ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ލަންކާގެ ކެންޑީގައި ހިނގި ހަމަނުޖެހުންތަކުގައި ބުދިސްޓުން ވަނީ މުސްލިމުންގެ ގެތަކާއި މިސްކިތްތަކުގައި ރޯކޮށްފައި -- ފޮޓޯ: އީޕީއޭ

ކޮލަމްބޯ (މާޗް 18): ސްރީލަންކާގެ ކެންޑީގައި މުސްލިމުންނާ ދެކޮޅަށް ދިން ހަމަލާތަކާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ކަމަށް ރައީސް މައިތުރިޕާލަ ސިރިސޭނާ އިއުލާން ކުރައްވައިފި އެވެ.

ޖަޕާނަށް ކުރެއްވި ހަ ދުވަހުގެ ދަތުރުފުޅަކަށް ފަހު ގައުމަށް ވަޑައިގެން ސިރިސޭނާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ނިންމެވީ ގައުމު ހާލަތު ވަޒަން ކުރެއްވުމަށް ފަހުގައި ކަމަށް ވިދާޅުވެފައި އެވެ.

މިމަހުގެ ހަވަނަ ދުވަހު ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އެގައުމުގެ ކެންޑީ ޑިސްޓުރިކްޓުގައި ބުދިސްޓުންތަކެއް މުސްލިމުންގެ ގެތަކާއި ފިހާރަތަކާއި މިސްކިތްތަކުގައި ރޯކުރި ފަހުންނެވެ.

އެހާދިސާ ހިނގީ އެޑިސްޓުރިކްޓުގެ ތެލެދެނިޔާގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ހަމަނުޖެހުމެއް އުފެދި، ބުދު ދީނުގެ މީހަކު މަރުވުމުންނެވެ.

އަދި އޭގެ ސަބަބުން ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކޮށް، ކެންޑީގައި ކާފިއު އިއުލާންކޮށްފައިވެ އެވެ. ނަމަވެސް އޭގެ ފަހުންވެސް ކެންޑީގައި މުސްލިމުންނާ ދެކޮޅަށް ހަމަލާތަކެއް ދިން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ލަންކާ ސަރުކާރުން ވަނީ އެހަމަލާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭނެ ކަމަށް ބުނެފައި އެވެ. (ކޮލަމްބޯގެޒެޓް)

comment ކޮމެންޓް