ކުނިމެނޭޖުކުރާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ތިލަފުށީގައި ކުނި އެންދުން މަނާކޮށްފި

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް --- ފައިލް ފޮޓޯ

ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ފިޔަވައި، އެހެން ފަރާތްތަކުން ތިލަފުށީގައި ކުނި އެންދުން މަނާކޮށްފިއެވެ.

ތިލަފުށި ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގެ އެއްވެސް ޕްލޮޓެއްގައި އަދި މަސައްކަތް ކުރާ އެއްވެސް ސަރަހައްދެއްގައި ކުނިމެނޭޖުކުރާ ފަރާތަކުން ފިޔަވައި އެހެން އެއްވެސް ފަރާތަކުން ކުނިއެންދުމަކީ މަނާކަމެއް ކަމަށެވެ.

އަދި މި ތަންތަނުގައި ކުނި އަންދާނަމަ ފިޔަވަޅުއަޅާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެމްކޯ އާއެވެ. މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ ކަންތައް ކުރަނީ ކ. ތިލަފުށީގައެވެ. ތިލަފުށި ތަރައްގީކުރަން އެންވަޔަރަމެންޓް މިނިސްޓްރީ އިން ވަނީ އޭޑީބީގެ އެހީގައި 126 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން ތިލަފުށީގެ ބިން ހިއްކައި، ވޭސްޓް މެނޭޖުމެންޓް ސެންޓަރެއް ގާއިމްކުރާނެ އެވެ.

comment ކޮމެންޓް