ރަޝިއާގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް ޕޫޓިން ހޮވިވަޑައިގެންފި

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން --

ރަޝިއާގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް އެގައުމުގެ މިހާރުގެ ރައީސް ވްލެޑްމިއާ ޕޫޓިން އިންތިޚާބުވެ ވަޑައިގެންފިއެވެ.

ރަޝީއާގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕޫޓިން އަށް ވަނީ އިންތިހާބުގެ ވޯޓުގެ 73.9 ޕަސެންޓު ލިބިވަޑައިގެންފައެވެ.

ހަ އަހަރުގެ އާ ދައުރަކަށް ޕޫޓިން އަނެއްކާވެސް އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރުު ޕުޓިން އާ އެންމެ ގާތުން ވާދަކުރެއްވި ޕާވެލްއަށް ލިބިލެއްވީ ވޯޓުގެ 15 ޕަސެންޓެވެ.

އެންމެ ފަހުން 2012 ވަނަ އަހަރު ބޭއްވި އިންތިޚާބު ޕޫޓިން ކާމިޔާބު ކުރެއްވީ 64 ޕަސެންޓު ވޯޓުންނެވެ. މިފަހަރުގެ އިންތިޚާބުގައި ލިބިލެއްވި ކާމިޔާބީ އަކީ ޕުޓިންއަށް ލިބޭނެކަމަށް ލަފާކޮށްފައިވާ ކާމިޔާބީއެކެވެ.

ރަޝިއާގެ ރައީސް ކަމަށް ޕޫޓިން އެންމެ ފުރަތަމަ އިންތިހާބުވެ ވަޑައިގެންނެވީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން 2004 ވަނަ އަހަރުގެ އިންތިޚާބުވެސް ޕޫޓިން ކާމިޔާބު ކުރެއްވިއެވެ. އޭރު އެގައުމުގެ ގާނޫނުތައް ބުނާގޮތުން ރިޔާސީ ދައުރުގެ މުއްދަތަކީ ހަތަރު އަހަރެވެ.

ފަހުން ރިޔާސީ ދައުރުގެ މުއްދަތު ހަ އަހަރަށް ބަދަލުކޮށް 2012 ވަނަ އަހަރުވެސް ޕޫޓިން އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ.

ދެހާސް އަށްވަނަ އަހަރުގެ އިންތިޚާބުގައި ޕޫޓިން ވާދަ ކުރައްވާފައެެއް ނުވެއެވެ. އެއީ ޖެހިޖެހިގެން ދެ ދައުރު ފުރިހަމަ ކުރުމަށްފަހު އިތުރު ދައުރަކަށް ވާދަ ނުކުރެވޭނެ ކަމަށް ރަޝިއާގެ ގާނޫނު ބުނާތީއެވެ. 2012 އިން 2018 އަށް ވެރިކަން ކުރެއްވުމަށްފަހު 2018ގެ އިންތިޚާބުު ކާމިޔާބު ކުރައްވައި 2024 އާ ހަމައަށް ޕޫޓިން ވެރިކަމުގައި ހުންނަވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް