އިބޫގެ ބަންދަށް ނުވަ ދުވަސް ޖަހައިފި

އިބްރާހިމް މުހައްމަދު ސޯލިހު: އޭނާގެ ބަންދަށް ވަނީ ނުވަ ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފަ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ނުވަ ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން އިބޫ ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ހުންނަވަނިކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ޝަރީއަތުގެ މަޖިލީހަށް ފަހު، އިބޫގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނާޒިމް ސައްތާރު ވިދާޅުވީ އޭނާގެ މުވައްކިލުގެ މައްޗަށް ތުހުމަތުކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކަމަށާއި އަދި އިބޫ ބަންދުގައި ބަހައްޓައި ދިނުމަށް ފުލުހުން އެދުނީ މުޖުތަމައުއައް ނުރައްކަލަކަށްވެ ހެކި ނައްތާލާފާނެތީ ކަމަށެވެ.

އިބޫ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ހުކުރު ދުވަހުގެ ރޭ އިބޫ ޖުމްހޫރީ މައިދާން ސަރަހައްދުގައި ހުރީ އެއްވެސް ކަމެއް ނުކޮށް ކަމަށް ނާޒިމް ސައްތާރު ވިދާޅުވިއެވެ.

ސިއްހީ ހާލަތު ހުރި ގޮތުން، ދޫނިދޫގައި އިބޫ ބަންދުކޮށްފައި ހުންނަވާ ގޮޅި ބަދަލުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އޭނާގެ ވަކީލުން އެދުނު ނަމަވެސް ގާޒީ ނިންމެވީ އިންޓަނޭޝަނަލް ސްޓޭންޑަޑަށް ނުފެތޭ ނަމަ ގޮޅި ބަދަލު ކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިބޫގެ ބަންދަށް ކްރިމިނަލް ކޯޓުން ނުވަ ދުވަސް ޖަހާފައިވާތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ނާޒިމް ސައްތާރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް