ކެންސަލް ކޮށްފައިވާ ދަތުރުތަކުގެ ރިފަންޑު، މަޖިލީހުގެ އިދާރާއަށް ނުލިބޭ: އޮޑިޓު ރިޕޯޓު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން 2016 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ދަތުރުތައް ކުރުމަށްޓަކައި ފައިސާ ދައްކާފައިވާ ޓިކެޓްތަކުގެ ތެރެއިން، ކެންސަލްކޮށްފައިވާ ދަތުރުތަކުގެ ޓިކެޓްތަކަށް ރިފަންޑްގެ ގޮތުގައި ލިބެންޖެހޭ 582،882 ރުފިޔާ އެ މަޖިލީހުގެ އިދާރާއަށް ލިބިފައި ނުވާކަމަށް އެ އިދާރާގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރެފައިވާ މަޖިލީހުގެ މާލީ އޮޑިޓު ރިޕޯޓުގައި ވާގޮތުން ކެންސަލްކޮށްފައިވާ ދަތުރުތަކަށް އެއާލައިންތަކުން މަޖިލީހަށް ލިބެންޖެހޭ 582،882 ރުފިޔާ، މިއަހަރުގެ ޖެނުއަރީ މަހުގެ 28 ގެ ނިޔަލަށްވެސް ލިބިފައެއް ނުވެއެވެ.

އަދި އެ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ފިޔަވަޅުތައް އަޅާފައިވެސް ނުވާކަމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ވާގޮތުން ދައުލަތުގެ ތަނަކަށް ލިބެންވާ ފައިސާއެއް ނުލިބި އެއް މަސްދުވަސް ވެއްޖެނަމަ އެފައިސާ ހޯދުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އަދި އެ ފިޔަވަޅުތައް އެޅުމަށް ފަހުގައިވެސް އެ ފައިސާ ނުލިބިއްޖެނަމަ އެ މައްސަލަ ގަވާއިދުން ޝަރީއަތަށް ހުށައަޅަންޖެހެއެވެ.

ކެންސަލްކޮށްފައިވާ ޓިކެޓްތަކުން ނުލިބިވާ ރިފަންޑް ފައިސާގެ ތެރޭގައި، 2013 ވަނަ އަހަރު ފައިސާ ދައްކާފައިވާ 256،296 ރުފިޔާ، 2014 ވަނަ އަހަރު ފައިސާ ދައްކާފައިވާ 100،544 ރުފިޔާ، 2015 ވަނަ އަހަރު ފައިސާ ދައްކާފައިވާ 45،643 ރުފިޔާ އަދި 2016 ވަނަ އަހަރު ފައިސާ ދައްކާފައިވާ 180،399 ރުފިޔާ ހިމެނޭކަމަށް އޮޑިޓު ރިޕޯޓްގައި ވެއެވެ.

މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ދައުލަތުގެ ތަނަކަށް ލިބެންވާ ފައިސާއެއް ވާނަމަ އެ ފައިސާ ހޯދުމަށް އޮޑިޓު ރިޕޯޓުގައި ވަނީ ލަފާދެއްވާފައެވެ.

ރާއްޔިތުންގެ މަޖިލީހުގެ އޮޑިޓު ރިޕޯޓުގައި ދެން ފާހަގަ ކޮށްފައިވާ މައްސަލައަކީ ހަރުމުދަލާއި ހަރު މުދަލުގެ ހިސާބުކިތާބު މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ބަލަހައްޓާފައި ނުވާކަމުގެ މައްސަލައެވެ.

އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ދެ މައްސަލަ ފިޔަވާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެހެނިހެން މާލީ ކަންކަން، މައިގަނޑުގޮތެއްގައި ހިންގާ ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

comment ކޮމެންޓް