ޕާކިސްތާން ގައުމީ ޓީމު ކީޕަރު ސާގިބް ހަނީފް މާޅޮހަށް

ސާގިބް ހަނީފް އެޓީމާ ގުޅުނުކަން އިއުލާންކޮށް މާޅޮސް ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓް --- ފޮޓޯ/ މީސް މީޑިއާ

ޕާސްކިންތާން ގައުމީ ޓީމުގެ ގޯލް ކީޕަރު، ސާގިބް ހަނީފް އއ. މާޅޮސް ފުޓްބޯޅަ ޓީމާ ގުޅިއްޖެއެވެ.

އުމުރުން 23 އަހަރުގެ ސާގިބް ހަނީފަކީ 2013 ވަނަ އަހަރުން ފެށިގެން ޕާކިސްތާން ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރެވެ. އޭނާވަނީ މީގެ ކުރިން ރާއްޖޭގެ ބީޖީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.

މާޅޮހަކީ މިދިޔަ ސީޒަންގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ މަގާމު ހޯދާ ދިވެހި ޕްރިމިއާ ލީގު ކުޅެފައިވާ ޓީމެކެވެ. ކޯޗު އަލީ ނިސްތާރުގެ އިރުޝާދުގެ ދަށުން ކުޅުނު މާޅޯސްވަނީ އުންމީދީ ކުޅުމެއް ދައްކައިފައެވެ.

ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހުގެ ގޯލް ބެލެހެއްޓި ކީޕަރު އިބްރާހީމް ޒަމީރު (އިބޫ) ވަނީ މި ސީޒަނަށް ކްލަބު ވެލެންސިއާއާ ގުޅިފައެވެ.

ވޭތުވެދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕާއި ދިވެހި ޕްރިމިއާ ލީގުގައިވެސް އިބޫވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައިފައެވެ. އެގޮތުން މާޅޮހުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 14 މެޗުން ނުވަ ޕޮއިންޓް ހޯދި އިރު އޭނާގެ ހިއްސާ ބޮޑެވެ.

އިބޫގެ އިތުރުން މާޅޮހުން ވިދާލި އަހްމަދު އާރިފް (އާރީ) މި ސީޒަންގައި ފެނިގެންދަނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ.

މާޅޮހުން މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރަން ޖެހޭނީ ފައިނަލް ބުރުން ފެށިގެންނެވެ.

comment ކޮމެންޓް