ކުއްލި ހާލަތު ނިމުނަސް ހައްޔަރުކުރި މީހުން ދުލެއް ނުކުރާނެ: ނިހާން

ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުއްލި ނުރައްކަލުގެ ހާލަތު ނިމުނަސް އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުން ދުލެއް ނުކުރާނެ ކަމަށާއި، މައްސަލަތައް ބާރަށް ކުރިއަށްދާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު ކުރި މުއްދަތު މިހަފްތާގެ ބުރާސްފަތި ދުވަހަަށް ހަމަވާނެ އެވެ. މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރި މީހުން ދޫކޮށްލާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށެވެ.

"މިހާރު ފަށައިފި އޮޅުވާލުމުގެ ކަންތައްތަކެއް. އެހިސާބުން (ކުއްލި ހާލަތު ނިމޭ ހިސާބުން) ފެށިގެން ހައްޔަރުވެފައި ތިބި ހުރިހާ ހައްޔަރީން ދޫކޮށްލާނޭ. ނޫން ގޯހެއް އެއީ އިނގޭތޯ. އަނެއްކާވެސް ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް ކުރެވޭ މަސައްކަތެއް،" ނިހާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖެއަށް "ބޮޑު ފަލަ ބަޣާވާތެއް ގެންނަން އުޅުނު މީހުން" ގެ މައްސަލަތައް ދާނީ ބާރަށް ކުރިއަށް ކަމަށެވެ.

ނިހާން ވިދާޅުވީ ބަޣާވާތް ގެންނަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ފަހުންވެސް މިހާރު 40 ދުވަސް ވެއްޖެ ކަމަށާއި، އެހެންވީމަ "ވާނެ ހަމަ އެއްކަމެއްވެސް ނޯންނާނެ" ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރޭގެ އެއްވުމަށް އެންމެ ގިނަ މީހުން އައީ ވިލާ ގުރޫޕުގެ ރިސޯޓުތަކުން ކަމަށެވެ. އަދި ރަށްރަށުން މީހުން އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް