އެޑިއުކޭޝަން މިނިސްޓްރީގައި ކޮރަޕްޝަންގެ މައްސަލައެއް ނެތް: އޭސީސީ

އޭސީސީގެ އަހަރީ ރިޕޯޓް ނެރުން ---

މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ކަމަށް ބުނެ ބައެއް މީޑިއާތަކުން ކޮށްފައިވާ ރިޕޯޓް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދޮގުކޮށްފިއެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބު ހިމެނޭގޮތަށް އޭސީސީން ނެރުނު އެ މުއައްސަސާގެ އަހަރީ ރިޕޯޓުގައި އޮތް ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ އެންމެ ގިނަ އަދަދަކަށް ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.

އެކަމާ ގުޅިގެން "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެގޮތަށް އެ މުއައްސަސާގެ ރިޕޯޓުގައި ހިމަނާފައި ނުވާ ކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލަތައް އެންމެ ގިނައީ އެޑިއުކޭޝަން މިނިސްޓްރީގައޭ އަޅުގަނޑުމެންގެ ރިޕޯޓަކު ނޯންނާނެ. އަޅުގަނޑުމެންގެ ރިޕޯޓްގައި އޮންނާނީ ދައުލަތުގެ މިނިސްޓްރީއެއްގެ ކަންކަމާ ގުޅިގެން އެންމެ ގިނަ ޝަކުވާ ހުށަހެޅުނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅޭ ގޮތުން ކަަމަށް،" ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ޓީމުތައް އެޑިއުކޭޝަން މިނިސްޓްރީގައި ހަރަކާތްތެރިވެފައިވާ ކަމަށާއި، ނަމަވެސް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ފެންމަތިވެފައި ނުވާ ކަމަށެވެ. އަަދި އެ މިނިސްޓްރީއާ ގުޅޭ އެއްވެސް މައްސަލައެއް ދައުވާކުރަން ފޮނުވާފައި ނުވާ ކަަމަށްވެސް ލުތުފީ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެން މީޑިއާތަކުން ޒިންމާދާރު ކަމާއެކު ރިޕޯޓްކުރަން. އެޑިއުކޭޝަން މިނިސްޓްރީއަކީ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އެއްބާރުލުންދޭ މިނިސްޓްރީއެއް،" ލުތުފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއަކީ 214 ސްކޫލު އަދި 11 ޑިޕާޓްމަންޓް އޮންނަ ބޮޑު މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާގެ ދަށުން 14،000 މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ. އަދި 2.7 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެއް އެ މިނިސްޓްރީން ބަލަހައްޓަމުންދާ ކަމަށާއި އެ ހުރިހާ ކަމަކަމަށް ބަލާއިރު ހުށަހެޅިފައިވާ ޝަކުވާތަކަކީ މަދު ޝަކުވާތެކެއް ކަމަށް ލުތުފީ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ސަންއަށް ވިދާޅުވީ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރުތައް ގެނެސްދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއަކީ އަބަދުވެސް ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރާ ތަނެއް ކަމަށާއި، ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް މިނިސްޓްރީން އެއްބާރުލުންދޭނެ ކަމަށެވެ.

"ފައިތުވި އަހަރު މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާ މެދު އޭސީސީން ފިޔަވަޅު އަޅާފައެއް ނެތް. އެއިން ދައްކުވައިދެނީ މިނިސްޓްރީ ތެރޭގައި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އިސްކަންދެވޭ މިންވަރު،" ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް