ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރާނެ

ވީއޭއާރަކީ ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ސިސްޓަމެއް --- ފޮޓޯ / ގެޓީ

ޖޫން މަހު ރަޝިއާގައި ފެށުމަށް ތައްޔާރުވަމުންދާ ފީފާ ވޯލްޑް ކަޕް 2018ގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރުމަށް ފީފާއިން ރަސްމީކޮށް ނިންމައިިފިއެވެ.

އިނގިރޭސި ލީގު ކަޕްގެ މެޗުތަކުގެ އިތުރުން ޖަރުމަނު ލީގާއި އިޓަލީގެ ލީގުގައިވެސް މިހާރު ބޭނުން ކުރަމުންދާ ވީއޭއާރް، މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ކޮންފެޑަރޭޝަންސް ކަޕްގައިވެސް ފެނިގެން ގޮސްފައިވެއެވެ.

ވީއޭއާރްގެ ނިންމުންތައް ލަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެއަށް އަމާޒުވެފައިވީ ނަމަވެސް ފީފާއިން މިއަދުވަނީ ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުން ކުރަން ރަސްމީކޮށް ނިންމައިފައެވެ.

ފީފާއާއި އިނގިރޭސި، ވޭލްސް އަދި ސްކޮޓްލޭންޑާއި ނޯދަން އަޔަލޭންޑްގެ އެފްއޭ ހިމެނޭ އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަންގެ ބޯޑުންވަނީ މިދިޔަ މަހުގައި ވީއޭއާރަށް އާނއެކޭ ބުނެފައެވެ. އެ ބޯޑުގައި ނެގި ސިއްރު ވޯޓަކުން އެކަން ފާސްކޮށްފައިވާއިރު، ވީއޭއާރާ ގުޅޭ ސާވޭއެއްވެސް އެ ބޯޑުންވަނީ ބެލްޖިއަމްގައި ކުރިއަށް ގެންގޮސްފައެވެ.

ވީއޭއާރް، ވޯލްޑް ކަޕަށް ތައާރަފް ކުރުމާއެކު ފީފާގެ ރައީސް ޖޯޖިއޯ އިންފެންޓީނޯ ވިދާޅުވެފައި ވަނީ ދުނިޔެ ބަވަނަވަމުންދާ ވަރަކަށް ރެފްރީންނަށްވެސް އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ. އަދި ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައި ކުޅޭ މެޗުތަކަކީ މުހިއްމު ނިންމުންތަކެއް ނިންމަން ޖެހޭ މެޗުތަކެއްކަމަށް ވުމުން ރެފްރީންނަށް އެ ނިންމުންތައް ނިންމޭނޭ ވަސީލަތްތައް ހޯދުމަށް ފީފާއިން ފަސް ނުޖެހޭނެ ކަމަށްވެސް އިންފެންޓީނޯ ވިދާޅުވިއެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރާއިރު، އެ ސިސްޓަމަކީ ވީޑިއޯގެ އެހީގައި ރެފްރީއަށް ގޮތް ނިންމަން ވަގުތުން އެހީތެރިވެދޭ ސިސްޓަމެކެވެ.

ކުރިއަށް އޮތް ސީޒަންގައި ސްޕެނިޝް ލީގާއި ފްރާންސް ލީގުގައިވެސް ވީއޭއާރް ބޭނުން ކުރަންވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް