ކުލަގަދަ ރަސްމިއްޔާތަކާ އެކު ކްލަބް މޯލްޑިވްސް ކަޕް ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕް 2018 ވަނަ އަހަރުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި އަދި އެންމެ ޒަމާންވީ ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕް 2018 ރޭ ފަށައިފި އެވެ.

މާފަންނު މިނީ ގްރައުންޑުގައި ކްލަބު މޯލްޑިވްސް ރޭ ފަށާފައި ވަނީ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް ކުލަގަދަ ހަރަކާތްތަކަކާ އެކުގަ އެވެ. އެތައް ފަންނާނުންތަކެއްގެ ހުށައެޅުންތަކާ އެކު ކުރިއަށް ގެންދިޔަ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ދިރާގުގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަނެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭއެމްއާއި މުބާރާތުގެ އެކިއެކި ސްޕޮންސަރުންނާއި ޕާޓްނަރުންގެ ފަރާތުން އިސް ބޭފުޅުން ވަނީ ރޭގެ ހަފްލާގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ މުނިފޫހިފިލުވުމުގެ ބައިވެރިޔާ ކަމަށްވާ، ބިދަބިން ބޮޑުބެރު ގްރޫޕްގެ ހަރަކާތްތަކާ އެކު ފެށިގެން ދިޔަ ހަފްލާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ގިނަ ފަންނާނުންތަކެއް ވަނީ ހުށައެޅުންތައް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑަލްގެ ސީޒަންތަކުން ވިދާލި، ޝަލަބީ އިބްރާހީމާއި އައިޝަތު ޖައިޝާ ވަހީދާއި ޝަޒާ އަބްދުލްރަޝީދުގެ އިތުރުން ޒުވާން ހުނަރުވެރިޔާ ރީހާން އަހުމަދުގެ ހުށަހެޅުންތައް ހިމެނެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕް 2018 ވަނަ އަހަރުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕް ފެށުމުގެ ރަސްމިއްޔާތެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ކުޅޭ ހުރިހާ ޓީމެއްގެ ޖާޒީ ދައްކާލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ 32 ފިރިހެން ޓީމާއި ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން ކަމަށްވާ 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ ނުވަ ޓީމެއްގެ ޖާޒީވަނީ ރޭގެ ހަފްލާގައި ދައްކައިލައިފަ އެވެ.

ރޭގެ ހަފްލާގައި މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕް އަދި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަނުންނަށް ކްލަބު މޯލްޑިވްސްގެ ފަރާތުން ވަނީ ޗެމްޕިއަން ބެޖު ހަދިޔާ ކޮށްފަ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕް 2018 ވަނަ އަހަރުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕުން ރާއްޖޭގެ ފުޓްސަލްއަށް މުޅިން އާކަމެއް

މި އަހަރަކީ ކްލަބު މޯލްޑިވްސް ކަޕް މެދު ނުކެނޑި ބާއްވާތާ 13 ވަނަ އަހަރެވެ. އަދި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާ މުބާރާތް މެދުކެނޑުމެއް ނެތި ބާއްވާތާ މިއަހަރަކީ އަށް ވަނަ އަހަރެވެ. ކްލަބު މޯލްޑިވްސް ކަޕަކީ ސަރުކާރުގެ އޮފީސްތަކައި އަމިއްލަ ކުންފުނިތައް ބައިވެރިވާ މުބާރާތެއް ނަމަވެސް، އެ މުބާރާތް ފާހަގަކުރެވެނީ ރާއްޖޭގެ ފުޓްސަލްއަށް ގިނަ ބަދަލުތަކެއް ގެނުވާ މުބާރާތެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ރާއްޖޭގައި ފުޓްސަލް ތަރިންތަކެއް އުފެދިގެން ދިޔަ މުބާރާތެއްގެ ގޮތުގައި ކްލަބު މޯލްޑިވްސް ފާހަގަކޮށްލެވެ އެވެ.

މި އަހަރު ކްލަބު މޯލްޑިވްސް އިން ރާއްޖެއަށް ތައާރަފް ކުރީ، ފުޓްސަލް ގަވާއިދުގައި ހިމެނޭ "ޕަވާ ޕްލޭ" އެވެ. "ޕަވާ ޕްލޭ"އަކީ ކީޕަރުގެ ބަދަލުގައި ދަނޑުމައްޗަށް ނެރޭ ކުޅުންތެރިއެކެވެ. ފުޓްސަލް ގަވާއިދު ބުނާ ގޮތުން އެ ކުޅުންތެރިޔާއަށް ބޭނުން ވަގުތެއްގައި ކީޕަރުގެ ބަދަލުގައި ދަނޑު މައްޗަށް ނުކުމެވޭނެ އެވެ. އެހެން ނަމަވެސް އެ ކުޅުންތެރިޔާ ހުންނަން ޖެހޭނީ ހާއްސަ ޖާޒީއެއްގަ އެވެ.

"މިފަހަރުގެ މުބާރާތަށް އަޅުގަނޑުމެން ތައާރަފްކޮށްފައި އިންނާނީ ފުޓްސަލް ގަވާއިދުގައި ހިމެނޭ 'ޕަވާ ޕްލޭ'. އެއީ ވަކި ކުޅުންތެރިއެއް. ކީޕަރުގެ ބަދަލުގައި ދަނޑު މައްޗަށް އެރޭނެ ކުޅުންތެރިއެއް އެއީ. އެކަން އިންނާނެ ގަވާއިދުގައި ހިމަނާލެވިފައި. އެގޮތުން ފާހަގަކޮށްލަން ބޭނުން ހުރިހާ ޓީމަކުން ވެސް ތައްޔާރުވެފައި މި އޮތީ ހަމަ އޭގެ ބޭނުން ކުރެވޭނެ ގޮތަކަށް. ތަފާތު ޖާޒީގައި އެ ކުޅުންތެރިޔާ އަރާނީ. އެއީ މެޗުގެ ނަތީޖާ އަނބުރާލަން އެންމެ އެކަށީގެންވާ ގަވާއިދު. އަލަށްރާއްޖޭގެ ފުޓްސަލްއަށް މިކަން މިއައީ،" ކްލަބު މޯލްޑިވްސް ކަޕްގެ ސްޕޯޓްސް ޑިރެކްޓަރު އިސްމާއިލް ސުވައިދު "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ސުވައިދު ވިދާޅުވީ ކްލަބު މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ތިބި ޒުވާނުންނަށް ހޯދައިދެމުން މިދަނީ މުހިއްމު ފުރުސަތުތަކެއް ކަމަށާއި އެ ކަންކަމުގެ ސަބަބުން ރާއްޖޭގެ ފުޓްސަލްއަށް ރަނގަޅު ބަދަލުތަކެއް ގެނުވާނެ ކަމަށެވެ.

ސުވައިދު އިތުރަށް ވިދާޅުވީ މުބާރާތް ބޭއްވުމުގައި އެތަކެއް ފަރާތްތަކެއްގެ އެއްބާރުލުން ލިބެމުންދާ ކަމަށާއި ވަކިން ހާއްސަކޮށް ހުރިހާ ސްޕޮންސަރުންނާއި ސަރުކާރުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. މީގެ ތެރެއިން ވެސް ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހީމްގެ ނަން ސުވައިދު ވަނީ ހާއްސަ ގޮތެއްގައި ފާހަގަކުރައްވައިފަ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕް 2018 ވަނަ އަހަރުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ތިލަފުށީ ކޯޕަރޭޝަނާއި މައިލޯ އާއި ޒަމާންވީ މުއާސަލާތީ ކުންފުނި ދިރާގު އަދި ސުޒުކީ މެރިން އެވެ. އިންޝުއަރެންސް ޕާޓްނަރުންނަކީ އެލައިޑެވެ. އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރުންނަކީ ރާއްޖޭގައި ސްޕޯޓްސް ފޮޓޯގްރަފީގައި އެންމެންގެ އިތުބާރު ހޯދަމުން އަންނަ އިމޭޖްސް އެމްވީ އެވެ. ޓެކްނިކަލް ޕާޓްނަރުންނަކީ ޕަބްލިކް ވޯކްސް ސާވިސް އެވެ.

comment ކޮމެންޓް