ޑޮއިޝް ބޭންކުގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 2.8 ބިލިޔަން ޑޮލަރު ބަހައިފި

ޑޮއިޝް ބޭންކް --

ޖަރުމަނުގެ ގައުމީ ބޭންކް، ޑޮއިޝް ބޭންކްގެ މުވައްޒަފުންނަށް އަހަރީ ބޯނަހުގެ ގޮތުގައި 2.8 ބިލިޔަން ޑޮލަރު ބަހައިފި އެވެ.

ޑޮއިޝް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، 700 އަށް ވުރެ ގިނަ މުވައްޒަފުންނަށް، ކޮންމެ މީހަކަށް އަހަރީ ބޯނަސްގެ ގޮތުގައި 1.2 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ވަނީ ދީފަ އެވެ. އެހެން ނަމަވެސް އެ ބޭންކުގެ އެންމެ މަތީ އެގްޒެކެޓިވުން ބޯނަސް ފައިސާ ނުނަގާތާ ތިން އަހަރު ވެއްޖެ އެވެ.

ޑޮއިޝް ބޭންކަށް މިދިޔަ ތިން އަހަރު ވެސް ވަނީ މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. މާލީ ގެއްލުމާ ގުޅިގެން އެ ބޭންކުން ވަނީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، ގިނަ ބްރާންޗުތަކެއް ބަންދު ވެސް ކޮށްފަ އެވެ.

އެހެން ނަމަވެސް އެ ބޭންކުން ގަބޫލުކުރާ ގޮތުގައި ބޮޑެތި ބޯނަސް ދިނުމަކީ އެ ބޭންކުގައި ތިބި ހުނަރުވެރި މުވައްޒަފުން، ވާދަވެރި ބޭންކުތަކާއި ކުންފުނިތަކަށް ބަދަލުވުމުގެ ޚިޔާލު ދޫކޮށްލާނެ ކަމެކެވެ.

ޑޮއިޝް ބޭންކުން ބުނީ 2017 ވަނަ އަހަރު އެކުންފުންޏަށް މާލީ ގޮތުން ފައިދާ ނުވީ އެމެރިކާގައި ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ކަމަށެވެ.

"ރަނގަޅު ފައިދާއަކާ ދިމާލަށް ކުންފުނި ދަތުރުކުރީ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރީ، އެމެރިކާގައި ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން އަޅުގަނޑުމެންގެ ކުންފުނީގެ މުވައްޒަފުންނަށް އަދަބު ދިނުމަކީ އިންސާފު ނޫންކަމަށް،" ޑޮއިޝް ބޭންކްގެ ތަރުޖަމާނު ޔޮއާގް އެއިގެންޑޯފް ޖެނުއަރީ މަހު ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

comment ކޮމެންޓް