ރިޔާސީ އިންތިޚާބުގައި އީވޯޓިން އަކަށް ނުދާނެ: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އީ ވޯޓިންއަކަށް ނުދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިއަދު މީޑިއާތަކާ އެކު އެ ކޮމިޝަންގެ މެމްބަރުން ކޮފީ މޭޒަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

"ރިޔާސީ އިންތިޚާބުގައި އީވޯޓިން ތައާރަފްކުރެވޭނެ ކަމުގެ އުންމީދެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެ އިސްލާހުތަކުގެ ތެރޭގައި އިންތިޚާބީ ނިޒާމަށް ބަދަލު އަންނަ ވަރުގެ އިސްލާހެއް ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އީވޯޓިން އާއި އީ ކައުންޓިން ތަފާތުވާނެ ކަމަށާއި އީ ކައުންޓިންގައި ރާއްޖެއިން ބޭރުގެ ގައުމުތަކުން އަމަލުކުރާ ގޮތްތައް ބެލުމަށް ދަތުރުތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އީ ކައުންޓިން ބޭނުންކުރެވިދާނެ ކަމަށް ނުބެލެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބޮޑަށް ބުރަވެވެނީ ނޯމަލް ވޯޓިން އަކާއި ނޯމަލް ކައުންޓިން އަކަށް މިފަހަރު ދާނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

މިއަދު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން ނޫސްވެރިންގެ ޚިޔާލު ހޯދައިފަ އެވެ.

comment ކޮމެންޓް