ރަންވީރަށް "ބޭންޑް ބާޖާ ބާރާތު" ލިބުނީ ރަންބީރު އެ ފިލްމު ދޫކޮށްލުމުން!

ބޮލީވުޑް އެކްޓަރު ރަންވީރު ސިންގް އަކީ މިހާރު އިތުރު ތައާރަފެއް ބޭނުންވާނެ ފަންނާނެއް ނޫނެވެ. ފިލްމީ ދާއިރާގައި ހޭދަކުރި އަށް ވަރަކަށް އަހަރުގެ ތެރޭގައި ރަންވީރު މިވަނީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެކްޓަރުންގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ.

ރަންވީރު ބޮލީވުޑަށް ތައާރަފުވީ 2010 ވަނަ އަހަރު ރިލީޒް ކުރި ހިޓް ފިލްމު، 'ބޭންޑް ބާޖާ ބާރާތު' އިން އަނުޝްކާ ޝަރްމާ އާއެކު އެވެ. ޔަޝް ރާޖް ފިލްމްސްގެ ޕްރޮޖެކްޓަކުން ފުރުސަތު ހޯދުމަށް، ރަންވީރު ވަނީ ތިން އަހަރު ވަންދެން ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

"އެންމެ ކުޑަ އިރުން ފެށިގެން ވެސް ހިންދީ ފިލްމުތަކަށް ހުންނަ ލޯތްބެއްގެ ސަބަބުން، ޕޯޓްފޯލިއޯ ހިފައިގެން ތިން އަހަރު ވަންދެން މުމްބާއީގައި ގަނަތެޅުނިން. އަހަންނަށް ކާމިޔާބު ލިބުނީ ހުއްޓާ ނުލާ ކުރި މަސައްކަތުން. މިއީ އަހަރެން އަމިއްލަ އަށް ހޯދި ނަސީބެއް،" ރަންވީރު ބުނެފައިވެ އެވެ.

ރަންވީރު އަށް 'ބޭންޑް ބާޖާ ބާރާތު' އިން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން އޭނާ ބުނީ، ފުރަތަމަ އެ ފިލްމު ހުށަހެޅީ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު އަށް ކަމަށެވެ. ނަމަވެސް ރަންބީރު އެ ފިލްމަށް އިންކާރު ކުރީ އެވެ.

އެހިސާބުން ނަސީބު އަތުގައި ހިފީ އެވެ. ޔަޝް ރާޖް ފިލްމްސް އިން ބޭނުންވީ މުޅިން އައު މޫނެކެވެ. އެއީ ރަންވީރު ބަލަބަލާ ހުރި ފުރުސަތެވެ. އެއްވެސް މިޔުޒިކް ވީޑިއޯއެއް ނުވަތަ މޮޑެލިން މަސައްކަތެއް ވެސް ނުކޮށް ރަންވީރު ހުރީ އެފަދަ ފުރުސަތެއް ލިބޭތޯ އެވެ.

އެ ދިގު އިންތިޒާރުގެ ނިމުން އައީ ވަރަށް ފޮނިކޮށެވެ. އަނުޝްކާ ފަދަ ތަރިއަކާ އެކު ފުރަތަމަ ފިލްމު ކުޅެލަން ލިބުމަކީ ރަންވީރު ގަބޫލުކުރާ ގޮތުގައި ވަރަށް ބޮޑު ކާމިޔާބެކެވެ.

ރަންވީރު ބުނީ އޭނާ އަކީ ރީތި މީހެއް ނޫން ކަން ޕްރޮޑިއުސަރު އަދިއްތުޔަ ޗޯޕްރާ ހަނދާން ކޮށްދިން ކަމަށާއި ފިލްމީ ދާއިރާގައި ހިފަހައްޓާލެވޭނީ ހުނަރު ދައްކައިގެން ކަމަށް އަދިއްތުޔަ ބުނި ކަމަށެވެ.

"އަދިއްތުޔަ ބުނީ މީހުންގެ ލޯތްބާއި ތާއީދު ބޭނުން ނަމަ ޖެހޭނޭ ވަރަށް މޮޅަށް އެކްޓު ކުރަން. އެ ބުނީ ތަންކޮޅެއް ރީތިކޮށް، އަހަންނަކީ ހުތުރު މީހެކޭ،" ރަންވީރު ބުންޏެވެ.

ކޮންމެ އަކަސް އެ ދުވަސްތައް މިހާރު މާޒީވެ ހިނގައްޖެ އެވެ. ރަންވީރަކީ މިހާރު ބޮލީވުޑް ސަޕޯޓަރުންގެ އިތުރުން ކްރިޓީކުންގެ ލޯބި ވެސް ހޯދައިފައިވާ ފަންނާނެކެވެ. ރަންވީރުގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 'ޕަދްމާވަތު'، 'ބާޖީރާއޯ މަސްތާނީ'، 'ގޯލިއޯން ކީ ރާސް ލީލާ: ރާމް ލީލާ' އަދި 'ލޫޓޭރާ' ފަދަ ފިލްމުތައް ހިމެނެ އެވެ.

comment ކޮމެންޓް