އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީނުތައް އަންނަ މަހު ފަށަނީ

ދެކުނު ކޮރެއާ އާއި އެމެރިކާ އިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް އަންނަ މަހު ފަށާނެ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (މާޗް 20): އެމެރިކާ އާއި ދެކުނު ކޮރެއާއިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް އަންނަ މަހު ފަށާނެ ކަމަށް އެ ދެ ގައުމުން އިއުލާންކޮށްފި އެވެ.

މީގެ ކުރިން މިމަހު ބާއްވަން ހަމަޖެއްސި އެތަމްރީނުތައް ލަސް ކުރީ ދެކުނު ކޮރެއާގައި ވިންޓާ އޮލިމްޕިކްސް ބާއްވަން ހަމަޖެއްސުމާ ގުޅިގެންނެވެ.

އެތަމްރީނުތަކުގައި 300،000 އަށް ވުރެ ގިނަ ސިފައިން ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި ޓެރަރިސްޓު ނުވަތަ ކެމިކަލް ހަމަލާއެއް ދިނުމުން އަމަލު ކުރާނެ ގޮތުގެ ޑްރިލްތައް ބާއްވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާއިން އެފަދައިން އިއުލާންކޮށްފައި ވަނީ އެ ދެ ގައުމާއި އުތުރު ކޮރެއާއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ދެކުނު ކޮރެއާގެ ވަފުދަކުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލު ކުރި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެއި މަހު ކިމް އާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން އުތުރު ކޮރެއާ އިން ވަނީ އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީނުތަކަކީ އުތުރަށް އަރައިގަތުމަށް ތައްޔާރުވުމަށް ބާއްވާ ތަމްރީނުތަކެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ދެކުނު ކޮރެއާގެ ވަފުދާ ވާހަކަ ދައްކަވަމުން ލީޑަރު ކިމް ވަނީ އެތަމްރީނުތައް ކުރިއަށް ދާން ޖެހޭނެ ކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުތުރުން އޮތީ ނިއުކްލިއާ ހަތިޔާރު ނައްތާލަން ތައްޔާރަށް ކަމަށް ވެސް ވިދާޅުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް