މަތިންދާބޯޓެއްގެ އިމަޖެންސީ ދޮރުން ވެއްޓި އެއާހޮސްޓެސްއެއް މަރުވެއްޖެ

އެމިރޭޓްސްގެ ބޯޓެއް. އެމިރޭޓްސްގެ މަތިންދާބޯޓެއްގެ އިމަޖެންސީ ދޮރުން ވެއްޓި އެއާހޮސްޓެސްއެއް ވަނީ މަރުވެފައި--

ޔޫގެންޑާގެ އެންތަބީ އެއާޕޯޓުގައި ޕާކްކޮށްފައި އޮތް އެމިރޭޓްސް އެއާލައިންގެ މަތިންދާބޯޓެއްގެ އިމަޖެންސީ ދޮރުން ވެއްޓި އެއާހޮސްޓެސްއެއް މަރުވެއްޖެއެވެ.

އެމިރޭޓްސްއިން ބުނީ އެއާހޮސްޓެސް، އެލީނާ، ޔޫގެންޑާގެ ކިސުބީ ހޮސްޕިޓަލަށް ވަގުތުން ފަރުވާއަށް ގެންދިޔަކަމަށާއި އެހެންނަމަވެސް ކުޑައިރުކޮޅެއް ތެރޭ އޭނާ މަރުވިކަމަށެވެ.

ޔޫގެންޑާގެ އޭވިއޭޝަން އޮތޯރިޓީން މިހާރު އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ކިސުބީ ހޮސްޕިޓަލުން ބުނީ އެލީނާގެެ މޫނަށާއި އަދި ކަކުލަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އެމިރޭޓްސްއިން ބުނީ އެމައްސަލައިގައި ޔޫގެންޑާގެ އޭވިއޭޝަން އޮތޯރިޓީއާ ފުރިހަމައަށް އެއްބާރުލުން ދޭނެ ކަަމަށެވެ.

އެ ހާދިސާ ހިނގީ ކިހިނެއްކަމެއް ވަނީ ސާފުވާގޮތް ނުވެފައެވެ. މަންޒަރުދުށް ބައެއް މީހުން ބުނީ އެލީނާ ގަސްތުގައި އިމަޖެންސީ ދޮރު ހުޅުވައިގެން ފުންމާލީ ކަމަށެވެ. އަދި އެލީނާ، ބޯޓުގެ އެހެން ކްރޫއިންނާ އަރާރުން ވާތަންވެސް ފެނިފައިވާ ކަމަށް މަންޒަރުދުށް މީހުން ވަނީ ބުނެފައެވެ.

މަންޒަރު ދުށް މީހަކު ބުނީ އެލީނާ ފުންމާލީ ފުޅިއެއް ހިފައިގެން ކަމަށާއި އަދި މޫނަށާއި ގަޔަށް އެހާބޮޑަށް ގެއްލުންލިބުނީ އެ ފުޅީގެ ބިއްލޫރިތަށް ހެރުމުން ކަަމަށެވެ.

comment ކޮމެންޓް