ރާއްޖެޓީވީގެ އާމިރު އާއި ވިސާމް ހައްޔަރު ކުރީ އިންޒާރުދޭ ވީޑިއޯތަކުގެ މައްސަލާގައި: ވަކީލު

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އަދި ޕްރޮގްރާމް ހެޑް އާމިރު ސަލީމް ހައްޔަރު ކުރީ ސަރުކާރު ވައްޓާލާނެ ކަމަށް އިންޒާރުދީ ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބި ބަޔަކުގެ ވީޑިއޯއެއް އާންމު ކުރި މައްސަލާގައި ކަމަށް އެ ދެމީހުންގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ރޭ ކޯޓު އަމުރެއްގެ ދަށުން ވިސާމް އަދި އާމިރު ހައްޔަރުކޮށް މާލޭ ކަސްޓޯޑިއަލް ޖަލުގައި ވަނީ ބަންދުކޮށްފަ އެވެ.

ވީޑިއޯތަކުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރިކަން ފުލުހުން އާންމުކޮށްފައިވާ އިރު އެ ދެ މީހުންގެ އިތުރުން ތިން ވަނަ މީހާއަކީ ކާކު ކަމެއް ސާފެއް ނުވެ އެވެ.

ވިސާމް އާއި އާމިރުގެ ވަކީލު ވިދާޅުވީ އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގައި ބަޔާން ކުރާ ކުށްތަކަކީ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި އެ ހަދާ ލޔުން ނަކަލު ކުރުމާއި އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމެވެ.

އެ މާއްދާގައި ބުނާ ކުށެއް ސާބިތުވެއްޖެ ނަމަ ދެވެނޭ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުން އަދަބު ކަނޑައަޅާ ނަމަ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލެވޭނެ އެވެ.

ވިސާމް އާއި އާމިރުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނު ވެސް ފުލުހުން ރޭ ހައްޔަރު ކުރި އެވެ. ވަކީލު ވިދާޅުވީ ފަޒީނު ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން އެއްވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ.

ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސްޓޭޝަނުގެ ތިން ނޫސްވެރިންގެ މައްޗަށް ވެސް ކުރަނީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ރާއްޖެ ޓީވީ ބަދުނާމުކޮށް ވާހަކަ ދައްކަމުން ދަނީ އެ ސްޓޭޝަނަށް އޮންނަ ލޯބި ފެނި ހަސަދަވެރި ވެގެން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީއަށް ތުހުމަތުކޮށް ވާހަތަކެއް ދައްކާފައިވާތީ އެ ސްޓޭޝަނުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

comment ކޮމެންޓް