މާމެންދޫ ދެ ކައުންސިލަރަކުވެސް ސަސްޕެންޑުކޮށްފި

ލ. މާމެންދޫ -- ފޭސްބުކް ފޮޓޯ

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ ދެ މެންބަރުން ސަސްޕެންޑު ކޮށްފިއެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަބްދުލް މުހުސިން މުހައްމަދަށް އެޑްރެސްކޮށް އެލްޖީއޭއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ނައިިބު ރައީސް ހުސައިން ހަބީބު އަލީ އާއި ކައުންސިލަރު އިރުފާނު މާދަމާއިން ފެށިގެން އެއް މަސްދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މުހުސިނަށް އެޑްރެސްކޮށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ މާމެންދޫ ކައުންސިލްގެ ނައިބު ރައީސް އާއި ކައުންސިލް މެންބަރު ސަސްޕެންޑު ކުރީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމަށެވެ. މިއީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާ ޚިލާފު އަމަލެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ލ އަތޮޅު ކައުންސިލާއި މާމެންދޫ ކައުންސިލަށް މަޝްވަރާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ކައުންސިލްގެ ރައީސް މުހުސިން ކަމަށެވެ.

މީގެ އިތުރުން މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ މާމެންދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އެ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ.

comment ކޮމެންޓް