އިތުބާރު ކުޑަވެއްޖެ، ރާއްޖެ އާއި އިންޑިއާގެ ގުޅުން އާފެށުމަކުން ފަށަންޖެހޭ: ރާއްޖޭގެ ސަފީރު

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު. ރާއްޖެއާ އިންޑިއާއާ ދެމެދު އިތުބާރު ކުޑަވެއްޖެކަމަށާއި، އަދި ދެގައުމުގެ ގުޅުން އާ ފެށުމަކުން ފަށަން ޖެހޭ ކަމަށް އަހުމަދު ވިދާޅުވި--

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އިތުބާރު ކުޑަވެއްޖެ ކަމަށާއި ދެގައުމުގެ ގުޅުން އާ ފެށުމަކުން ފަށަން ޖެހޭ ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕްރެސް ޓްރަސްޓް އިންޑިއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު އަހުމަދު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަރަށް ގިނަ މައްސަލަތައް ޖެހުނު ކަމަށާއި ދެގައުމުގެ ދެމެދުގައި އިތުބާރުގެ މައްސަލަ އުފެދުނީ ކަންކަމުގައި ރަނގަޅަށް މަޝްވަރާ ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

ދެގައުމުގެ ދެމެދުގައި އިތުބާރުގެ މައްސަލަ އުފެދިފައި އޮތް ކަމުގައި ވިޔަސް، ވެދިޔަ ކަންކަން ހަނދާން ނައްތާލައި އާ ފެށުމަކުން ދެގައުމުގެ ގުޅުން އަލުން ފަށަަން ޖެހޭ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިދިޔަ ހަފްތާގައި އިންޑިއާގެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން ނުޖެހޭނެ ކަަމަށެވެ. އަދި ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިލްކުވެރިކަމުގައި މައްސަލަޖެހިފައިވާ ކަޝްމީރުގެ މައްސަލައިގެ ތެރެއަށް ރާއްޖެއިން ނުވަންނަ ކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

ސަފީރު އަހުމަދު ޕީޓީއައި ނޫހަށް ވިދާޅުވީ ކަޝްމީރުގެ މައްސަލައަށް ތިން ވަނަ ފަރާތަކުން ވަނުމަކީ ރާއްޖެ އިން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި ޝައިނީ އެފަދައިން ވިދާޅުވީ އެ ވިސްނުމުން ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް ދެކެން ބޭނުން ވަނީ ޕާކިސްތާނާއި އިންޑިއާ އިން ވާހަކަ ދައްކައިގެން ކަޝްމީރުގެ މައްސަލަ ހައްލު ކުރާ ތަން،" އަހުމަދު ވިދާޅުވި އެވެ.

ކުއްލި ހާލާތު އިތުރުކުރުމަށް ނިންމި ނިންމުމާ ގުޅިގެން އިންޑިއާގެ ބަސްމަގު ހުރި ގޮތަށް އިޝާރަތްކުރައްވައި، ސަފީރު އަހުމަދު ވިދާޅުވީ އިންޑިއާއިން އަމަލުކުރީ އެކަމުގައި އަމަލުކުރަންވީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

comment ކޮމެންޓް