25 ދިވެހީންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިއްޖެ

ކޯސްޓްގާޑުގެ އުޅަނދެއް -- ފޮޓޯ: އެމްއެންޑީއެފް

ފަންސަވީސް ދިވެހީންނާއެކު ދަތުރުކުރަމުން ދިޔަ މަސް ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެ ދޯނި ގެއްލިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ދޯންޏަކީ ސ.މަރަދޫ އިން މިދިޔަ ހުކުރު ދުވަހު 18:00 ގައި މަހަށްފުރި "ކޮންކޯޑް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ ސެޓްލައިޓް ފޯނުން ރޭ 18:10 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްފަހު ދަތުރުކުރަމުން ދާކަމަށް، މި ދޯންޏާއި ގުޅުންހުރި މީހެއްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ކޮންކޯޑު ދޯންޏަކީ ދިގުމިނުގައި 108 ފޫޓު ހުންނަ ދޯންޏެއް ކަމަށާއި އެދޯންޏަކީ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއްކަމަށެވެ.

comment ކޮމެންޓް