ގައުމީ ފުލުހުންނާއި ސިފައިން ނުކުމެ ބޮޑު ސޯޅަ، ބޮޑު ފްލޮޕަކަށް!

ރޭ ކުރިއަށް ގެންދިޔަ"ހުއްޓުވުން" މުޒާހަރާގެތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިޔާސީ އާ ދައުރެއްގެ ފަސްވަނަ އަހަރު ފެށިގެން ކުރިއަށްދަނީ އެވެ. އިންތިހާބު އޮތީ ބޯމަތިވެފަ އެވެ. އަނެއްކާ ވެސް ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ ވެރިއަކު ހޮވަން ދިވެހީންނަށް ފުރުޞަތު ލިބޭނެ އެވެ. އަހަރު ފެށިގެން އައީ، ދެން މި އަހަރު ސިޔާސީ މައިދާނުގެ މުސްތަގުބަލު ނިމިގެންދާނީ އިންތިހާބަކުން ކަމަށް އުންމީދުކޮށްގެންނެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ނިމުމަކާ ގާތަށް އަންނަ އިރު ވެސް މި ފެންނަނީ މީގެ ހަތަރު އަހަރު ކުރިން ވެސް ފެންނަމުން އައި ކުޅިވަރު، ހަމަ އެގޮތުގައި އިދިކޮޅުން ކުރިއަށް ގެންދާ މަންޒަރެވެ. އިންތިހާބަކާ ނުލައި ސަރުކާރު ވައްޓާލަން އަދި ވެސް އިދިކޮޅުން ތިބީ ތައްޔާރަށެވެ. ތާރީޚަކަށް ފަހު ތާރީހެއް، ހަމަލާއަކަށް ފަހު ހަމަލާއެއް ސަރުކާރަށް އަމާޒުކޮށް ފޮނުވާލަމުންދާއިރު އިދިކޮޅުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދެ އެވެ.

މިއަހަރު ވެސް ވެރިކަން ވައްޓާލުމަށް ތަފާތު ނަން ނަމުގައި އެތައް އެއްވުމެއް އިދިކޮޅުން ބާއްވައިފި އެވެ. ކޮންމެ އެއްވުމެއްގެ ކުރިން ވެސް، "މި ނިމެނީ، މި ނިމޭނީއޭ" ބުނެ، ރައްޔިތުން ގުނބޯ ހައްދާ މަންޒަރު ފެނިގެން ދެ އެވެ. ރޭ ވެސް މަޖީދީމަގަށް އެއްވީ މިފަދަ ސިލްސިލާ އެއްވުމެއްގެ ތެރެއިންނެވެ. ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނަށް ދިން ހިތްވަރަކީ "ދެން ނިމެނީ" ކަމަށެވެ. ބޮޑު 16 އަށް ދައުވަތު ދިނީ ގައުމީ ފުލުހުންނާއި ސިފައިން އެކުގައި މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބުނެ އެވެ. ނަމަވެސް އިސްލާމް ދީނާއި ދިވެހި ގައުމާއި ރައްޔިތުންނާއި ގާނޫނު އަސާސީ ހިމާޔާތްކުރުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ދިވެހި ލޮބުވެތި ފުލުހުންނާއި ސިފައިން ވަނީ "ގައުމީ ފުލުހުންނާއި ސިފައިން" ތިބީ ކިހިނެއްކަން ދައްކުވައިދީފަ އެވެ.

"ރައްޔިތުންނަށް ރައްކާތެރިކަން އޮތީ މަގުމަތި ބެލެހެއްޓިގެން ކަމަށްވާތީ އެކަން ފުލުހުންނާއި ސިފައިން ކުރާނެ. ގައުމުގެ އަމަންއަމާންކަން ފުލުހުންނާއި ސިފައިން ބަލަހައްޓާނެ،" ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވީ މިހެންނެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގަގައި ކުރި މުޒާހަރާގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުންނާއި ސިފައިންގެ ތެރޭގައި އޮތް ބަދަހިކަން ރޭ ކިތަންމެހާ ވެސް ރަނގަޅަށް ދައްކައިފި އެވެ. އެތައް ހާސް ބަޔަކު އުޅޭ މާލޭގެ އަމަންއަމާންކަން ބެލެހެއްޓުމުގައި ފުލުހުންނައި ސިފައިން ވަނީ ނަމޫނާ ދައްކައިފަ އެވެ. ރޭގެ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ތެެރެއިން ބަޔަކު އިދިކޮޅާ ގުޅޭ ކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ނުހިނގަ އެވެ. ގައުމީ ފުލުހުންނާއި ސިފައިން ތިބީ ކުރި ހުވަ އާއި ވީ އިގުރާރުގެ މަތީގައިކަން ކިތަންމެހާ ވެސް ރަނގަޅަށް ސާބިތުކޮށްދިނެވެ.

"ގައުމީ ފުލުހުން ސިފައިން މި ގައުމަށް ޣައްދާރެއް ނުވާނެ. ޣައްދާރުވި މީހުންގެ ސަފަށް ފުލުހުންނާއި ސިފައިން ނާރާނެކަން މިރޭ ވެސް ދައްކުވައިދީފި. ގައުމީ ސިފައިން ތިބީ ގާނޫނީ ވެރިކަން ދިފާއުކުރަން،" ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެޕާޓީން ރޭ ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވެސް ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ރޭ ފުލުހުންނާއި ސިފައިންނަށް އެތައް ދުއްތުރާތަކެއް ކޮށްފައިވާ އިރު ސިފައިންނާއި ފުލުހުން ރޭ އަމަލު ކުރީ ވަރަށް ޕްރޮފެޝަނަލްކަމާ އެކު ކަމަށެވެ.

"ތަމްރީނާއި ތަޖުރިބާގެ ބޭނުން ފުލުހުން ކިތަންމެހާ ވެސް މޮޅަށް ރޭ ކޮށްފި. ވަރަށް ފުރިހަަމައަށް ގައުމުގެ މިނިވަންކަމުގެ ހައްގުގައި މަސައްކަތް ކޮށްފި. އެކުދިން ކުރި މަސައްކަތަށް ސާބަސް،" 24 އަހަރު ވަންދެން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާގައި ހުސައިން ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގަގައި ކުރި މުޒާހަރާގެ ތެރެިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މުޒާހަރާގެ ކުރިން ފުލުހުން ކަމަށް ބުނާ ބަޔަކު ވަނީ ފުލުހުންނަށް އިންޒާރުދީފަ އެވެ. ނަމަވެސް އެ އިންޒާރުގެ ބޭނުން ފުލުހުން ކުރީ ހިތްވަރެއްގެ ގޮތަށެވެ. ފުލުހުންގެ ސަފުތައް ރޭ އާދަޔާ ހިލާފަށް ބަދަހިވެފައި އެކުވެރިކޮށް ފެނިގެން ދިޔަ ކަމަށް މީގެ ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާފައިވާ ބައެއް އިސްވެރިން ވަނީ ވިދާޅުވެފަ އެވެ.

"ފުލުހުންނާއި ސިފައިން މުޒާހަރާތަކަށް އެޓެންޑްވަނީ މުޒާހަރާގެ ބައިވެރިން ގާނޫނާ ހިލާފްކަންކަން ކުރުން ހުއްޓުވުމަށް. އަދި ކަމާ ނުބެހޭ އާންމުންނަށް އޭގެ ސަބަބުން ވާ އުނދަގޫ ވީހާ ވެސް ކުޑަކޮށްދިނުމަށް،" ސީޕީ ހުސައިން ވަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުގައި ނުލާއި ފެހި ޔުނީފޯމްގައި ތިބި ލަޝްކަރުން އެތައް ފަހަރަކު ނުކުމެ ނަމޫނާ ދައްކައިފި އެވެ. އަމިއްލަ އަނބިދަރިން ގޭގައި އެކަނި ބައިތިއްބާފައި ޝީލްޑް ހިފައިގެން ގައުމުގެ ހައްގުގައި އެތައް އިރަކު ކޮއްޅަށް ހުންނަން ފުލުސް މީހާ އެދެނީ ގައުމުގެ ހަމަޖެހުމެވެ. އެދެނީ ގައުމީ އެއްބައިވަންތަ ކަމެވެ. އޭނާގެ ޝީލްޑް ފަހަނައަޅައި ލާދީނީ ފިކުރެއް ދިޔަކަ އެމީހުން ނުދޭނެކަން ކަށަވަރެވެ. މުޒާހަރާގެ ބައިވެރިން ހައްޔަރުކުރާކަށް ފުލުސްމީހާ ވެސް ބޭނުމެއް ނުވާނެ އެވެ. ނަމަވެސް ފިލާތިބެ ބަޔަކު ރައްޔިތުންލައްވައި ގޯސް ހައްދާތީ، އެގޮތަށް އެކަން ނުކޮށެއް ފުލުހުންނާއި ސިފައިންނަށް ހުރިހާ ރައްޔިތުންގެ ހައްގު ހޯދައެއް ނުދެވޭނެ އެވެ. މިއީ ރައްޔިތުން ދަންނަންވީ ހަގީގަތެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގަގައި ކުރި މުޒާހަރާގެ ތެރެިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޮޑު 16 ވެސް ގެނެވިދާނެ އެވެ. އަދި އެހެން ތާޜީޚުތައް ވެސް ދެވިދާނެ އެވެ. ނަމަވެސް މި ދިވެހި ލޮބުވެތި ފަސްގަނަޑަށް އުފަން، ގައުމީ ފުލުހުންނާއި ގައުމީ ސިފައިންނެއް ޣައިރުޤާނޫނީ އެއްވެސް އެއްވުމަކަށް އާއެކޭ ނުބުނާނެ އެވެ.

ހަމަލާތައް ވެސް ފޮނުވާލެވިދާނެ އެވެ. ނަމަވެސް ޝަހީދު ހުސައިން އާދަމް ފަދަ ޝަހީދުންގެ ލެއިން ބިނާކޮށްފައިވާ ގައުމީ ދިފާއި ބާރުގެ ފާރު ފޫއަޅުވައެއް ނުލެވޭނެ އެވެ. އެކަކު މަދުވުމުން އަނެކަކު ނުކުންނާނެ އެވެ. ޣައިރުގާނޫނީ ބޮޑު 16 އެއް ރާވައި ސަރުކާރު ހުއްޓުވަން އުޅުމަކީ މޮޔަކަމެއްކަން ފުލުހުންނާއި ސިފައިން ކިތަންމެހާ ވެސް ރަނގަޅަކަށް ދައްކުވާދީފި އެވެ.

ނަމަވެސް ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ޔަގީނުން ވެސް ލިބޭނެ ކަމެއް އެބައޮތެވެ. ގައުމަށް ޓަކައި އެކުވެރިކަމުގެ "ބޮޑު ދުވަހެއް ފާހަގަ ކުރަން" ހިނގާށެވެ. ފުލުހުންނާއި ސިފައިން އެފަދަ ކަމަކަށް މަރުހަބާ ކިޔާނީ، އަސޭމިރުން ސްޕްރޭއަކުން ނޫނެވެ. ނުވަތަ ކަރުނަ ގޭހަކުން ވެސް ނޫނެވެ. ރައްޔިތުންނާ އެކު އަތާ އަތްގުޅާލައި، ކޮނޑާ ކޮނޑު ޖައްސައި ގައުމަށް ޓަކައި ދީނަށް ޓަކައި އެވެރިން އުފަލާ އެކު ނުކުންނާނެ އެވެ. ސަބަބަކީ، އެވެރިންގެ މެންޑޭޓަކީ، ދިވެހި ލޮބުވެތި ރައްޔިތުންނާއި މި ގައުމާއި މިގައުމުގެ ދީނާއި ގާނޫނު އަސާސީ ހިމާޔަތްކުރުން ކަމަށްވާތީ އެވެ.

comment ކޮމެންޓް