އިސްދޫ ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑު ކޮށްފި

އިސްދޫ ކައުންސިލްގެ އިދާރާ ---

ހައްދުންމަތީ އިސްދޫ ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑު ކޮށްފިއެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލާއި ނައިބު ރައީސް އަހުމަދު ފައިސަލް އަދި ކައުންސިލް މެންބަރު އިބްރާހިމް ފައުޒީ އެއް މަސްދުވަހަށް ސަސްޕެންޑު ކޮށްފައިވާއިރު ކައުންސިލް ހިންގުމުގެ ކަންތައް އެލްޖީއޭއިން ހަވާލުކޮށްފައިވަނީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ހަމީދާއެވެ.

އިބްރާހިމް ހަމީދަށް އެޑްރެސްކޮށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ އިސްދޫ ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑު ކުރީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމަށެވެ. މިއީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާ ޚިލާފު އަމަލެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ސިޓީ ގައި އިތުރަށް ބުނެފައިވަނީ ކައުންސިލްގެ ތިން މެންބަރުން މުސާރަ ނުލިބޭގޮތަށް މާދަމައިން ފެށިގެން އެއް މަސްދުވަހަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ކަމަށެވެ.

މީގެ އިތުރުން މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ އިސްދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އެ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ.

comment ކޮމެންޓް