އަދިވެސް ބޮކްސް އޮފީހުގެ އެންމެ ކުރީގައި އޮތީ "ބްލެކް ޕެންތާ"

ބްލެކް ޕެންތާގެ ޕޯސްޓަރެއް---

ދެހާސް ނުވަވަނަ އަހަރުގެ ފިލްމު "އެވެޓާ"އަށްފަހު ބޮކްސް އޮފީސް ޗާޓުގައި ފަސް ހަފްތާ ވަންދެން އެއްވަނައިގައި ހިފަހައްޓައިލެވުނު ހަމައެކަނި ފިލްމަކަށް ބްލެކް ޕެންތާ ވެއްޖެއެވެ.

ބްލެކް ޕެންތާގެ އާމްދަނީ މިހާރު 1.1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވާއިރު އެންމެ ފަހުން ނިކުތް "ޓޮމްބް ރެއިޑާ" އަށްވެސް ބްލެކް ޕެންތާ ފަހަތަށް ޖައްސާލެވޭގޮތް ވަނީ ނުވެފައެވެ.

ބޮކްސް އޮފީސް ޗާޓުގެ ދެވަނަ ލިބެނީ ޓޮމްބް ރެއިޑާއަށެވެ. އެ ފިލްމަކީ މި ހަފްތާ ބަންދުގައި ރިލީޒްކުރި ފިލްމެކެވެ. ބްލެކް ޕެންތާ ރިލީޒްކޮށްފައިވަނީ މިދިޔަ މަހުގެ 18 ގައެވެ.

ބްލެކް ޕެންތާއިން ފެންނަނީ ބައްޕަ މަރުވުމުން، ޓީ-ޗައްލާ އޭނާގެ ގައުމުގެ ވެރިކަމާ ހަވާލުވުމަށްފަހު ހިނގާ ކަންތައްތަކެވެ. ވަކަންޑާއަކީ ޓީ-ޗައްލާގެ ގައުމެވެ. އެފްރިކާގެ އެ ގައުމަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަށް ގޮސްފައިވާ ގައުމެކެވެ.

ޓީ-ޗައްލާ އޭނާގެ ބައްޕަގެ ފަރާތުން ވާރުތަވި ރަސްކަމުގެ ތަހުތާ ހަވާލުވެއެވެ. ނަމަވެސް ކުއްލިއަކަށް ޒަމާންވީ ދުޝްމަނަކު ޓީ-ޗައްލާ އަތުން ތަހުތު ފޭރިގަތުމަށް އާދެއެވެ. އެ ދުޝްމަނަކީ އޭނާގެ ބޮޑުބޭބެގެ ދަރިއެކެވެ. ބޮޑުބޭބެ މަރާލީ ޓީ-ޗަައްލާގެ ބައްޕައެވެ. ގައުމުގެ ދިފާއުގައެވެ.

ދުޝްމަނުންނާ ހަނގުރާމަ ކުރުމަށް ޓީ-ޗައްލާ ބްލެކް ޕެންތާގެ ބާރުގެ ބޭނުން ކުރެއެވެ. ވަކަންޑާ އަދި މުޅި ދުނިޔެއަށްވެސް އޮތީ ބިރުވެރިކަމެކެވެ.

ބްލެކް ޕެންތާގެ ބާރު ބޭނުންކޮށްގެން ކުރާ ހަނގުރާމައިގައި ދުޝްމަނުން ބަލިކުރަން އޭނާއަށް މަޖުބޫރުވެއެވެ. ފިލްމުގެ ކުރި މަރާނުލުމަށް އިތުރު ވާހަކަތައް ނުދައްކައި ބަހައްޓާނަމެވެ.

މިއީ ހުރިހާ ރަހައެއް އެކުލެވޭ ފިލްމެކެވެ. ގައުމީ ލޯތްބާއި އާއިލީ ލޯބި، ދެކޮޅުވެރިކަމާއި ހަސަދަ އަދި އިޝްގީ ލޯބީގެ އަސަރުވެސް ފިލްމުގައި ހިމެނެއެވެ.

ބްލެކް ޕެންތާގެ ރޯލުން ފެންނަނީ ޗެޑްވިކް ބޯސްމޭންއެވެ. މީގެ އިތުރުން މައިކަލް ބީ ޖޯޑަން، ލުޕިޓާ ނުޔޯންގްއޯ، ޓިން ފްރީމެންގެ އަދި ޑެނިއެލް ކަލުއްޔާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

ބޮކްސް އޮފީސް ޗާޓަށް ބަލާއިރު ގަދަ ފަހެއްގައި ހިމެނެނީ ބްލެކް ޕެންތާ، ޓޮމްބް ރެއިޑާ، އައި ކެން އޮންލީ އިމޭޖިން، އަ ރިންކްލް އިން ޓައިމް އަދި ލަވް ސައިމަންއެވެ.

comment ކޮމެންޓް