ހަސަން ސައީދުގެ ޝަރީއަތް ސިއްރުކޮށްފި

ޖުުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

މިއަދު 1:00 އަށް ތާވަލްކޮށްފައިވާ އެ މައްސަލައިގެ އަޑުއެހުން ސިއްރުކުރީ ކީއްވެގެން ކަމެއް ކްރިމިނަލް ކޯޓުން އާންމެއް ނުކުރި އެވެ.

ހަސަން ސައީދު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ކުރިން ވެސް އޭނާ ހައްޔަރުކުރުމަށް ޓަކައި ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދިޔަ އެވެ.

އޭރު ސުޕްރީމް ކޯޓުން ވަނީ އޭނާ ހައްޔަރުކުރަން ނެރުނު އަމުރު ބާތިލުކޮށް އެ މައްސަލައިގެ ހުރިހާ ލިޔުންތައް އެ ކޯޓަށް ފޮނުވުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފަ އެވެ.

ހަސަން ސައީދު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށެވެ.

ގާނޫނާ ޚިލާފަށް ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ފުލުހުން ހަސަން ސައީދުގެ މައްޗަށް ކުރެ އެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު އަދި ނުނިމެ އެވެ.

comment ކޮމެންޓް