ކޮކާކޯލާ ލޯންގް ރަން 2018ގެ ޕާޓްނަރުން ހަމަޖައްސައިފި

ޓީއެފްޖީން ބާއްވާ ކޮކާ ކޯލާ ލޯންގް ރަން 2018ގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އިން ކުރިއަށް ގެންދާ ކޮކާކޯލާ ލޯންގް ރަން 2018ގެ ސްޕޮންސަރ ޕާޓުނަރުން ހަމަޖައްސައި އެފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޓީއެފްޖީއާއެކު، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ލޯންގް ރަންގެ ޓައިޓަލް ސްޕޮންސަރ ޕާޓްނަރު، ކޮކާ ކޯލާގެ އިތުރުން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެލައިޑް އިންޝުއަރަންސް، އެސްޓީއޯ، ސޮމަރސެޓް ހޮޓެލް، ޕްރިންޓް ލެބް، އުބަރ އިވެންޓްސް އެވެ.

ޖުމުލަ 1500 ދުވުންތެރީންނަށް އަމާޒުކޮށްގެން ބާއްވާ ހަވަނަ ކޮކާ ކޯލާލޯންގް ރަން 2018ގެ ހޯސްޓިންގ ޕާޓްނަރަކީ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެވެ. ޓީއެފްޖީން ބުނީ، ސްޕޮންސަރުންގެ އިތުރުން، ވޮލަންޓިއަރުންގެ ގޮތުގައި ވެސް 50އަށް ވުރެ ގިނަ ފަރާތްތަކުން މި އިވެންޓުގައި ހަރަކާތްތެރި ވާނޭ ކަމަށެވެ.

ރަނަރސް މޯލްޑިވްސްގެ ނަމުގައި ކުރިއަށް ގެންދާ ދުވުމުގެ މި ހަރަކާތް އެންމެ ފުރަތަމަ ޓީއެފްޖީން ބޭއްވީ، 15 ފެންރުއަރީ 2013ގައެވެ. އޭގެ ފަހުން ކާމިޔާބު ކަމާއެކު ބާއްވަމުން އަން މި މަޝްހޫރު ދިގު ދުވުމުގެ ކޮންމެ އަހަރަކުވެސް މެއިން ސްޕޮންސަރަކީ ކޮކާކޯލާ ކަން ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ފަހަރު 300 ބައިވެރީންނާއެކު ކުރިއަށް ގެންދިޔަ މި ދުވުން، ބޮޑުވަމުން ގޮސް، މިދިޔަ އަހަރު 800 އަށް ވުރެ ގިނަ ދުވުންތެރީން ލޯންގް ރަންގައި ބައިވެރިވެފައި ވާއިރު، ޓީއެފްޖީގެ އަމާޒަކީ މިފަހަރު އެ އަދަދު މިދިޔަ އަހަރުގެ ބައިވެރީންގެ ދެގުނައާ ގާތްކުރުމެވެ.

ޓީއެފްޖީން ބާއްވާ ކޮކާ ކޯލާ ލޯންގް ރަން 2018ގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކޮކާކޯލާ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީ ވިދާޅުވީ، ރާއްޖޭގައި ކުޅިވަރާއި އިޖްތިމާއީ ރޫހު ދިރުވައި، ރައްޔިތުން ދުޅަހެޔޮކަންމަތީ ބޭތިއްބުމަށް ކުރެވޭ މިފަދަ ހަރަކާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ކޮކާ ކޯލާއަށް ލިބުމަކީ އެކުންފުނިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ދުވުންތެރީން ވެސް ބައިވެއރިކޮށްގެން، ޓީއެފްޖީން މިފަދަ ބޮޑު އިވެންޓެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާތީ މިލިންދު ވަނީ ޓީއެފްޖީއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ.

"ޓީއެފްޖީ ލޯންގް ރަންއަށް އެހީތެރިވެ ދިނުމަކީ ކޮކާ ކޯލާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. 1500އަށް ވުރެ ގިނަ ބައިވެރީންނާއެކު މިފަދަ ބޮޑު އިވެންޓެއް ކާމިޔާބުކަމާއެކު ބޭއްވުމަކީ ވަރަށް ބޮޑު ބުރަ މަސައްކަތެއް. މިކަމަށްޓަކައި ޓީއެފްޖީއަށް މަރުހަބާކިޔަން،" މިލިންދު ވިދާޅުވިއެވެ.

ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ، ޓީއެފްޖީން މިފަދަ ދުވުމެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ގިނަ ބަޔަކަށް މިފަދަ މެރަތަނެއްގައި ދުވުމުގެ ފުރުސަތު ދިނުމާއި، ރާއްޖެއަށް މެރަތަން ޓޫރިޒަމް ގެނައުން ކަމަށެވެ. އަދި މިކަން ވަރަށް ރަނގަޅަށް ހާސިލްވަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ޒިނާން ވިދާޅުވީ، ލޯންގް ރަންގެ ހަރަކާތްތައް ކުރިއަށް ދާއިރު، ބައިވެރީންނަށް ތަފާތު ޚިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، އެމްޓީސީސީއާ ގުޅިގެން، ބައިވެރީން ހުޅުމާލެއަށް ގެންގޮސް ދިނުމާއި، ހުޅުމާލޭ ފެރީ ޓަރމިނަލުން ފެށިގެން ދުވާ ސަރަހައްދަށް ބަހުގައި ގެންގޮސްދީ އަދި ދުވުން ނިންމާފައި ގެނެސް ދިނުމުގެ ޚިދުމަތް ދޭނޭ ކަމަށެވެ. މީގެ އިތުރުން، ވެސް އޭޕްރީލް 19 ވަނަ ދުވަހުން ފެށިގެން ދުވުން ފެށުމާ ހަމައަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސް ތަކުގައި އެ މައުލޫމާތުތައް ހިއްސާ ކުރަމުން ދާނޭ ކަމަށް ޒިނާން ވިދާޅުވިއެވެ.

އޭޕްރީލް 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ކޮކާ ކޯލާ ލޯންގް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ފުރުސަތު ބަންދުވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަވުމުންނެވެ.

މި އަހަރުގެ ކޮކާ ކޯލާ ލޯންގް ރަންގައި ހަތަރު ކެޓަގަރީއަކުން ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ކޮންމެ ކެޓަގަރީއެއްގައި ވެސް ބައިވެރި ވެވޭނީ ފީއެއް ދައްކައިގެންނެވެ.

ބައިވެރިކުރާ ކެޓަގަރީތައް:

  • މެރަތަން: ވަގުތު 6 ގަޑިއިރު، ފަށާނީ މެންދަމު 2:20ގައި
  • ހާފްމެރަތަން: ވަގުތު 3 ގަޑިއިރު، ފަށާނީ ފަތިހު 5:20ގައި
  • 10 ކިލޯމީޓަރު: ވަގުތު 2 ގަޑިއިރު، ފަށާނީ ހެނދުނު 6:20ގައި
  • 5 ކިލޯމީޓަރު: ވަގުތު އެއް ގަޑިއިރު، ފަށާނީ ހެނދުނު 7:20ގައި

ކެޓަގަރީ އަދި ފީ

  • މެރަތަން: 60 ޑޮލަރު
  • ހާފް މެރަތަން: 45 ޑޮލަރު
  • 10 ކިލޯމީޓަރު: 30 ޑޮލަރު
  • 5 ކިލޯ މީޓަރު: 15 ޑޮލަރު

ކޮކާކޯލާ ލޯންގް ރަން 2018ގެ އިވެންޓް އޯގަނައިޒިންގ ޕާޓްނަރަކީ ގޯ އެޑްވެންޗަރ އޭޝިއެއެވެ. އަދި ޕްރޮފެޝަނަލް ޓައިމިންގ ޕާޓްނަރަކީ ސްޕޯޓްސް އޭޝިއާއެވެ.

ޓީއެފްޖީން ބުނެފައި ވަނީ، ކޮކާ ކޯލާ ލޯންގް ރަން 2018ގެ އޮންލައިން ރެޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަކީ 13 އޭޕްރީލް 2018 ކަމަށެވެ.

comment ކޮމެންޓް