ސޯލާ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ އަތޮޅުގެ ރަށްރަށުގައި ސޯލާ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި--- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ހއ. އަތޮޅުގެ ރަށްރަށުގައި ސޯލާ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެންވާރަމަންޓް މިނިސްޓްރީއިން ބުނީ އެ މަސައްކަތް އެއްކޮށް ނިމިންގެންދާއިރު އެ އަތޮޅުގައި 2.3 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 17 ޖެނެރޭޓަރާއި (3.3 މެގަ ވޮޓް)، 2.5 މެގަވޮޓް އަވާގެ ބެޓެރިއާއި، ކޭބަލް އަދި އޮޓޮމެޓިކް ސިންކްރޮނައިޒިން ޕެނަލް ބޯޑްތައް ހުރިހާ ރަށްތަކެއްގައި ބެހެއްޓިގެންދާނެ ކަމަށެވެ.

ކަރަންޓު އުފައްދާ ވަސީލަތްތައް ތަރައްގީ ކުރެވިގެންދާއިރު އެތަން ތަނަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކޮށް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ބެލެހެއްޓޭނެ ގޮތަށް އެ ނިޒާމުތައް ފުރިހަމަ ކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ބުންޏެވެ.

ހއ. އަތޮޅުގެ ރަށްރަށުގައި ސޯލާ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި--- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

އެ މިނިސްޓްރީއިން ބުނީ އެ ނިޒާމުތައް ތަރައްގީކުރާއިރު އެތަނުގެ މުވައްޒަފުންވެސް އެއަށް އަހުލުވެރިކުރުމުގެ ގޮތުން ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ތަމްރީނުތަކެއް ހިންގާނެ ކަމަށެވެ.

ހަމައެއާއެކު އެ މަޝްރޫއު އަންނަ މެއި މަހުގެ ނިޔަލަށް މުޅިން ނިމިގެންދާނެ ކަމަށާއި އަދި ތަރައްގީ ކުރެވޭ ސިސްޓަމްތައް ބޭނުންކޮށްގެން ޔަގީންކަމާއެކީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް އެންވާރަމަންޓް މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް