ނޫސްތަކުގެ އެޑިޓަރުން ބަދަލުކުރުމަށް ދިން މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ހޯމްމިނިސްޓްރީއާ ބައްދަލުކުރުން -- ފޮޓޯ: އެމްއެމްސީ

މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ "ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"ގައިވާ ޝަރުތުތަކަށް ނޫސްތަކުންގެ އެޑިޓަރުން ފެއްތުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން، އިސްލާހު ގެނައި ގަވާއިދާ އެއްގޮތަށް އެޑިޓަރުން ބަދަލުކުރަން ދީފައިވާ މުއްދަތު މިއަދު (18 މާރޗް 2018)އަށް ވަނީ ހަމަވެފައެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އިޞްލާހްކުރެވުނު ގަވާޢިދާ އެއްގޮތަށް ނޫސްތަކުގެ އެޑިޓަރު ބަދަލުކުރަން ދީފައިވާ މުއްދަތު މި މަހުގެ 25 ވަނަ ދުވާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިޞްލާޙްކޮށްފައިވާ ގަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސް މަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގޮތުން، އެ ފަރާތަކީ، ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.

ނަމަވެސް ކުރިން އެ ގަވައިދުގެ 10 ވަނަ މާއްދާގެ (ނ)ގައި އެޑިޓަރުގެ ޝަރުތު ކަމުގައި ބުނެފައި ވަނީ، ނޫސް މަޖައްލާގެ އެޑިޓަރުކަން ކުރެވޭވަރުގެ ތައުލީމީ ފެންވަރު ހުރުމާއެކު، ނޫސްވެރިކަމުގެ ކޯހެއް ފުރިހަމަކޮށްފައި ވުން، ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހު އުޅެފައިވުން ކަމަށެވެ.

މިކަމާ ގުޅިގެން، ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ދުވަސްވީ، ތަޖްރިބާކާރު ބޭފުޅުންނާއި، އަދި ނޫސް މަޖައްލާތަކުގެ އިސް ފަރާތްތަކުން ދަނީ މިއީ، ރާއްޖޭގައި ނޫސްވެރިކަން ކުރިއަރުވައި އާލާކުރުމަށް، ވަރަށް ބޮޑު ހީނަރުކަމެއް އަންނާނޭ ކަމެއް ކަމަށާއި އަދި މިނޫނަސް ނޫސްވެރިކަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނޭ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، މިހާރު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާ އެޑިޓަރުންގެ ގެތެރެއިން "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" ގެ 10 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠުތައް ހަމަނުވާ އެޑިޓަރުން، އެމާއްދާގައި ބުނާ ޝަރުޠުތައް ހަމަވާ އެޑިޓަރުންނަށް ބަދަލުކުރުމަށް 25 މާރިޗް 2018 އަށް މުއްދަތުވަނީ އިތުރުކުރެވިފައިވާ ކަމަށެވެ.

ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު، އެޑިޓަރުންނާ ގުޅޭ މާއްދާއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އެ މާއްދާ އިސްލާހުކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ ހޯމް މިނިސްޓްރީ އާ މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް