މުޒާހަރާއަށް އާންމުން ނުކުނަން ގޮވާ އިރު ބޮޑުން ފިލައި؟!

ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭވި މުޒާހަރާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހު

އިދިކޮޅު ފަރާތްތަކުން ބޮޑު އެތައް މުޒާހަރާއެއް ބާއްވައިފި އެވެ. ބޮޑު އެތައް ރެޔެއް މުޒާހަރާކޮށް ގޮސްފި އެވެ. ރޭ ވެސް އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް ނުކުތީ ރައީސް އަބްދުﷲ ޔާމީން 'ހުއްޓުވަން' ކަމަށް ބުނެ އެވެ. ރަށްރަށުން ވެސް ތާއީދު ކުރާ ގިނަ ބަޔަކު ގެނެސްގެން ރޭ ކުރި މުޒާހަރާ ވެސް އަމާޒާ ހަމައަށް ވާސިލު ނުވެ 'ފެއިލް' ވިތަން މިވަނީ ފެނިފަ އެވެ.

ރޭގެ މުޒާހަރާ ފެށިއިރު ވެސް މުޒާހަރާގެ އިސް ސަފުން މިހާރު ޕާޓީތަކުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ އެއްވެސް މީހަކު ނުުފެނެ އެވެ. އެއްވެސް މަޖިލިސް މެމްބަރަކު ވެސް ނުފެނެ އެވެ. ރައްޔިތުން މަޖީދީމަގަށް އެއްވެ އެހެން ދުވަސްތަކެކޭ އެއްގޮތަށް "ރައީސް ޔާމީންގެ އިސްތިއުފާ" އަށް ގޮވާތާ އެތައް އިރެއްވީ އިރުވެސް ދެން ވާންވީ ކިހިނެއްކަން ބުނެދޭނެ، ޕާޓީތަކުގެ މީހަކު އެތާކުން ނުފެނެ އެވެ.

ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭވި މުޒާހަރާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހު

މުޒާހަރާ ފެށި ގަޑިއާ ހަމައިން ފެށިގެން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އިންނެވީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގަ އެވެ. އިންތި ވިދާޅުވަމުން ގެންދެވީ "ޓީވީ ބަލަން ނުތިއްބަވާ ރައްޔިތުން މަގުތައް ފުރާލަން ނުކުންނަންވީ" ކަމަށެވެ. އިންތި ޓީވީގައި އިންނަވައިގެން ރައްޔިތުން މަގުމައްޗަށް ފޮނުވުމަކީ އިންސާފެއް ކަމަށް ބުނެވޭނެ ހަމައެއް އެބައޮތް ހެއްޔެވެ.

ރޭ މުޒާހަރާ ކުރިއަށް ދިޔަ ވަގުތު މެމްބަރު އިމްތިޔާޒު ފަހުމީ ރާއްޖެ ޓީވީގައި ---

ހަމަ އެގޮތަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވެސް އިންނެވީ މުޒާހަރާ ކުރި ގަޑީގައި ވީޓީވީގެ ލައިވް ކަވަރޭޖްގައި "ރައްޔިތުން މަގުތަކަށް ނުކުތުމަށް" ގޮވުމަށެވެ. ނަމަވެސް މަގުތަކަށް ނުކުންނަން ގޮވާ މީހުން ނުނުކުންނަ ނަމަ ރައްޔިތުން ނުކުންނަންވީ ކީއްވެތޯ ސުވާލު އުފެދެ އެވެ.

ހަމަ އެގޮތަށް ހުއްޓުވާ މުޒާހަރާއަށް ނުކުތުމަށް ގޮވާލައި ޓުވިޓާގައި އެންމެ ބާރަށް އަޑު އުފުލި މެމްބަރުންގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް މުޒާހަރާއަކުން ނުފެނެ އެވެ.

ރޭ މުޒާހަރާ ކުރިއަށް ދިޔަ ވަގުތު މެމްބަރު ރޮޒައިނާ ވީޓީވީގައި ---

ރޭގެ މުޒާހަރާގައި، ފަހުން ޖުމްހޫރީ މައިދާނަށް ވަންނަން ދިޔަ އިރު އިސްކޮށް ހަރަކާތްތެރިވީ އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ދެން އެތަނުގައި ހަރަކާތްތެރިވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އަދި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުގެ އިތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ. ދެން އެހެން އިސް މީހަކު ހަރަކާތްތެރިވި ތަނެއް ނުފެނެ އެވެ.

ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭވި މުޒާހަރާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭން ބޭރުގައި ހައްޔަރު ކުރާނެ ކަމުގެ ބިރަށް ތިއްބެވި އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަލީ ވަހީދު އަދި ޖޭޕީގެ އަމީން އިބްރާހިމް ރައްޔިތުންނަށް ގޮޮވާލަމުން ދިޔައީ މަގުތައް ފުރާލަން ނުކުންނާށޭ އެވެ. ރައްޔިތުން ހައްޔަރުކޮށްފާނެތީ ބިރުގަންނާކަށް ނުޖެހޭތޯ މިއީ އުފެދޭ ސުވާލެކެވެ.

މުޒާހަރާގެ ބައިވެރިން ކަންތައްތައް ކުރަންވީ ގޮތް ކޮލަމްބޯގައި ހުންނަވައިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް ދެމުން ގެންދިޔަ އެވެ. އެހެން ނަމަވެސް އެ 'އިންސްޓްރަކްޝަން' ދޭން ތައްޔިބު މާލޭގައި މުޒާހަރާގެ ބައިވެރިންނާ އެކު ހުރި ނަމަ ވާނުވާ އެނގި ތަންކޮޅެއް ފަސޭހަވީސް ކަމަށް ބެލެވެ އެވެ. ވަކި ގަޑިއަކަށް ޖުމްހޫރީ މައިދާނަށް ވަންނާށޭ، ނުވަތަ ވަކި ގަޑިއަކަށް ސީގަލް ކަންމައްޗަށް ދާށޭ ތައްޔިބު ޓުވިޓާގައި ކިޔުމުން ރައްޔިތުންނަކަށް ވާނުވާއެއް ނޭނގުނެވެ. ތިބީ ދެން ހަދަންވީ ކިހިނެއްކަން ނޭނގިފަ އެވެ.

ދެން އަނެއް ކަމަކީ ރައްޔިތުން މަގުތަކަށް ނެރެ ކާނެ އެއްޗެއް ފެން ފޮދެއް ނެތިގެން އެވާހަކަ ޓުވިޓާގައި ދެއްކި ކަމެވެ. މުޒާހަރާގައި ހުރި މީހަކު ކުރި ޓުވީޓެއްގައި ހެޔޮއެދޭ ފަރާތްތަކުން ބޯނެ ފެނާއި ކާނެ އެއްޗެއް އެގަޑީއައި ކައިރިއަށް ގެންގޮސްދިނުމަށް އެދި ޓުވީޓް ކޮށްފައި ހުއްޓެވެ.

ރޭގެ މުޒާހަރާގައި 141 މީހަކު ހައްޔަރު ކުރި އެވެ. ގިނަ ބަޔަކަށް އަނިޔާވި އެވެ. ގިނަ ބައެއްގެ ލޮލަށް ޓިއާ ގޭސް ވެސް ޖެހި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެ މެމްބަރުން ހިމެނޭ އިރު ގިނައީ އާންމު ރައްޔިތުންނެވެ.

އިސް މީހުން މުޒާހަރާ ކުރި ސަފުގެ ކުރީގެ ނެތުމުން ޕީޕީއެމްގެ މެމްބަރުން ވަރަށް ޖޯކުވެސް ޖެހި އެވެ. ރައްޔިތުން ނެރެ ނިކަމެތި ކުރަނީ ކަމަށް ވެސް ބުންޏެވެ. މުޒާހަރާއަށް ނުކުންނަން އެންމެ ބާރަށް ގޮވި މީހުން ނެތުމުން އެވާހަކަ ދައްކައި ޕީޕީއެމް މަޖިލިސް މެމްބަރުން ހީ ހެދި އެވެ.

comment ކޮމެންޓް