ރަޝިޔާއަކީ އަދަބު ދީގެން އެގައުމުގެ ސުލޫކު ބަދަލުކުރެވޭވަރަށްވުރެ މާބޮޑު ބާރެއް: އެންގެލާ މާކަލް

ހަތަރު ވަނަ ދައުރަކަށް ޗާންސެލަރު ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އެންގެލާ މާކަލް ވާހަކަ ދައްކަވަނީ

ބާލިން (މާޗް 16): ރަޝިޔާއާ ކުރިމަތިލުމަކީ ޔޫރަޕަށް މަސްލަހަތު ހުރިގޮތެއްނޫންކަމަށް ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލް ވިދާޅުވެއްޖެއެވެ.

ހަތަރުވަނަ ދައުރަކަށް ޖަރުމަނުގެ ޗާންސެލަރު ކަމުގެ މަގާމަށް ހުވާކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި މާކަލް ވިދާޅުވީ ރަޝިޔާއަކީ އަދަބު ދީގެން އެގައުމުގެ ސުލޫކު ބަދަލުކުރެވޭވަރަށްވުރެ މާބޮޑު ބާރެއްކަމަށާއި ޔުކްރޭންގެ މައްސަލާގައާއި ކްރައިމިޔާގެ މައްސަލާގައި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންވެސް ރަޝިޔާގެ ސުލޫކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމުގައެވެ. އެ ދެމައްސަލާގައި ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕަށް އެތަށް ބިލިޔަން ޑޮލަރެއްގެ ގެއްލުން ލިބުނުކަމަށް ރިޕޯޓްތައް ބުނެއެވެ.

މާކަލް މިބަޔާން ދެއްވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ރަޝިޔާގެ ކުރީގެ ޖާސޫސެއް ކަމަށްވާ ސަރްގީ ސްކްރިބާލް އާއި އޭނާގެ އަންހެން ދަރިފުޅަށް ކެމިކަލް ވިހައެއްދިނީ ރަޝިޔާގެ ޖާސޫސީ އިދާރާއިން ކަމަށް ތުހުމަތުކޮށް ރަޝިޔާގެ 23 ޑިޕްލޮމެޓަކު އިނގިރޭސިވިލާތުން ބޭރުކޮށްލުމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުން ރަޝިޔާއާ ދެކޮޅަށް އެޅި މިފިޔަވަޅަށް ޖަރުމަނު ވިލާތް ތާއީދުކޮށްފައެއް ނުވެއެވެ. ނަމަވެސް ފަރަންސޭސިވިލާތާއި އެމެރިކާވަނީ އިނގިރޭސީންގެ އެ ފިޔަވަޅަށް ތާއީދުކޮށް އެކަމަށް ހިތްވަރު ދީފައެވެ.

އިނގިރޭސި ސަރުކާރުގެ އެފިޔަވަޅަށް ރައްދު ދިނުމުގެގޮތުން ރަޝިޔާއިން ވަނީ އެގައުމުގައި ތިއްބަވާ އިނގިރޭސި ޑިޕްލޮމޭޓުންގެ ތެރެއިން ގިނަ ބަޔަކު ބޭރުކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.

ސްކްރިބާލަށް ވިހަދިނުމުގެ ފަހަތުގައިވަނީ ރަޝިޔާކަމަށް އިނގިރޭސި ސަރުކާރުން ބުނިނަމަވެސް އެކަމާބެހޭ އެއްވެސް ހެއްކެތް އިނގިރޭސި ސަރުކާރަށް ދެއްކިފައިނުވާ ކަމަށް ރަޝިޔާ އިން ބުނެއެވެ.

އެންގެލާ މާކަލް، ޗާންސެލަރު ކަމުގެ ހަތަރުވަނަ ދައުރަކަށް ހުވާކުރެއްވީ އޭނާގެ ސަރުކާރަށް ޖަރުމަނުގެ ޕާލަމެންޓްގައި އަޣްލަބިއްޔަތު ހޯދުމަށް ކުރި މަސައްކަތްތައް އާދަޔާ ޚިޔާލަށް ދިގުދެމިގެން ދިޔުމަށްފަހުގައެވެ. މިމަސައްކަތް ހަމަސްދުވަހަށް ދިގުދެމިގެން ގޮސްފައިވާއިރު މިއީ ޖަރުމަނުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބަށްފަހު ސަރުކާރެއް އެކުލަވާލުން މިހާ ދިގުމުއްދަތަކަށް ލަސްވެގެންދިޔަ ފުރަތަމަ ފަހަރެވެ.

ހަތަރުވަނަ ދައުރަކަށް ޗާންސެލަރު ކަމުގެ މަގާމުގެ ހުވާކުރެއްވިއިރު މާކަލް ހުންނެވީ ސިޔާސީގޮތުން ވަރަށް ބަލިކަށި ހާލަތެއްގައެވެ. ޖަރުމަނުގެ ކްރިސްޓިޔަން ސޯޝަލް ޔޫނިޔަން ޕާޓީއާއި ސޯޝަލިސްޓް ޕާޓީއާއެކު މާކަލްގެ ކްރިސްޓިޔަން ޑިމޮކްރެޓިކް ޔުނިޔަން ގުޅިގެން އުފައްދާފައިވާ ކޯލިޝަން ސަރުކާރުގައި މާކަލްގެ ސިޔާސީ ބާރު ވަރަށްކުޑައެވެ. މިއީ މާކަލްގެ ހަޔާތުގައިވެސް ސިޔާސީބާރު މިހާކުޑަ ހާލަތެއްގައި ވެރިކަމާހަވާލުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ ހަމަސް ކުރިން ޖަރުމަނުގައި ބޭއްވި އާންމު އިންތިޚާބުގައި މާކަލްގެ ކްރިސްޓިޔަން ޑިމޮކްރެޓިކް ޔޫނިޔަންއަށް އެންމެ ގިނަ ވޯޓު ލިބުނު ނަމަވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބޭވަރާ ގާތަށްވެސް މާކަލްގެ ޕާޓީއަށް ގޮނޑި ލިބިފައެއް ނުވެއެވެ. އެހެންކަމުން މާކަލް އަށް ޖެހިވަޑައިގަތީ އެހެން ޕާޓީތަކާ ވާހަކަދައްކައިގެން ކޯލިޝަނެއް އުފައްދާށެވެ. މިކޯލިޝަން އުފެއްދުމަށް ކްރިސްޓިޔަން ސޯޝަލް ޔުނިޔަން ޕާޓީއާއި ސޯޝަލިސްޓް ޕާޓީން އެއްބަސްވީ ކޯލިޝަން ސަރުކާރުގެ ކެބިނެޓްގެ މުހިއްމު މަގާމުތަކާއި އަދި ކަންކަން ނިންމުމުގެވެސް ބޮޑެތި ބާރުތަކެއް އެދެޕާޓީއަށް ދޭގޮތަށެވެ.

އެހެންކަމުން ކޯލިޝަން ލީޑްކޮށް ޗާންސެލަރުކަމުގެ މަގާމުގައި (ބޮޑުވަޒީރުކަމުގެ) ހުންނެވުމުގެ ފުރްސަތު މާކަލް އަށް ލިބިވަޑައިގެންނެވި ނަމަވެސް އޭނާގެ ސަރުކާރުގައި ގަދައީ އަނެއް ދެ ޕާޓީގެ ބާރެވެ. އެންގެލާ މާކަލް ގެ އައު ސަރުކާރުގެ އެޖެންޑާގައި ހިމެނޭ މައިގަނޑު އެއްކަމަކީ ޔޫރަޕްގެ އިއްތިޙާދަށް އިސްލާޙީ ބަދަލުތައް ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް