ދީޕިކާ އަކީ ލިބުނު ނަސީބެއް: ރަންވީރު

ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އަކީ ދިރިއުޅުމުގައި ލިބުނު ނަސީބެއް ކަމަށް، ރަންވީރު ސިންގ ބުނެފި އެވެ.

މިއީ ރަންވީރު އަދި ދީޕިކާ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމަށް އަޑު ފެތުރިފައިވާ ދުވަސްކޮޅެކެވެ. އެހެން ނަމަވެސް، ދެމީހުންގެ ގުޅުމަށް އަދި ވެސް އެއްބަސްވެފައެއް ނުވެ އެވެ. އަދި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އިންކާރު ވެސް ކޮށްފައެއް ނުވެ އެވެ.

ވަރަށް ފަހުން ކުރިއަށް ދިޔަ ނިއުސް 18 ރައިޒިންގް އިންޑިއާ ސަމިޓުގައި ވެސް ދީޕިކާއާ ގުޅޭ ގޮތުން ރަންވީރަށް ވަނީ ސުވާލުތައް އަމާޒުވެފަ އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ރަންވީރު ބުނީ ދީޕިކާ އާ ދެމެދު އޮންނަނީ ވަރަށް ފަސޭހަ ގުޅުމެއް ކަމަށާއި ދެމީހުން ވެސް އެކަކު އަނެކަކަށް ވަރަށް އިހްތިރާމް ކުރާ ކަމަށެވެ.

އެކްޓަރެއްގެ ގޮތުގައި ދީޕިކާ ރޭޓު ކުރަނީ ވަރަށް އުހުގައި ކަމަށާއި ދީޕިކާ އަކީ ވަރަށް ގިނަ ކަންކަން ދަސްކުރަން ހުރި ކަމަށް ބުނެ ރަންވީރު ވަނީ ދީޕިކާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

"އަހަންނަކީ ރަނގަޅު އިންސާނަކަށް ހެދުމަށް ދީޕިކާގެ ފަރާތުން ވަރަށް ބޮޑު އެހީތެރި ކަމެއް ލިބޭ. ދީޕިކާ އަކީ އަހަންނަށް ދިރިއުޅުމުގައި ލިބުނު ނަސީބެއް،" ރަންވީރު ބުންޏެވެ.

ދީޕިކާ އަދި ރަންވީރު ވެސް އަންނަނީ ދެމީހުންގެ އެންމެ ފަހުގެ ފިލްމު 'ޕަދްމާވަތު'ގެ ކާމިޔާބީ ފާހަގަ ކުރަމުންނެވެ.

'ޕަދްމާވަތު' އަކީ ދެމީހުންގެ އެކުގައި ފެނިގެން ދިޔަ ތިން ވަނަ ފިލްމެވެ. 'ޕަދްމާވަތު'ގެ އިތުރުން 'ގޯލިއޯން ކީ ރާސް ލީލާ: ރާމް ލީލާ' އަދި 'ބާޖީރާއޯ މަސްތާނީ'ގައި ވެސް ދެމީހުން އެކުގައި ފެނިގެން ދިޔަ އެވެ.

ރަންވީރު އަދި ދީޕިކާގެ އޮންސްކްރީން އަދި އޮފްސްކްރީން ކެމިސްޓްރީ ވެސް އެހާ ފުރިހަމަ އިރު، އެއީ ބެލުންތެރިން އެންމެ ލޯބިވާ ބޮލީވުޑްގެ ޖޯޑެވެ.

comment ކޮމެންޓް