މަހުލޫފްގެ ބަންދުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މަހުލޫފް 13 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެއެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އޭނާގެ ގާނޫނީ އަހުމަދު ނާޒިމް އަބްދުއްސައްތާރު ވަނީ ކަމާބެހޭ ލިޔުންތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" ސަސްޕެންޑުކޮށްފައިނުވާއިރު، މަހުލޫފް ހައްޔަރުކުރީ އެ ގާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިމްތިޔާޒުގެ ގާނޫނުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއްގެ ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށެވެ.

މަހުލޫފްގެ ވަކީލު ވިދާޅުވީ އޭނާ ހައްޔަރުކުރީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމަށް ފުލުހުންނަށް މުއްދަތު މަޖިލީހުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

comment ކޮމެންޓް