ނިއުގެ ކުޅުމަށް ވުރެ މާޒިޔާގެ ކުޅުން މާ ރީތި: ކިސް

ވިކްޓަރީގެ ކޯޗު، ލާޒްލޯ ކިސް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭ ހުރިހާ މެޗަކުން މޮޅުވި ނަމަވެސް، އެޓީމަށް ވުރެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭ ކުޅުން މާ ރީތި ކަމަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ތަޖުރިބާކާރު ކޯޗު ލާޒްލޯ ކިސް ބުނެފި އެވެ.

ހަންގޭރީގެ ކޯޗު، ކިސް މިހެން ބުނެފައި ވަނީ މިއަދު އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ވިކްޓަރީ ނުކުންނަ މެޗާ ގުޅިގެން ވާހަކަ ދައްކަމުންނެވެ.

އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ކިސް ވަނީ މާޒިޔާގެ ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ)ގެ ޓެކްޓިކްސް އާއި މާޒިޔާގެ ރީތި ކުޅުމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

"މާޒިޔާއަކީ ވަރަށް މޮޅު ޓީމެއް. މާޒިޔާ ކުޅެނީ ރީތި ފުޓުބޯޅައެއް. އިންމަ ކުޅުނު ދުވަސްވަރު ވެސް ކުޅުނު ކުޅުން ހަމަ އެއީ. ނިއުރޭޑިއަންޓަށް ވުރެ ރީތި ފުޓުބޯޅައެއް ކުޅޭ މާޒިޔާއިން. ނިއުރޭޑިއަންޓުން ކުޅެނީ ޓާގެޓް ފުޓުބޯޅައެއް. ނިއުއިން މެޗުތަކުން މޮޅުވޭ. އެކަމަކު ރީތި ފުޓުބޯޅައެއް ނޫން ކުޅެނީ. މާޒިޔާ ވަރަށް ރަނގަޅު އެޓޭކަކާ އެކު ރީތި ފުޓުބޯޅައެއް ކުޅެނީ،" ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާ ބޮޑު، ކިސް ބުންޏެވެ.

ކިސް ބުނެފައި ވަނީ މާޒިޔާއާ އަޅާބަލާއިރު ވިކްޓަރީގެ ފަރާތުން އެންމެ ދަށްކޮށް ފެންނަނީ ޑިފެންސް ކަމަށެވެ.

"ހޫނު ގަޑިއެއްގައި ބޮޑު މެޗެއް ކުޅެން ޖެހިފައި މިއޮތީ. އަހަރެން ޓީމުގެ އެޓޭކް ރަނގަޅު. އެކަމަކު ޑިފެންސް ދަށްކޮށް ފެންނަނީ. ސެންޓްރަލް ޑިފެންސަށް ކުޅޭ ކުޅުންތެރިން ރަނގަޅު ނަމަވެސް އަރިމަތިން ފަހަތަށް ކުޅޭ ކުޅުންތެރިން ދަށް. އެކަމަކު އުންމީދު ކުރަނީ ނާއްޓޭ ރަނގަޅުވާނެ ކަމަށް،" ކިސް ފާހަގަކުރި އެވެ.

ވިކްޓަރީއަށް މިއަދުގެ މެޗަށް ނުކުންނާނީ އެންމެފަހުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާ އެކުގަ އެވެ. ކިސް ބުނީ އެ މެޗުން ރަނގަޅު ކަންތައްތަކެއް ފެނުނު ނަމަވެސް ޓީމުގެ ބައެއް ކުޅުންތެރިންގެ ވިސްނުން އަދި ވެސް މުޅިން ރަނގަޅު ނޫން ކަމަށެވެ.

"އެންމެފަހުން ވިކްޓަރީ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ކުޅުނު ޓީމު. ފަހު ހާފްގައި ވެސް މޮޅުވުމަށް ރަނގަޅު ރޫހެއް ދެއްކި. އެކަމަކު ބައެއް ކުޅުންތެރިންގެ ވިސްނުމުގައި މައްސަލަތަކެއް އެބަ އުޅޭ. ދިވެހި ޒުވާން ކުޅުންތެރިންނަށް ޒަމާނީ ފުޓުބޯޅައެއް ނޭނގޭ އަދި ވެސް. މަސައްކަތް ކޮށްގެން މެޗުތަކުން މޮޅުވާނީ. އެއާ އެކު ރާއްޖޭގެ ރެފްރީން ވިކްޓަރީއަށް އިހުތިރާމެއް ނުކުރޭ،" ކިސް ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދުގެ މެޗާ ގުޅިގެން މާޒިޔާގެ ކޯޗު، އިންމަ ބުނީ އެންމެ ފަހުން މެޗުން ނެގުނު ތިން ޕޮއިންޓާ އެކު ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށެވެ.

"ވަރަށް ރަނގަޅު ފޯމެއްގައި ޓީމު އޮތީ. އެންމެ ފަހުން ކުޅުނު މެޗުން ތިން ޕޮއިންޓް ލިބުމުން އެ ކޮންފިޑެންސްވެސް ޓީމަށް އެބައޮތް،" އިންމަ ބުންޏެވެ.

އިންމަ އިތުރަށް ބުނީ މެޗަށް ނުކުންނާނީ ވިކްޓަރީއަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދީގެން ކަމަށާއި އެޓީމުގެ ކުޅުންތެރިންނަށް ސަމާލުވާނެ ކަމަށެވެ.

"ވިކްޓަރީއާ ބެހޭ މާބޮޑު ތަފްސީލެއް ދޭކަށް ބޭނުމެއް ނުވޭ. ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ނުކުންނާނީ ދޭން ޖެހޭ އިހުތިރާމު ދީގެން. ވިކްޓަރީއަށް ވެސް އިހުތިރާމް ދޭނަން. ވިކްޓަރީއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ. ބިދޭސީ ކުޅުންތެރިންނާ މާޒިޔާއަށް ކުރިން ކުޅުނު ކުޅުންތެރިންނަށް ވެސް އެ އިހްތިރާމް ދޭން ޖެހޭ،" އިންމަ ބުންޏެވެ.

ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާންއާ ދެކޮޅަށް ނުކުންނަ މެޗަށް ތައްޔާރުވުމުގެ ގޮތުން މި ހަފްތާއަށް ފަހު ލީގު މެދު ކަނޑާލާއިރު، މާދަމާ ރޭ ލީގުގައި ކުޅޭ މެޗަށްފަހު ދެން ލީގު މެޗެއް އޮންނާނީ އޭޕްރީލް މަހު ދެވަނަ ދުވަހުގަ އެވެ.

މާޒިޔާ އަދި ވިކްޓަރީގެ ކޯޗުވެސް ބުނީ ލީގު ބްރޭކަކަށްދާއިރު، ތާވަލުގައި ރަނގަޅު ހިސާބެއްގައި އޮތުން އެއީ މުހިއްމު ކަމެއް ކަމަށެވެ.

މާޒިޔާއާއި ވިކްޓަރީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

comment ކޮމެންޓް