ހިމާޔަތެއް ނެތިފައި

23 އޯގަސްޓް 2011 އާ ގުޅޭ

"ލައިބާގެ ވާހަކައިންވިއްޔާ މިހާރު އޭނަގެ ބަނޑަށް ދެމަސްފުރިދާނެ، އަހަރުމެން ތަންކަޅޮއް އަވަހަށް ފިޔަވަޅެއް ނާޅައިފިއްޔާ އެކަން ރަށުތެރެއަށް ބޭޒާރުވާކަށް ގިނަދުވަހެއް ނުނަގާނެ، ހިޝްމާ އާއި އަހަރެން ތިކަމުގަ މަޝްވަރާކޮއްލާނަން، ދެން މިއަދަކު ނުވާނެ، ދެތިންދުވަހެއްގެ ތެރޭ އަހަރެން ބޭސް ހޯދާނަން، އޭރުން ތިކަމުން ސަލާމަތްވެވިދާނެ...އެކަމަކު ހައްތަހާވެސް ލައިބާގެ އުމުރު ޅަކަމުން، އެފަދަ ބާރުގަދަ ބޭސްތަކެއް ކާންދިނުމުން އޭނަގެ ހަށިގަނޑަށް ކޮންމެފަދަ ގެއްލުމެއްވެސް ލިބިދާނެ، އަޒޫއަށްވެސް މިކަން ހަމަ ރަނގަޅަށް އެނގޭނެ ކަންނޭގެ..." ނަދީމާ ވިސްނަމުން ވާހަކ ަދެއްކިއެވެ.
"މަށަށް އެނގޭ، އެކަމަކުވެސް ވަރިހަމަ، އެއަށްވުރެ މާހަޑިއެއްނު، މުޅި ރަށުތެރޭ އަޒުރާގެ އަންހެން ދަރި ނަހާލަށް ބަލިވެ އިނދެއްޖެޔޭ މީހުން ކިޔާ އަޑު އިވުނީމަ، ނަދީ ބޭސްތައް ގެނޭ އަހަރެން އޭނައަށް ކާންދޭނަން، އެބަނޑުގަ އެއޮތް ކުއްޖާ ވައްޓާލާނަން" އަޒުރާ ޔަގީން ކަމާއިއެކު ވާހަކަދެއްކިއެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމާއިއެކު ޔަޒާން ބަދިގެއިން ނުކުމެގެން ހިގައްޖެއެވެ. އޭރު ލައިބާ މޭޒުމަތީ ހުރި ތަށިތައްނެގުމަށް ތައްޔާރުވަނީއެވެ. ރިހަ ބޯތަށީގައި ބާކީ ހުރި ރިހަކޮޅު ތެއްޔަށް އަޅާލުމާއިއެކު އުނދުން ރޯކޮއްލީ ރިހަ ތެލި ހޫނުކޮއްލުމަށެވެ. އޭރު ގަނޑިން އަށްގަޑިބައިވަނީއެވެ. މިހާރު ލައިބާ އެކަނިމާއެކަނި ބަދިގެ ފަރާތުގައި އުޅެން ބިރެއްނުގަނެއެވެ. ކޮންމެ ކަމެއްވެސް އެއްގޮތްވާނެ ނޫންހެއްޔެވެ. ހަޑިވެފައި ހުރި ތަށިތައް ހިފައިގެން ސިންކުގެ ގާތަށް ލައިބާ ލެފިލިއެވެ. އަތްމަތި އަވަސްކޮއްލާފައި ހުއްޓެއްކަމަކު އޭނަ ކޮންމެ މަސައްކަތެއްވެސް ކުރަމުންދިޔައީ ނުހަނު ފަރުވާތެރިކަމާއިއެކުއެވެ. އެއްފަހަރާ ތިންހަތަރު ކަންތައް ކުރަމުންދިޔައީ އެއްވެސް ކަމަކަށް ބުރުލެއް ނާރާފަދަ ރޭވުންތެރިކޮށެވެ.
"ލައި..." ކުއްލިއަކަށް ފިރިހެނަކު ގޮވާލިއަޑު އިވުނެވެ. ރިހަތެލި ހަލާލުމަށް އުނދުނުގެ ކައިރީހުރި ލައިބާ ކުއްލިއަކަށް ބަދިގެ ދޮރާ ދިމާލަށް ބަލާލިއެވެ. އެހެންނަމަވެސް އެކަކުވެސް ފެންނާކަށްނެތެވެ. އަނެއްކާވެސް ލައިބާ އޭނަ ކުރަންއުޅުނު މަސައްކަތައް އެނބުރި މަސްޢޫލުވެއްޖެއެވެ. އޭނަ އެކަމާއި އަޅާނުލިއެއް ކަމަކު އެއަޑަކީ މަދުންނަމަވެސް ލައިބާއަށް އަޑުއިވޭ އަޑެކެވެ. ދުވަހަކުވެސް މީހަކު ނުފެނެއެވެ. ހަމައެކަނި އިވެނީ ގޮވާލާއަޑެވެ. އަބަދުވެސް ގޮވާލަނީ ލައިބާ އެކަނި ހުންނަ ވަގުތު ތަކުގައެވެ. ކީއްވެކަމެއް ނޭގެއެވެ. ކުރީގައި އަޖައިބުވެގެން އަޑުއައި ދިމާލެއް ހޯދަން ފަރާތްފަރާތަށް އެނބުރުނަސް މިހާރު އެކަމަށްވެސް ލައިބާ އާދަވެއްޖެއެވެ. ގޮވާލީމާ ބަލާލައެވެ. މީހަކު ނެތުން އެއީ އޭނަގެ ކަމެއްނޫންވިއްޔާއެވެ.
ހުރިހާ ކަމެއް ނިންމާލުމަށްފަހު ބަދިގެ ބޮކި ނިވާ ދޮރު ލައްޕާލުމަށްފަހު ލައިބާ ހިނގައިގަތީ އެތެރެގެއަށް ވަނުމަށެވެ. އެހެންނަމަވެސް ލޮލުގެ ހިމަކޮޅުން ބަދިގެފަރާތުގައި ހައްދާފައިވާ ގަސްތަކާ ދިމާލުގައި ބޮޑު މީހަކު ހުރިހެން ލައިބާއަށް ހީވިއެވެ. ނުބަލަން ހުރެފަވެސް ގޭތެރެއަށް ވަންނަމުން ފަސްއެނބުރި ގަސްތަކާއި ދިމާލަށް ބަލާލިއެވެ. އަނދިރިކަމުން އެތަނަކުން އެއްޗެއް ވަކިވާވަރެއްނުވިއެވެ.
"ލައިބާ..." ދޮރުހުޅުވާފައި ހުރި އަޒުރާގެ ކޮޓަރިތެރެއިން ލައިބާ ހުރަސްކެނޑިތަން ފެނި ގޮވާލިއެވެ.
ލައިބާއަށް އަޒުރާގެ އަޑުއިވުމާއިއެކު އެކޮޓަރި ދޮރުމަތީ މަޑުކޮއްލިއެވެ. އެހެންނަމަވެސް އަޒުރާ އިޝާރާތްކުރީ އެތެރެއަށްވަނުމަށެވެ. ވަންނަންޖެހުމުން ލައިބާގެ މޫނުމައްޗަށް ގިނަވައްތަރުތަކެއް ޖެއްސިއެވެ.
"އަން... މިކާޑުން ދުވާލަކު ދެއިރު އެންމެ ގުޅައެއް ކާނީ..." އަޒުރާ އޭނަގެ ރީތިވާ މޭޒުކައިރީ އިށީނދެ އިނދެ ދިއްކޮލިއެވެ.
"މި ކީއްކުރާ ބޭހެއް" ލައިބާ ބޭސްކާޑުގައި ހިފަމުން ސުވާލުކޮއްލިއެވެ.
"ކަލޭ ތިހުރިހާ ކަމެއް ކޮއްފަވެސް އަދި ސުވާލުކުރަން ޖެހޭތަ، ބޭކާރު ވާހަކަ ނުދައްކާ މިތަނުން ދެންދޭ...ކޮޓަރިއަށް ގޮސް ނިދާ، ބޭރަށް ނުކުމެގެން ނުވާނެ..." އަޒުރާ ކުރީ އަމުރެވެ.
ލައިބާގޮސް އޭނަގެ ކޮޓަރިއަށް ވަތްއިރު ޔަޒާން އޭނަގެ އެނދުގައި އޮށޯވެލައިގެން އޮތެވެ. ލައިބާ އޭނައަށް މާބޮޑު ސަމާލުކަމެއް ނުދީ ކޮޓަރިއަށް ވަތްގޮތަށް ތުވާލި ހިފައިގެންވަނީ ފާހާނާއަށެވެ. އޭނަ ނިދަން ތައްޔާރުވަނީއެވެ. ޔަޒާން ލައިބާގެ ހަރަކާތްތަކަށް ބަލަމުން ދާކަންވެސް އޭނައަށް އިނގެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތެވެ.
ފާހާނާގައި ހުރި ލައިބާ ގައިދޮވެލައިގެން ތުވާލި ނަގަން އެނބުރުނު ވަގުތު ފާހާނާގެ ފެންލައިޓުން ހިޔަންޏެއް ހުރަސް ކަނޑާލިތަންފެނުނެވެ. ލައިބާގެ ގައިން ހީބިހި ނަގައިގެން ދިޔަފަދަ ގޮތްތަކެއް އިޙްސާސްކުރުވިއެވެ. ކުޑައިރުކޮޅަކު ފެންލައިޓަށް ބަލަހައްޓައިގެން ހުރި ލައިބާ އަވަސްވެގަތީ ފާހާނާއިން ނުކުތުމަށެވެ. ނުކުންނަމުންވެސް އޭނައަށް ދެތިން ފަހަރަށް އެދިމާލަށް ބަލާލެވުނެވެ.
ލައިބާ ނިދަންލާ ހަރުވާޅާއި ހެދުން ލައިގެން އެނދަށް އަރާ އޮށޯތެވެ. ނަސީބަކުން ޔަޒާންއެއް އެކޮޓަރިއަކު އޭރު ނެތެވެ. އެގަޑީގައި ކޮޓަރީގައި ޔަޒާން ނެތިއްޔާ ދެންވާނީ ކޮންތާކުކަންވެސް ލައިބާއަށް އެނގެއެވެ. އޭނަ އަވަހަށް ދެލޯ މަރާލީ އަރާމު ނިދިކޮޅެއް ކުޑަވަގުތުކޮޅަކަށްވިޔަސް ލިބޭތޯއެވެ. ފަތިސްވާވަރަކަށް ޔަޒާންގެ އުނދަގޫތައް ބޮޑުވާނެތީއެވެ. އަދި ދުވާލު ހަތަރުދަމު ގޭތެރޭގެ ހުރިހާ ކަމެއް ކުރަން ޖެހުމާއިއެކު ލައިބާ ހުންނަނީ ވަރަށް ވަރުބަލިވެފައެވެ.
ލައިބާއަށް ނިދެމުން ދިޔައިރު އޭނަ މަޑުމަޑުން އޭނަގެ ބަނޑުގައި ހިފަހައްޓާލައިގެން އޮތެވެ. އެއީ މިހާރު އޭނަ އެންމެ ކަންބޮޑުވާ ކަންތަކެވެ. އަޒުރާ އޭނައަށް ހަދާނެގޮތެއްވެސް ނޭގެއެވެ. އޭނަގެ ވާހަކަ އަޑުއަހާނެ މީހަކުވެސް ނެތެވެ. އޭނަގެ ހާލު އެނގެން ބޭނުންވާ މީހަކުވެސް ނެތެވެ. ލުބާވެސް އޭނަގެ ކައިރިއަށް އައުން ހުއްޓާލީ ކަންނޭގެއެވެ. ލައިބާ އޭނައަށް މިދިމާވި އާކަންތައްތަކުގެ ވާހަކަ ލުބާ އާއި ހިއްސާކުރާހިތުން އޭނަވަނީ ކެތްތެރިކަން ކުޑަވެފައެވެ. ބައެއްފަހަރު އެގެއިން ނުކުމެގެން ދާންވެސް ލައިބާ ހިތަށް އަރައެވެ. އެކަމަކު ދާނީ ވަކި ކޮންތާކަށްހެއްޔެވެ. ލުބާ އުޅޭ ގެއެއްވެސް އޭނައަކަށް ނޭގެއެވެ. ހޯދަންވެސް ދެވޭނީ އެހެންނޫންނަމަ ތާއެވެ. އަނެއްކޮޅުން ލައިބާއަކަށް ރަށުތެރޭ ހިނގާކަށްވެސް ނޭގޭނެއެވެ. މިފަދަ އެކިއެކު ހިޔާލުގައި އޮއްވައި އޭނައަށް ނިދިއްޖެއެވެ.
"ޒާން....އަހަރެން ވާހަކައެއް އަހާލަންތަ؟" އަޒުރާ ވާހަކަ ދެއްކީ އޭނަގެ އެނދުގައި އޮށޯވެލައިގެން އޮތް ޔަޒާން އާއިއެވެ. އެދެމީހުން އެކަކު އަނެކަކާއި ބަދަލު ކުރަމުންދިޔަ ބެލުންތަކުން އޭރު އެކޮޓަރީގައި ވަނީ އަޒުރާގެ ދަރިއެއްކަމެއް ހަމައެކަކަށްވެސް ނޭގޭނެއެވެ. އެހެނީ އެދެމެދުގެ ގުޅުން އެހާވެސް ގާތްކަން ފެންނަ ކޮންމެ މީހަކަށް އެނގޭހާވާނެއެވެ.
"ހޫމް... މީގެ ކުރިން މަގޭ ކައިރީ ވާހަކައެއް ބުނަނީ އަހާފަތަ، ހަމަ ބުނަނީނު، ދެންވެސް ބުނެބަލަ" ޔަޒާން ބުނެލިއެވެ. އޭނައަށް މިހާރު ހީވާ ކަހަލައެވެ. އަޒުރާއަށް ދެން އޭނަ އާއި ނުލާ ނޫޅެވޭނެއެވެ.
" ޒާން... ޒާން ލައިބާއާ... ދޮގު ނުހަދައްޗޭ" އަޒުރާ ރީތިވާ މޭޒުކައިރީ އިނދެފައި ޔަޒާންއަށް ބަލާލަމުން އަހާލިއެވެ. އެކަމަކު އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކާ އެއީ ޔަޒާން ގާތު އަހަން އެންމެ ރަނގަޅު ސުވާލުބާއެވެ.
"ސާބަސް... ތިކިޔޭ އެއްޗެއް އެބަ އިނގޭތަ، އަހަރެން ނޫޅެން ދެން މިކޮޓަރިއަށް އަންނާކަށް، މިދަނީ ދާން.... މިއަށްވުރެ މާރަނގަޅުވީސް ކަންނޭގެ އެކޮޓަރީ..." ޔަޒާންއަށް ލިބުނު ޝޮކު ފޮރުވާލީ ރުޅިންނެވެ. އޭނަ އަޒުރާދެކެ ރުޅިއައި ކަމަށް ހަދާލަމުން އެކޮޓަރިން ނުކުންނަން އަވަހަށް އުޅުނެވެ.
"ޒާން...ޒާން...އޭ މަޑުކޮއްބަލަ...އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ، ދެން ތިހާ ރުޅި އަންނާކަށް ނުވާނެއެއްނު، އަހަންނަށް އެނގޭ ޒާން ލައިދެކެ ވަރަށް ލޯބިވާކަން، އޭނައަށް ދެރަގޮތެއް ވާކަށް ނޭދޭނެކަން، ދެން ހަމަ ވާގޮތެއް ބަލާލީއޭ، މިހާރު ޔަގީންވެއްޖޭ ޒާން އަހަރެން ނޫންް..." އަޒުރާ އަވަސް އަވަހަށް ގޮސް ޔަޒާންގެ އަތުގައި ހިފެހެއްޓިއެވެ. އަދި އޭނަގެ މޭގައި ފިރުމަމުން ރުއްސަންވެގެން އެކި ވާހަކަދެއްކިއެވެ.
"ދެންވެސް ތިކަހަލަ އެއްޗެއް ނުބުނައްޗޭ، އަހަރެން ލޯބިވާ ހުންނާނީ ހަމަ އެންމެ ފަރާތެއް..." ޔަޒާން ރުޅި މަޑުކޮށް އަޒުރާއަށް ބަލާލިއެވެ. އަދި އެއަތުގެ ތެރެއަށް އަޒުރާ ގެނެސްލިޔެވެ.
އަޒުރާ ޔަޒާންގެ އަތުގެ ތެރެއިން ދުރަށް ދިޔައީ އޭނަގެ ފޯނު ރިންގުވާން ފެށިއަޑަށެވެ. އެފޯން ކޯލުވީ ރޭގަނޑުގެ މަޖާގަނޑަށް ތައްޔާރު ވުމަށް އައި ފޯންކޯލަކަށެވެ. އަޝްހަރު އޭނަ މިއަންނަނީ ކަމުގައި ބުންޏެވެ. އަދި ނަދީމާގެ މެސެޖުވެސް އަޒުރާއަށް ލިބުނެވެ. ހުރިހާ އެންމެން އާދައިގެ މަތިން އެގެއަށް ޖަމާވުމުގެ ސިގްނަލްތަށް ލިބުނީއެވެ.
ރޭގަނޑުގެ އެއްދަން ހުސްވިއިރު އަޒުރާމެން ގޭތެރޭގައި މަޖާގަނޑުވަނީ ފެށިފައެވެ. އެހެން ރޭތަކެކޭވެސް އެއްގޮތަށް ކަންތައްތައް ކުރިއަށް ދިޔައެވެ. އަޒުރާވެސް އިނީ ޝިޔާޒުގެ އުނގުތެރޭގައެވެ. މިރޭ އެންމެންގެ މެދުގައި ބައި އަޅަމުން ދިޔަ ތަށިތަކުން ތައްޓެއްގައި އަޒުރާ ނުހިފިއެވެ. އޭނަ ޝިޔާޒުގެ އުނގުތެރޭ އިނދެ ޝިޔާޒު އާއި ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ޝިޔާޒުއަކީ އެއްވެސް ރެއަކު މަސްތުވަންދެން ބޯމީހެއް ނޫނެވެ.
"އަޒޫ ހާދަ ޗޭންޖުހެން ހީވެޔޭ މިރޭ، ކިހިނެތްވީ" ޝިޔާޒު އަހާލިއެވެ.
"ޝިޔާޒް، އަހަރެންދެކެ ލޯބިވޭތަ؟" އަޒުރާ ކުރީ ދުވަހަކުވެސް އޭނަ ކޮއްފާނެހެން ހީވެސް ނުކުރާފަދަ ސުވާލެކެވެ.
"ކޮންކަހަލަ ސުވާލެއް ތީ، އަޒުރާ އަނެއްކާ ރަނގަޅުތަ، ނޫނީ ބަލީތަ" ޝިޔާޒުގެ ނިތަށް ރޫއަރުވާލަމުން އަޒުރާގެ ނިތުގައާއި ކަރުގައި އަތްލިއެވެ.
"އަހަރެން ރަނގަޅޭ، އަޅެ ބުނެބަލަ ޝިޔާޒު އެއްވެސް ވަރަކަށް ދުވަހަކުވެސް އަހަރެން ދެކެ ލޯބިވީންތަ، ހެޔޮ ފަޅި ސިކުންތަކަށްވިޔަސް" އަޒުރާ ކުރިއަށް ވުރެ ބޮޑަށް ޝިޔާޒުގެ މޫނާގާތްވެލަމުން އަހާލިއެވެ.
"އަޒޫ، ތެދަށް ބުނަންވީތަ؟ އަނެއްކާ އަހަންނަށް އަޒޫ ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވިދާނެއެއްނު، އެހެންނޫނަސް އަޒޫ ދާން ތިއުޅެނީ އަހަރެން އެހާ ގަޔާވަ މަޢުލޫއަކަށް ނޫން...އެހެންވާހަކައެއް ފައްޓަބަލަ، ވާހަކައަށްވުރެ ޢަމަލު ގިނަކުރަންވީނު..." ޝިޔާޒު އެއްގޮތަކަށްވެސް އަޒުރާ ކުރާ ސުވާލުތަކަށް ޖަވާބުދޭކަށް ބޭނުމެއްނޫނެވެ.
"ޕްލީޒް...މިހާރު ކޮންދުވަހެއް، އަހަރެން ޝިޔާޒު އާއި މިސުވާލުކުރަން ވަރަށް ބޭނުން، ކޮންމެ ރެއަކުވެސް ޝިޔާޒު އަހަރެން ކައިރިއަށް އާދޭ، އެއީ ކީއްވެ، އަހަރެންގެ ހިތުގަވެސް ޝިޔާޒުއަށް ޙާއްސަކަމެއް ދެވޭ، އެހެންވެ އެސުވާލުގެ ޖަވާބު އަހަރެން ބޭނުންވަނީ....ޕްލީޒް ޝިޔާޒު ބުނެބަލަ" އަޒުރާ ޝިޔާޒުގެ ދެލޮލަށް ނަޒަރުހުއްޓާލައިގެން އިނދެ ވާހަކަދެއްކިއެވެ.
"އަހަރެންނަށް އަޒޫ ޙާއްސަވީމައެއްނު މިއަންނަނީ، އެކަމަކު އަހަންނަށް އަހަރެންގެ އަންހެނުންވެސް މުހިއްމު، އަހަންނަކަށް އަހަރެންގެ އަނބިމީހާއެއް ދުލެއް ނުކުރެވޭނެ، އަދި ދެވަނަ ކައިވެންޏެއްވެސް ކުރާކަށް އަހަރެން ބޭނުމެއްނޫން، މިހާރު އަހަންނަކީ ފިރިހެން ދަރިއެއްގެ ބަފައެއް، އެކަމަކުވެސް މިއަންނީ ގައިމު އަޒޫ ޙާއްސަވީމައެއްނު، އަހަރެން އަޒޫ އެދޭ ކޮންމެ ކަމެއް ކޮއްދެނީ އަހަރެންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން...މިއަށްވުރެ ގާތްވާން އަޒޫ ބެނުންވާނަމަ އަހަންނަށް ބުނެވޭނީ މާފުކުރާށޭ، މިގުޅުން މިއޮތް އިމުގެ ތެރޭ ބާއްވަދޭށޭ...އަޒޫދެކެ އަހަރެން ލޯބިވޭ އެކަމަކު މިބުނި އިމުގެތެރެއިން..." ޝިޔާޒު އަޒުރާއަށް ވިސްނާދޭފަދަ ގޮތަކަށް ކިޔާދެމުންދިޔައެވެ. އޭނައަށްވެސް އަޒުރާ ކަމުދެއެވެ. އެހެންނަމަވެސް މައްސަލައަކީ އޭނައަށްވެސް އަޒުރާ އާއި ދިމާވީ އަޒުރާ އެފަދަ އަންހެނެއްގެ ގޮތުގައި ވަނިކޮށެވެ. އިއްފަތްތެރިކަމޭ ބުނާނެ އެއްވެސް އެއްޗެއް އޭނަގެ އަތުގައި ނެތެވެ. އަޒުރާގެ ނަން ފިރިހެނުންގެ ތެރޭ މަޝްހޫރުވެފައިވަނިކޮށެވެ. މުޅި ރަށުގަވެސް ހުރި އެންމެ ރީތި އަންހެނާއެވެ. ވީއިރު އޭނަ އާއި ގުޅެން ބޭނުންނުވާނި ކާކުހެއްޔެވެ. ޝިޔާޒުގެ މައްސަލައަކީ އަޒުރާއަކީ ހަށިވިއްކާ އަންހެނަކަށް ވީކަމެވެ. ފާޅުގައި އަޒުރާ އާއި އެކު އުޅެން ނުކެރެނީވެސް އެހެންވެއެވެ. އަޒުރާ މިހާރު ގޮސްފައެހެރީ އެނބުރި އާދެވޭ ވަރަށްވުރެ މާދުރަށެވެ. ޝިޔާޒު އޭނަ މިހާރު ގަބޫލު ކުރަނީވެސް އޭނަގެ އެހުރިހާ އުނިސިފަތަކަކާއިއެކުއެވެ. އޭނަގެ އަމިއްލަ ނަފްސަށް ދޮގުހަދާ އޮޅުވާލަން ބޭނުންނުވާނަމަ އޭނަވެސް ބުނަންބޭނުންވޭ އަޒުރާއަށް އޭނަ ބޭނުންވާކަމެވެ. އަޒުރާ ދެކިލާ އުފާ ހޯދަން އޭނަވެސް ބޭނުންވާކަމެވެ. އެކަމަކު އެހެންމީހުންނާއި ހިލާފަށް އޭނަ އަޒުރާއަށް ގަދަރުކުރެއެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު