެންދާ ޑްރަގާ އިދިކޮޅު ހަނގުރާމައިގާ އެތައް ހާސްބަޔަކު މެރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައި ރައީސް ޑުޓާޓެ ހައްޔަރުކޮށް އެ ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރުމުގެ މަސައްކަތް އެކޯޓުގެ ޕްރޮސެކިއުޓަރުން ފެށުމާގުޅިގެންނެވެ.

އައިސީސީ އުފެއްދި މުއާހަދާ ކަމަށްވާ "ރޯމް ސްޓެޓިއު" އިން ފިލިޕީންސް ވަކިވެއްޖެ ނަމަ ޑުޓާޓެ އާ ގުޅޭ މައްސަލަ ބެލުމުގެ ގާނޫނީ ހައިސިއްޔަތާއި ފުރުސަތު އެކޯޓަށް އެއްކޮށް ގެއްލިގެންދާނެ އެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓުޓާޓެ ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ގޯނާކުރުމަށް ޔޫރަޕިޔަން ޔުނިޔަންގެ ގައުމުތައް ފަހަތުގައި އޮވެގެން އުފައްދާފައިވާ ކޯޓެއް ކަމަށް ސިފަކުރައްވައި އެކޯޓު އުފެއްދި މުއާހަދާ ކަމަށްވާ "ރޯމް ސްޓެޓިއު" އިން ވަކިވުމަށް ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ގޮވާލައްވައިފަ އެވެ.

ފިލިޕީންސްގެ އުތުރުގެ އަސްކަރީ އެކަޑަމީ އެއްގައި ބޭއްވި ދަސްވެނިވުމުގެ އިޙްތިފާލެއްގައި ވާހަކަ ދައްކަވަމުން ޑުޓާޓެ ވިދާޅުވީ "ރޯމް ސްޓެޓިއު"ގެ ދަށުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ނަމުގައި އުފައްދާފައިވާ ކޯޓަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލީޑަރުންނާއި އިސްފަރާތްތައް ދަލުގައި ޖައްސައި އެކޯޓަށް ހާޒިރުކޮށް އަދަބު ދިނުމަށް ޔޫރަޕިޔަން ޔުނިޔަންގެ ގައުމުތަކުން ރާވައިގެން އުފައްދާފައިވާ ކޯޓެއް ކަމަށާއި އެއީ އިންސާފުގެ ކަންފުޅެއް ވެސް ނެތް ސިޔާސީ ކޯޓެއް ކަމުގަ އެވެ.

އެމެރިކާ ފަދަ ބޮޑެތި ގައުމުތަށް އެކޯޓުގައި ބައިވެރިނުވާ އިރު ޔޫރަޕްގެ ގައުމުތަކުން އެކޯޓުގައި ބައިވެރިވުމަށް އެހެން ގައުމުތަކަށް ބާރުއަޅަމުން ގެންދެ އެވެ. ޔޫރަޕުން މިކަމަށް ބާރުއަޅަނީ އިންސާފު ގާއިމް ކުރުމަށްތޯ ނޫނީ ކުދި ގައުމުތަކުގެ ލީޑަރުން ކުށްވެރިންގެ ގޮތުގައި އެކޯޓަށް ހާޒިރުކޮށްގެން އެބޭފުޅުން ކުށްވެރިންގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށްތޯ ޑުޓާޓެ ވަނީ ސުވާލު އުފައްދައިފަ އެވެ. ޑުޓާޓެ މިހެން ވިދާޅުވި އިރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ވަކިވުމަށް ފިލިޕީންސުން ނިންމައި އެކަމާ ބެހޭ ގާނޫނީ އިޖުރާއާތްތައް އެގައުމުން ގެންދަނީ ފުރިހަމަ ކުރަމުންނެވެ. އެ މައްސަލައިގެ ތަހްގީގް ނިމުމާ އެކު ރައީސް ޑުޓާޓެ އައިސީސީ އަށް ހާޒިރުކުރުމުގެ އަމުރެއް އެކޯޓުގެ ޕްރޮސެކިއުޓާ ނެރުއްވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް އައިސީސީ އިން ވަކިވުމަށް ޑުޓާޓެ ނިންމެވުމާ ގުޅިގެން އެފުރުސަތު އައިސީސީ އަށް ގެއްލިގެންދާނެ އެވެ.

ޑުޓާޓެގެ މައްޗަށް މީހުން މެރިކަމުގެ ތުހުމަތު ކުރަން އައިސީސީން މަސައްކަތްކުރާ އިރު އދ.ގެ ސަލާމަތީ މަޖިލީހަށް ގޮންޖަހާފައި އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރި ކަމަށް ބުނެ ދޮގުހަދައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އާއި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އިރާގަށް އަރައިގަނެ އިރާގުގެ އެތައް ލައްކަ ބަޔަކު މަރައި އިރާގު ސަރުކާރު ވައްޓާލައި އެގައުމު ޓެރަރިސްޓުންގެ ހާއްޔަކަށް ހެދި މައްސަލަ ބެލުމަށް އައިސީސީ ވަނީ ފަސްޖެހިފަ އެވެ.

ބުޝްގެ މައްޗަށް ޝަރީއަތް ނުހިންގެނީ އެމެރިކާއަކީ ބައިނަލްއަގްވާމީ ކޯޓުގެ މުއާހަދާކަމަށްވާ "ރޯމް ސްޓެޓިއު"ގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވާތީ ކަމަށް އެކޯޓުން ބުނެ އެވެ. އެމެރިކާ އިން އެ މުއާހަދާގައި ސޮއިނުކުރަނީ އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކަށް އެންމެ ގިނައިން ހަމަލާދީ ކުށެއްނެތް މީހުން މަރައި ހަނގުރާމައިގެ ޖަރީމާތައް އެންމެ ބޮޑަށް ހިންގާ ގައުމު ކަމަށްވާތީ އެމެރިކާގެ ވެރިންގެ އިތުރުން އެމެރިކާގެ ގިނައަދަދެއްގެ ސިފައިން ވެސް އެކޯޓަށް ހާޒިރުކުރުމަށް މަސައްކަތްކޮށްފާނެތީ އެވެ. ނަމަވެސް އެމެރިކާ ގެންދަނީ އައިސީސީގައި އެގައުމު ބައިވެރިނުވެ އެކޯޓުގައި ބައިވެރިވުމަށް އެހެން ގައުމުތަކަށް ބާރުއަޅަމުންނެވެ.

އިނގިރޭސިވިލާތުންވަނީ ޓޯނީ ބްލެއާއަކީ އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅަކަށްވާތީ އިރާގުގެ އެތައް ލައްކަ ބަޔަކު މެރި މައްސަލާގައި ވެސް ޓޯނީ ބްލެއާގެ މައްޗަށް ޝަރީއަތް ހިންގުމަށް ދެކޮޅު ހަދައިަފ އެވެ.

ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުން އިސް ނަގައިގެންވަނީ ބައިނަލްއަގްވާމީ ޒަމީރު ތަމްޘީލްކުރާ ކޯޓުގެ ނަމުގައި ޚާއްސަކޯޓެއް މެލޭޝިޔާގައި އުފައްދައި ޖޯޖްޑަބްލިޔު ބުޝްއާއި ޓޯނީ ބްލެއާ އިރާގުގައި ހިންގެވި ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހްގީގްކޮށްފަ އެވެ. އަދި އެ ދެ ބޭފުޅުންގެ ޣައިރު ޙާޒިރުގައި އެކޯޓުން ވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގައި މަރުގެ ހުކުމް އެދެބޭފުޅުންގެ މައްޗަށް އިއްވާފަ އެވެ. ޣައިރު ހާޒިރުގައި ޝަރީއަތް ހިންގީ ބައިނަލްއަގްވާމީ ޒަމީރު ތަމްޘީލްކުރާ ޚާއްސަ ކޯޓުން އެ ދެ ބޭފުޅުންގެ މައްޗަށް ހިންގި ޝަރީއަތުގެ މަޖިލީހަށް ޙާޒިރުވުމަށް ބުޝް އާއި ބްލެއާ ދެކޮޅު ހެއްދެވުމުންނެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހުޅަނގުގެ ބޮޑު އެއްވެސް ގައުމެއްގެ ލީޑަރެއްގެ މައްސަލަ މިހާތަނަށް ބަލާފައިނުވާއިރު އެކޯޓުން ވަނީ އެފްރިކާގެ ގައުމުތަކުގެ ލީޑަރުންގެ މައްސަލަތައް ފުލުފުލުގައި ބަލަން ފަށައިފަ އެވެ. އަދި އެފްރިކާގެ ބަލިކަށި ބައެއްގައުމުތަކުގެ ލީޑަރުން ހިފައި ހައްޔަރުކޮށް އެކޯޓަށް ޙާޒިރު ކުރުމުގެ އަމުރުތައް ވެސް އެ ކޯޓުން ވަނީ ނެރެފަ އެވެ. ނަތީޖާއެއްގެ ގޮތުން އެފްރިކާގެ ބައެއް ގައުމުތަކެއް ވަނީ އެކޯޓުގެ މުއާހަދާއިން ވަކިވެފަ އެވެ.

comment ކޮމެންޓް