އާދަމް ބެއްޔާބެ މަރުވީ ނަމާދަށް ދަނިކޮށް، ސައިކަލު ދުއްވި ޒުވާނާ އަތުގައި ލައިސެންސެއް ނެތް!

އެކްސިޑެންޓަށްފަހު އިތުރު ފަރުވާއަށް އާދަމް ބެއްޔާބެ ގދ. ތިނަދުއަށް ގެންދަން ލޯންޗުގައި --- ފޮޓޯ/ މީސް މީޑިއާ

އިއްޔެ ގދ. ގައްދުއަށް އިރުއޮއްސިގެން ދިޔައީ ކުއްލި ހަބަރަކާއެކުއެވެ. ބޮޑު ސިހުމެއް ގެނެވި ކަމަކައިގެންނެވެ. ގައްދޫގައި މިފަހުން ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓުގައި އެރަށުގެ ހަނދުވަރީގޭ މުހައްމަދު ޒާހިރު، 80 ނުވަތަ ރަށު މީހުން ދަންނަ ނަމުންނަމަ އާދަމް ބެއްޔާބެގެ މަރާއެކުއެވެ.

ގައްދޫ ކުދިބޮޑު އެންމެންނަށްވެސް ދަންނަ އެކުވެރި އާދަމް ބެއްޔާބެ ނިޔާވި އެކްސިޑެންޓް ހިނގީ، އެރަށު މީހުން ބުނާގޮތުން ނަމަ، އެރަށު ބޭރު މަގާއި ބޮޑު މަގާ ގުޅުނު ކަންމަތިން ބާރު ސްޕީޑުގައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

އާދަމް ބެއްޔާބެ ނިޔާވީ އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ރަށުގެ ދުވަސްވީ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ އާދަމް ބެއްޔާބެގެ ހަށިގަނޑު މިއަދު ހެނދުނުގެ ވަގުތެއްގައި ވަޅުލާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އާދަމް ބެއްޔާބެ މަރުވީ މަޣްރިބް ނަމާދަށް ދިޔަ މަގުމަތީގައި

ގައްދޫ އިން ރޭ ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުން، އާދަމް ބެއްޔާބެ އެކްސިޑެންޓުވީ ގޮނޑުދޮށުގައި ބަޔަކާ ވާހަކަދައްކަން ތިބުމަށްފަހު، މަޣްރިބް ނަމާދަށް މިސްކިތަށް ދިޔަ މަގުމަތީގައެވެ. ބައެއް މީހުން ބުނި ގޮތުގައި، އާދަމް ބެއްޔާބެ އެކްސިޑެންޓުވީ އޭނާގެ ދަރިއެއްގެ ގެއަށް ދިއުމަށްފަހު ނަމާދަށް ދިޔަ މަގުމަތީގައެވެ.

އާދަމް ބެއްޔާބެ އެކްސިޑެންޓުވި ސަރަހައްދުގައި ހުރި ގެއެއްގެ މީހަކު ބުނި ގޮތުގައި، އެމީހުންވެސް ނުކުތީ ބާރު އަޑުފައްގަނޑެއް އިވުމުންނެވެ. ނުކުތް އިރު އާދަމް ބެއްޔާބެ އެކްސިޑެންޓުވެ ވިއްސައިގެން ގޮސްފައި އޮތްތަން ފެނުނު ކަމަށާއި އޭރު ގިނަ އަދަދެއްގެ ލޭ މަގުމަތީގައި ހުރި ކަމަށް ބުނެއެވެ.

އަދި އެކްސިޑެންޓުގައި ހިކިކޮށް ހުންނަ އާދަމް ބެއްޔާބެގެ ފަލަމަސްގަނޑުން ކަށި ފެންނަން ހުރިއިރު، ބޮލުގެ ނާށިގަނޑުގެ ބައެއް ފަޅައިގެން ގޮސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް އެކްސިޑެންޓަށްފަހު އާދަމްބެ ފެނުނު ބައެއް މީހުން ބުނެފައިވެއެވެ.

މައުލޫމާތު އެނގޭ ގައްދޫ ޒުވާނަކު ވެސް ބުނި ގޮތުގައި، އެ އެކްސިޑެންޓް ހިނގި ވަގުތު އެ މަންޒަރު ފެނުނު އަންހެނަކު އަދިވެސް ހުރީ ޝޮކެއްގައެވެ.

އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ކުއްޖާ އަތުގައި ލައިސެންސެއް ނެތް

ސަންއާ ވާހަކަ ދެއްކި ގައްދޫ މީހުން ބުނާ ގޮތުގައި އާދަމް ބެއްޔާބެ ގައިގައި ޖެހުނު ސައިކަލުގައި އިނީ އުމުރުން 17 އަހަރާއި 20 އަހަރުގެ ދެ ޒުވާނުންނެވެ. އަދި އެކްސިޑެންޓުގައި އެ ދެ ޒުވާނުންނަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިގެން ރޭ ވަނީ ގދ. ތިނަދުއަށް ގެންގޮސް ފަރުވާ ދީފައެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެސިސްޓަންޓް ޑިރެކްޓަރު އައިމިނަތު އަބްދުލް ހަކީމް ސަންއަށް މިއަދު ވިދާޅުވީ، ދެ ޒުވާނުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

އެގޮތުން، އެކްސިޑެންޓުގައި ތަނަކު ޖެހުމުން ދެ ޒުވާނުންގެ ތެރެއިން އުމުރުން 17 އަހަރުގެ ޒުވާނާގެ ކޮނޑުހުޅު ލިގަމެންޓަށް އަނިޔާތަކެއް ލިބިފައިހުރި ނަމަވެސް ފަރުވާއަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އައިމިނަތު އަބްދުލް ހަކީމް ވިދާޅުވިއެވެ.

ރޭގެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ އުމުރުން 20 އަހަރުގެ ޒުވާނާ ކަމަށް ސަންއަށް ވަނީ އެނގިފައެވެ. އަދި އިތުބާރު ހިފޭ މަސްދަރު ތަކުންނާއި އެރަށުގެ ބައެއް މީހުން ވެސް ބުނާ ގޮތުގައި ސައިކަލު ދުއްވަން އިން ކުއްޖާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސެއް ނޯވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ ގައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ސައިކަލު ދުއްވަން އިން ޒުވާނާ މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް