ރާއްޖެ ޓީވީގެ ނޫސްވެރިޔާ ފަޒީން ދޫކޮށްލައިފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ފަޒީން --

މިދިޔަ ހުކުރު ދުވަހުގެ ރޭ މަޖީދީމަގުން ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ރޭ ދޫކޮށްލައިފި އެވެ.

ހުކުރު ދުވަހު ފަޒީން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އެއްވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ނަމަވެސް ފަޒީންއާ ހަވާލާދީ ރާއްޖެޓީވީން ބުނާ ގޮތުން، އޭނާ ހައްޔަރުކުރީ އޮފީހުން ގެއަށްދިޔަ މަގުމަތީގައި، މަޖީދީމަގު ޓްރެފިކްގައި ޖެހިފައި ހުއްޓާ ކަމަށެވެ.

ބަންދުން މިނިވަން ވުމަށް ފަހު ރާއްޖެޓީވީއަށް ފަޒީން ބުނީ، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރި ކަމަށާއި ނަމަވެސް އެ ލިޔުމުގައި އޭނާ ސޮއި ނުކުރާ ކަމަށެވެ. އަދި ބަންދުން ދޫކޮށްލުމަށް ފަހު އެއްވެސް ޗިޓެއް ވެސް ހަވާލު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފަޒީންގެ އިތުރުން ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވެސް ހައްޔަރުކުރި އެވެ.

އެ ދެ މީހުންގެ ވަކީލު ވިދާޅުވި ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ ސަރުކާރު ވައްޓާލާނެ ކަމަށް އިންޒާރުދީ ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބި ބައެެއްގެ ވީޑިއޯއެއް އާންމު ކުރި މައްސަލައިގަ އެވެ.

ވީޑިއޯތަކުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރިކަން ފުލުހުން އާންމުކޮށްފައިވާ އިރު އެ ދެ މީހުންގެ އިތުރުން ތިން ވަނަ މީހާއަކީ ކާކު ކަމެއް ސާފެއް ނުވެ އެވެ.

ވިސާމާއި އާމިރުގެ ބަންދަށް އިއްޔެ ވަނީ 10 ދުވަސް ޖަހައިފަ އެވެ.

comment ކޮމެންޓް