ސާކް ބިޒްނަސް ލީޑާސް ކޮންކްލޭވް ނޭޕާލްގައި ފަށައިފި

ސާކް ބިޒްނަސް ލީޑާސް ކޮންކްލޭވް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސާކް ސެކްރެޓޭރިއެޓް

ހަވަނަ ސާކް ބިޒްނަސް ލީޑާސް ކޮންކްލޭވް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ރޭ ފަށައިފިއެވެ.

ކަތުމަންޑޫގައި ފެށި އެ ބައްދަލުވުން ރަސްމީކޮށް ފައްޓަވައިދެއްވީ ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީއެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ބައްދަލުވުމަކީ ސާކް ގައުމުތަކުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ސާކް ސީސީއައ)އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ބައްދަލުވުމެކެވެ.

ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި، ސާކް ސީސީއައިގެ ރައީސް ސޫރަޖް ވައިދްޔާ ވިދާޅުވީ ސާކް ސަރަހައްދަކީ އިންވެސްޓްމެންޓަށް ބޮޑެތި ފުރުސަތުތަކެއް އޮތް ސަރަހައްދެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، 2016 ވަނަ އަހަރު ސާކް ސަރަހައްދުގެ ޖީޑީޕީއަކީ 2.6 ޓްރިލިޔަން ޑޮލަރު ކަމަށާއި، 2030 ވަނަ އަހަރާ ހަމައަށް އެ އަދަދު 6.5 ޓްރިލިޔަން ޑޮލަރަށް އަރައިގެން ދާނެކަމަށް ބެލެވޭކަމަށެވެ.

"އެސްޓިމޭޓުތަކަށް ބަލާއިރު ދެކުނު އޭޝިއާ ސަރަހައްދުގައި 85 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކުރުމުގެ ގާބިލިއްޔަތު އެބަހުރި،" ސާކް ސީސީއައިގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސާކް ސަރަހައްދަކީ ގިނަ އަދަދެއްގެ ގުދުރަތީ ވަސީލަތްތަކާއި މައުދަނުތައް ހުރި ސަރަހައްދެއް ކަމަށެވެ. އަދި ސާކް ސަރަހައްދަކީ އެންމެ ޒުވާނުން ގިނަ ސަރަހައްދުކަމަށާއި، ދުނިޔޭގެ ޒުވާނުންގެ އާބާދީގެެ 26 ޕަސަންޓަކީ ސާކް ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެކުނު އޭޝިއާގެ 52 ޕަސަންޓު މީހުންނަކީ ވަޒީފާ އަދާކުރާ އުމުރުފުރާގެ މީހުން. މި ސަރަހައްދުގެ ސިންދަފާތުކަމާއި، ޖޯގްރަރީއާއި، ތާރީޚާއި ސަގާފަތާއި މޫސުމާއި ގުދުރަތީ ވަސީލަތްތަކާއި ރީތިކަމުގެ ސަބަބުން މިއީ މުޅި ދުނިޔެއަށްވެސް މަގުބޫލު ޓޫރިސްޓް މަންޒިލެއް،" އޭނާ ވިދާޅުވިއެވެ.

ސާކް ބިޒްނަސް ލީޑާސް ކޮންކްލޭވްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒް ރަޝާދާއި، ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާއެވެ. ކޮންކްލޭވްގައި ހިނގާ ޕެނަލް ޑިސްކަޝަންތަކުގައި ދެ ބޭކަނބަލުންވެސް ވާހަކަދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް