ޕެނަލްޓީ ޖަހައިގެން ވޭވަށް ބަލިކޮށް މުލިން މ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

މުލީ ޓީމު މ. އަތޮޅުގެ ޗެމްޕިއަން ޝީލްޑާއެކު --- ފޮޓޯ/ މީސް މީޑިއާ

ޕެނަލްޓީ ޖަހައިގެން ވޭވަށް ބަލިކޮށް މ. އަތޮޅުގެ ޗެމްޕިއަންކަން މުލިން ހޯދައިފިއެވެ.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މ. އަތޮޅުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން މެޗުގެ 49 ވަނަ މިނެޓުގައި ނާއިފް ޝަފީގުގެ ގޯލާއެކު މުލިންވަނީ ލީޑު ނަގައިފައެވެ.

މުލިން މެޗުގެ ލީޑު ހިފަހައްޓަމުން ދަނިކޮށް ވޭވަށުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 85 ވަނަ މިނެޓުގައެވެ. އެ ގޯލް ވޭވަށަށް ކާމިޔާބުކޮށްދިނީ ނާފިޒު އަބްދުލް ޝުކޫރެވެ.

މުލިން މީމު އަތޮޅުގެ ޗެމްޕިއަންކަން ނެގީ ޕެނެލްޓީގައި 5-4ގެ ނަތީޖާއަކުން ވޭވަށް ބަލިކޮށްގެނެވެ.

މ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި މުލިންވަނީ ޒޯން ފަހެއްގެ ޒޯން ބުރަށް ކޮލިފައިވެފައެވެ. އެ ޒޯންގައި ހިމެނެނީ މ. އަތޮޅުގެ އިތުރުން ވ. އަތޮޅާއި ފ. އަތޮޅު އަދި ދ. އަތޮޅެވެ.

މިހާތަނަށް ޒޯން ފަހެއްގެ ޒޯން ބުރު ކަށަވަރުވެފައިވާ ޓީމު ތަކަކީ، ފ. ނިލަންދޫ، މ. މުލި އަދި ވ. ފުލިދުއެވެ. ފުލިދުއަށް ޒޯން ބުރު ޔަގީންވެފައިވަނީ އެ އަތޮޅުން މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ފުލިދޫ އެކަނި ބައިވެރިވެފައިވާތީއެވެ.

comment ކޮމެންޓް